26 އޯގަސްޓް 2019
މާލީ ބޮޑު އެހީތެރިކަމެއް ރާއްޖެ އަށް މިހާރު ވެސް ދެމުން އަންނަ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ހަކަތަ އާއި ކުނި މެނޭޖްކުރުމަށް އިތުރު 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.
މާލީ ބޮޑު އެހީތެރިކަމެއް ރާއްޖެ އަށް މިހާރު ވެސް ދެމުން އަންނަ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ހަކަތަ އާއި ކުނި މެނޭޖްކުރުމަށް އިތުރު 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭޑީބީގެ ރައީސް ޓަކެހީކޯ ނަކާއޯ ވިދާޅުވީ، އިތުރު އެހީތައް ދިނުމަށް އެއްބަސްވެފައިވަނީ އިޔާދަކުނިވި ހަކަތައިގެ މަޝްރޫއުތަކާއި ކުނި މެނޭޖް ކުރުމުގެ މަޝްރޫއުތަކަށް ކަމަށެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް ކުރިއަށް އޮތް ދެ އަހަރަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ކުނި މެނޭޖްކުރުމަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމާފަ އެވެ.
އޭޑީބީން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭޑީބީން ލޯނާއި ހިލޭ އެހީ އާއި އިންވެސްޓްމެންޓްގެ ގޮތުގައި ރާއްޖެ އަށް 277 މިލިއަން ޑޮލަރުގެ އެހީ ދީފައިވާ އިރު ފަންނީ އެހީއަށް 29 މިލިއަން ޑޮލަރު ވަނީ ދީފަ އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ސިއްހީ ދާއިރާ އާއި ތައުލީމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާން ވިސްނަވާ ކަމަށެވެ. އޭޑީބީން އެހީވުމުގައި ހިލޭ އެހީގެ ބަދަލުގައި ކޮންސެޝަނަލް ލޯނުތައް ދިނުމަށް ވަނީ ނިންމާފަ އެވެ. އޭޑީބީން ދޭ ކޮންސެޝަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓަކީ އެއް ޕަސެންޓެވެ.
މި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން އެކުލަވާލާ ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭން ތައްޔާރުކުރުމުގައި އޭޑީބީގެ އެހީތެރިކަން ލިބުނު ކަމަށެވެ. އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭންގެ ފުރަތަމަ ޑްރާފްޓް ނިންމާލެވޭނެ އެވެ.
"އޭޑީބީން ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ރީޕޯމް ޕްލޭން އެކުލަވާލުމުގައި އަންނަނީ އެހީވަމުން. މިކަން ކުރަނީ ސަރުކާރުގެ ހާއްސަ އެދުމަކާ އެކު،" އޭނާ ވިދާޅުވި އެވެ.
މިދިޔަ 41 އަހަރު ތެރޭ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އޭޑީބީން ބޮޑު އެހީއެއް ވެފައިވާކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިޔާދަކުރަނިވި ހަކަތަ އާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ--ފޮޓޯ: އިމްރާހިމް އަމީރު
"މި ބޭންކުން އެހީވެފައިވަނީ ހަމައެކަނި، ސަރުކާރަކަށް ނޫން. އެކަމަކު އަމިއްލަ ކުންފުނިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވޭ. އެގޮތުން މިފަހުން ނިމުނު މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓްޕައިޒަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގައި ވަނީ އެހީވެފައި،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާ އެންމެ މުހިއްމު ޕްރޮޖެކްޓްތަކުގައި އޭޑީބީ އެހީތެރިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، މިހާރު ވެސް ގްރޭޓާ މާލޭ އެންވަޔަރްމެންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓަށް ބޮޑު އެހީތެރިކަމެއް އޭޑީބީން ވަމުން އަންނަ ކަމަށެވެ. ވޭސްޓްމެންޓަށް 35 މިލިއަން ޑޮލަރުގެ އެހީ އޭޑީބީން ވަނީ ދީފަ އެވެ.
ނަކާއޯ ވިދާޅުވީ، މިއީ ރާއްޖެ އަށް އައުމަށް ރަނގަޅު ވަގުތެއް ކަމަށާއި މިދިޔަ ފަސް އަހަރުގައި ރާއްޖެއިން ހޯދާފައިވާ އިގްތިސާދީ ކުރިއެރުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށެވެ.
މިދިޔަ ފަސް އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވްރެޖުކޮށް ހުރީ ހަ ޕަސެންޓުގަ އެވެ.
އޭޑީބީގެ ރައީސް ޓަކެހީކޯ ނަކާއޯ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު
"ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ކުރިއަށްދާ އިރު މި ދާއިރާ އިތުރަށް ކުރިއަރުވައި ރާއްޖެއިން އޭގެ ފައިދާ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މިއަދު ވަނީ މަޝްވަރާ ކުރެވިފައި. އެގޮތުން ގެސްޓް ހައުސްތައް ތަރައްގީކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.
ނަކޯއޯ ވިދާޅުވީ، އިގްތިސާދީ ގޮތުން ކުރިއަރަމުންދާ އިރު ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ބޮޑުވުން ކަމަށެވެ. އެކަމަށްޓަކާއި މުހިއްމު ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަކާއޯ މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އޭޑީބީން ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި
ވެބްފޮންޓެއިނާ ހަވާލުކުރުމުގައި ގޯހެއް ނުހަދަން:ފިނޭންސް
100 މިލިއަން ރުފިޔާގެ މަޝްރޫއު އޭޑީބީން ހުއްޓުވައިފި
އޭޑީބީގެ ރައީސް ރާއްޖެ ވަޑައިގެންފި
އޭޑީބީން ރާއްޖެ އަށް 33 މިލިއަން ޑޮލަރު ދެނީ
ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު އޭޑީބީން ހޯދަނީ
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ!
ލޯނު ދޭނެކަމުގެ ޔަގީންކަން އޮތީ ދީފައި: އަމީރު
އަތޮޅު ފިހާރައިން ކައުންސިލްތަކަށް 125މިލިއަން ނުލިބޭ
ފިނޭންސްގެ އިމާރާތުގެ ފުރަތަމަ ފްލޯ މުޖުތަބާގެ ނަމަށް