Roadha Mihaaru
ދެ ކާރެއްގައި އެއް ބޯޑެއް! އެއް ކާރު ޓޯކޮށްފި

ދެ ކާރެއްގައި އެއް ބޯޑެއް! އެއް ކާރު ޓޯކޮށްފި

28 އޯގަސްޓް 2019

ދެ ކާރެއްގައި އެއް ނަމްބަރު ބޯޑު ޖަހައިގެން ގެންގުޅުނު މައްސަލާގައި އޭގެ ތެރެއިން އެއް ކާރު ފުލުހުން ޓޯކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދެ ކާރެއްގައި އެއް ނަމްބަރު ބޯޑު ޖަހައިގެން ގެންގުޅުނު މައްސަލާގައި އޭގެ ތެރެއިން އެއް ކާރު ފުލުހުން ޓޯކޮށްފި އެވެ.

މި ދެ ކާރަކީ ވެސް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދުގެ އެއްޗެހި ކަމަށް، ސޯޝަލް މީޑިއާގައި ވާހަކަ ފެތުރުނަސް އެކަން އޭނާ ދޮގުކުރެއްވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް މިހާރު ހުންނެވި ޝަމްހީދު ވިދާޅުވީ އެއިން އެއްވެސް ކާރެއް އޭނާގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިިން ރަތް ކާރު އޭނާ ދުއްވާ ކަމަށާއި އެއީ އޭނާގެ ތިމާގެ މީހެއްގެ ނަން މަތީގައި، ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދުއްވާ ކާރެއް ރަތް ކުލައިގެ ކާރަކީ. އޭގެ ރަޖިސްޓްރީގައި އެއްވެސް މައްސަލައެއް ނޯންނާނެ. އެކަމަކު އެއީ އަޅުގަނޑުގެ ކާރެއް ނޫން،" ޝަމްހީދު ވިދާޅުވި އެވެ.

"ކެޑެލެކް" ބްރޭންޑްގެ ދެ ކާރުގެ ތެރެއިން ނުބައި ނަންބަރު ބޯޑެއް ޖަހާފައި އޮތް ކަޅު ކުލައިގެ ކާރު ނިސްބަތްވަނީ، ޝަމްހީދު ވިދާޅުވި ގޮތުގައި، އޭނާ މަސައްކަތް ކުރައްވަމުން އަންނަ ކުންފުންޏަކަށެވެ.

"އެކަމަކު އެ ކުންފުނީގައި ވެސް އަޅުގަނޑުގެ ޝެއާއެއް ނޯންނާނެ،" ޝަމްހީދު ވިދާޅުވި އެވެ.

ފުލުހުން ޓޯކުރި އެ ކާރު އަސްލު ރަޖިސްޓްރީކޮށްފައި ވަނީ އައްޑޫ ސަރަހައްދު ނިސްބަތްވާ "ބީ" ޒޯނަށެވެ.

އެހެން ޒޯނެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް މާލޭގައި ދުއްވާ ނަމަ ޓްރާންސްޕޯޓަށް ހުށަހަޅައިގެން ޒޯން ބަދަލުކުރަން ޖެހެ އެވެ.

ޝަމްހީދު ދުއްވާ ކާރުގެ ރަޖިސްޓްރީ ނަންބަރު، އަނެއް ކާރުގައި ޖަހާފައި އޮތީ ކީއްވެގެންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެ ނަމްބަރު ބޯޑު ހަރުކުރީ ޑްރައިވަރަކަށް މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކަށް އޮޅިގެން ކަމަށް، އޭނާއަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެކަމެއް ހިނގިއިރު އަޅުގަނޑު ރަށަކު ވެސް ނެތިން. އެ ބޯޑެއް އެޅުވި ފަހުން އެ ކާރު ނުވެސް ދުއްވާ. އެހެން އޮއްވައި ފުލުހުން ޓޯކުރީ ވެސް،" ޝަމްހީދު ވިދާޅުވި އެވެ.