Roadha Mihaaru
ޓެކްސީއެއް ޓޯކުރަނިކޮށް ލިބުނު ގެއްލުން މަރާމާތުކޮށްދެނީ

ޓޯކުރަނިކޮށް ޓެކްސީއަކަށް ލިބުނު ގެއްލުން މަރާމާތުކޮށް، މައްސަލަ ބަލަނީ

01 އޯގަސްޓް 2024

ގަވާއިދާ ޚިލާފުވި ޓެކްސީއެއް ޓޯކުރަނިކޮށް ލިބުނު ގެއްލުން މަރާމާތުކޮށްދީ، އެކަން ހިނގި ގޮތް ބަލާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގަވާއިދާ ޚިލާފުވި ޓެކްސީއެއް ޓޯކުރަނިކޮށް ލިބުނު ގެއްލުން މަރާމާތުކޮށްދީ، އެކަން ހިނގި ގޮތް ބަލާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކާރެއްގެ ބިއްލޫރިގަނޑު ތެޅި، ކޫރުން އެޅި ގެއްލުންތަކެއް ލިބިފައިވާ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި މީހަކު ވަނީ އާއްމުކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެއީ، ފުލުހުން އެ ކާރު ޓޯކުރިއިރު ލިބުނު ގެއްލުމެވެ.

އެކަމުގެ ޒިންމާ ނަގާނެ ބަޔަކާ މެދު ސުވާލު އުފައްދައި، މައްސަލަ ހުށަހަޅައިފި ނަމަ އިންސާފު ނުލިބޭނެ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ލިއެފައިވެ އެވެ.

އެ ވާހަކައަށް ރައްދު ދެއްވައި، ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ ކާރަށް ލިބުނު ގެއްލުންތައް ރަނގަޅުކުރަން ވެރި ފަރާތަށް ފުލުހުން އެހީވެދޭނެ ކަމަށެވެ. އެ ގެއްލުން ލިބުނު ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ޕޮލިހުން ޓޯ ކުރަނިކޮށް ގެއްލުންވި ޓެކްސީ.

ޕޮލިހުން ޓޯ ކުރަނިކޮށް ގެއްލުންވި ޓެކްސީ.

ޓެކްސީތަކާއި އެހެން އުޅަނދުތައް އާއްމުކޮށް ފުލުހުން ޓޯކުރަނީ ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް ޕާކުކުރުމުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ ޓެކްސީ ޓޯކުރީ ގަވާއިދާ ޚިލާފަށް، ރަށްދެބައިމަގު، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ކައިރި ސައިކަލް ޒޯނެއްގައި ޕާކުކޮށްފައި އޮތުމުންނެވެ.

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، ޓޯކުރަނިކޮށް ލިބޭ ގެއްލުމާއި އުޅަނދު ރައްކާތެރިކަމާ އެކު ގެންގޮސް ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ ޓޯކުރި ފަރާތުންނެވެ.

ކާރަށް ގެއްލުން ވެފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި އާއްމުކުރި ފޮޓޯއެއް.

ކާރަށް ގެއްލުން ވެފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި އާއްމުކުރި ފޮޓޯއެއް.

ގަވާއިދުގައިވާ ގޮތުން، ޓޯކުރި ފަރާތުން ޒިންމާވާން ނުޖެހޭނީ އެ އުޅަނދު ގެންގޮސް ބަހައްޓާފައި ހުންނަ އިރު، ގުދުރަތީ ގޮތުން ނުވަތަ ކާރިސާއަކުން ނުވަތަ ހާދިސާއަކުން އެއަށް ލިބޭ ގެއްލުންތަަކަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕޮލިހުން ގުޅިގެން މިދިޔަ މޭ މަހާއި ޖޫން މަހު ގިނަ އަދަދެއްގެ ވެހިކަލް ޓޯކުރި އެވެ. އެއީ، މަގުމަތީގައި ހިނގާ މީހުންނާއި ހާއްސަކޮށް، ބަހާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ވެސް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކް ކުރާ މައްސަލަ ބޮޑުވެގެންނެވެ.

އޭރު ގިނަ އަދަދެއްގެ ވެހިކަލް ޓޯކުރި ނަމަވެސް އެކަށީގެންވާ ޖާގަ ނެތިގެން މިވަގުތަށް އެކަން ވަނީ ހުއްޓާލައިފަ އެވެ.