29 އޯގަސްޓް 2019
މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.
މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.
ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް އަދުނާން އޮގަސްޓް، 2012 ގައި ފުލުހުންގެ ވަޒީފާއިން ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކުން ނެރުނު ރިޕޯޓެއް ނެރުމުގައި ބައިވެރިކޮށް ކަމަށް ތުހުމަތު ކޮށްގެންނެވެ. އަދުނާން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ނޮވެމްބަރު، 2014 ގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް މިދިޔަ އަހަރު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އޭނާ ވަކިކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.
އެ މައްސަަލަ އަދުނާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އަދުނާންގެ ވަކީލް އަދި ކުރީގެ ޑެޕިިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އަދުނާނަށް ތުހުމަތުކުރި ކަންކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނެތް ކަމަށާއި އަދި ވަޒީފާއިން ވަކި ކުރީ ވެސް ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރުމެއް ނެތި ކަމަށެވެ. ވަޒީފާގެ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަން ޖެހެނީ ވަޒީފާދޭ ފަރާތުން ކަން ފާހަގަ ކުރައްވައި، ޝަމީމް ވިދާޅުވީ އަދުނާނަށް ތުހުމަތުކުރާ އަމަލު އޭނާ ކުރިކަން މަދަނީ މިންގަނޑު ސާބިތުކޮށް ދެވޭނެ އެއްވެސް ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނެތް ކަމަށެވެ.
ޝަމީމް ވިދާޅުވީ އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމާފައި އޮތީ އޭނާ ތަހުގީގުގައި ހަނު ހުރުމުގެ ހައްގު ބޭނުން ކޮށްފައިވާތީ އެކަމުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި އެކަމަކު ހަނު ހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެ ކަމަށް އަދުނާނަށް އަންގާފައި ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންވެ، ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމަކީ އޭނާ ވަކިކުރީ ރަނގަޅަށް ކަމަށް ނިންމޭނެ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަންކަން ފާހަގަ ކުރައްވައި، ޝަމީމް އެދިވަޑައިގަތީ އަދުނާނަށް އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ހުކުމްކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށް ދިނުމަށެވެ.
ޖަވާބުގައި ދައުލަތުން ބުނީ އަދުނާން ވަކިކުރީ އެފަދަ މައްސަލައެއްގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރުމެއް ނެތި ކަމަށެވެ. އެގޮތުން، ފުލުހަކު ވަޒީފާއިން ވަކިކުރާ ނަމަ، ވަކިކުރަން ހޯމް މިިނިސްޓަރަށް ފޮނުވުމުގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސްގެ ހުއްދަ އެކަމަށް ހޯދަން ޖެހޭއިރު އަދުނާން ވަކިކުރަން މިނިސްޓަރަށް ފޮނުވީ ކޮމިޝަނާ އޮފް ޕޮލިސްގެ ހުއްދައެއް ނެތި ކަމަށް ދައުލަތުން ބުންޏެވެ.
އެކަމަކު ދައުލަތުން ބުނީ އަދުނާން ވަކި ކުރި ދުވަހުން ފެށިގެން ހުކުމްކުރާ ދުވަހަށް މުސާރަ އާއި އިނާޔަތްތައް ދޭކަށް ނުޖެހޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެ މައްސަލާގައި އަދުނާންގެ ފަރާތުން ދަށު ކޯޓުގައި ދައުވާކުރީ އޭނާ ވަކިކުރަން ނިންމި ނިންމުން ބާތިލްކުރަން ކަމަށް ވެފައި އަދި ދަށު ކޯޓުން ހުކުމް ކޮށްފައި އޮތީ އެގޮތަށް ކަމަށްވުމުންނެވެ. އެހެންވެ، ވޭތުވެދިޔަ މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް މިހާރު ނަގައިދޭން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އަދުނާނަށް ބަދަލު ނަގައިދޭ ހާލަތުގައި ވެސް ނަގައި ދެވޭނީ އެންމެ ގިނަވެގެން އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތަކެވެ. އަދި އެއީ އެފަދަ މައްސަލަތަކުގައި މިހާރު ދައުލަތުން އަމަލުކުރާ އުސޫލު ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ރައްދުގައި ޝަމީމް ވިދާޅުވީ ގާނޫނާ ޚިލާފަށް އަދުނާން ވަޒީފާއިން ވަކި ކުރުމަށް ފަހު އެކަމުގައި ބަދަލު ނަގައި ދެވޭނީ އެއް އަހަރަށް ކަމަށް ދައުލަތުން ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. ބަދަލު ދޭން ޖެހެނީ ދައުލަތުން ގޯސްކޮށް ކުރި އަމަލެއްގެ ސަބަބުން ކަމަށް ވާއިރު، ބަދަލު ނަގައި ދެވޭނެ މިންވަރާ ބެހޭގޮތުން ގާނޫނެއްގައި ވަކި ގޮތެއް ކަނޑަނާޅަނީސް ދައުލަތަށް އެކަން އަމިއްލައަށް ކަނޑަނޭޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ދިނުމަކީ މިހާރު ވެސް ކުރަމުންދާ ކަމެއް ކަމަށާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ މައްސަލާގައި މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވެސް އެގޮތަށް ހުކުމް ކޮށްފައި އެބައޮތް ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ހަމީދުގެ މައްސަލަ އާއި އަދުނާންގެ މައްސަލާގައި ތަފާތުތަކެއް އެބަހުރި ކަމަށާއި ހަމީދަށް ވަޒީފާ ދޭން ސިވިލް ކޯޓުން ކުރިން ހުކުމް ކުރިއިރު ވެސް، އޭނާއަށް މުސާރަ އާއި އިނާޔަތް ދޭން އަމުރުކުރި ކަމަށެވެ. އެކަމަކު އަދުނާންގެ މައްސަލާގައި ދަށު ކޯޓުން އެގޮތަށް ނިންމާފައި ނެތް ކަން ދައުލަތުން ފާހަގަކުރި އެވެ. އަދި ވަޒީފާގެ މައްސަލަތަކުގައި ބަދަލު ނަގައި ދޭއިރު އެއް އަހަރުގެ މުއްދަތަށް ނަގައި ދިނުމަކީ މިހާރު ދައުލަތުން އަމަލުކުރާ އުސޫލު ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެފަދަ މައްސަލަތަކުގައި ދިގު މުއްދަތުތަކަށް ބަދަލު ނަގައިދޭން ފަށައިފި ނަމަ އެތައް އަހަރެއް ފަހުން ވެސް ދައުވާ ކޮށްގެން ބޮޑު އަދަދެއް ހޯދުމުގެ ފުރުސަތު ލިބިގެންދެ އެވެ. އޭގެ ސަބަބުން އެފަދަ މައްސަލަތަކުގައި ބަދަލު ނަގައި ދިނުމުގައި ހަމަހަމަކަން ގެއްލިގެންދާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ކަނޑައެޅޭ ވަކި މުއްދަތަކަށް ބަލައި، ބަދަލު ނަގައި ދިނުމަކީ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު ވެސް ކުރާ ކަމެއް ކަމަށާއި އެގޮތުން އިނގިރޭސިވިލާތުގައި ވެސް ބަދަލު ނަގައިދެނީ އެއް އަހަރަށް ކަމަށް ދައުލަތުން ބުންޏެވެ.
ޝަމީމް ވިދާޅުވީ ގާނޫނުގައި ވަކި ކަމެއް ވަކި ގޮތަކަށް ބަޔާން ކޮށްފައި ނެތް ނަމަ އެކަމަށް ހައްލެއް ހޯދަން ޖެހޭނީ ގާނޫނެއްގައި އެކަން ހިމަނައިގެން ކަމަށެވެ. އެހެންވެ، ބަދަލު ދިނުމާ ގުޅޭގޮތުން ގާނޫނުގައި ވަކި ގޮތެއް ބަޔާން ނުކުރާ ނަމަ ގާނޫނު އިސްލާހު ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެފަދަ މައްސަލަތަކުގައި މިހާރު އަމަލުކުރާ އުސޫލަކީ އެއް އަހަރަށް ބަދަލު ނަގައި ދިނުން ކަމަށް ދައުލަތުން ބުންޏަސް، އެއީ ލިޔެފައި އޮތް އުސޫލެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެ މައްސަލާގައި ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ބައެއް ސުވާލުތައް އަމާޒު ކުރެއްވި އެވެ. އެގޮތުން ދައުލަތުން އެ މައްސަލާގައި ދަށު ކޯޓާއި ހައި ކޯޓުގައި ވަކާލާތުކުރީ ކޮން ގޮތަކަށްތޯ އާއި މައްސަލައެއް ބަދަލު ދޭންޖެހޭ މުއްދަތު ގުނަން ފަށާނީ ގޯސްކޮށް އަމަލުކުރި ހިސާބުން ފެށިގެންތޯ ނުވަތަ އެ ގޯހެއް ދައުލަތަށް ފާހަގަވާ ހިސާބުންތޯ ފެށިގެން ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ދަށު ކޯޓާއި ހައި ކޯޓުގައި ވަކާލާތުކުރީ އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ބުނެ ކަމަށާއި އެކަމަކު އެ މައްސަލަ ފަހުން ދިރާސާ ކުރިއިރު އެކަމުގައި އިޖްރާއާތާ ޚިލާފް ކަންތައްތަކެއް ހުރިކަން ފާހަގަވީ ކަމަށެވެ. އެކަމަކު ބަދަލު ދޭންޖެހޭ މުއްދަތު ގުނަން ފަށާނީ ގޯސްކޮށް އަމަލުކުރި ހިސާބުން ފެށިގެން ކަމަށް ދައުލަތުން އެއްބަސްވި އެވެ.
ދެ ފަރާތަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދެއްވުމަށް ފަހު އެ މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ އެއްކޮށް ނިންމާލައިފަ އެވެ. އަދި ހުކުމް ކުރާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އާދަމް މުހައްމަދެވެ.
ޔާމީންގެ ދައްތައަށް ވަޒީފާދޭން އެންގުމުން ސުޕްރީމްކޯޓަށް
ޖަމްޝީދާއި ޓޫފޯ ވަކިކުރުން ސުޕްރީމް ކޯޓުން ނުހުއްޓުވި
ޖަމްޝީދާއި ޓޫފޯ ވަކިކުރުން ހުއްޓުވަން ސުޕްރީމް ކޯޓަށް
އަދުނާން ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް
ވަކިކުރި ދެ ފުލުހަކަށް ވަޒީފާދޭން އަމުރުކޮށްފި
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
ޝާދިޔާގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް
ޝާދިޔާ ބަންދުކުރި މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
މައްސަލަ ކޯޓުގައި އޮއްވާ ޕްރޮމޯޝަން ދިނުމުން ސުވާލު