Roadha Mihaaru
"އިންދިރާސް" އަލުން ހަދަން ނިންމައިފި

މީގެ 8 އަހަރު ކުރިން ހަދަން އުޅުނު "އިންދިރާސް" އަލުން ހަދަން ނިންމައިފި

22 އޯގަސްޓް 2019

މީގެ އަށް އަހަރު ކުރިން ރަވީ ފާރޫގް ޑައިރެކްޓްކޮށް ގެނެސްދޭން އުޅުނު ފިލްމު "އިންދިރާސް" ގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އަށް އަހަރު ކުރިން ރަވީ ފާރޫގް ޑައިރެކްޓްކޮށް ގެނެސްދޭން އުޅުނު ފިލްމު "އިންދިރާސް" ގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

މި ފިލްމަކީ މުހައްމަދު (މުހައްމާކަލޯ) އަބްދުﷲ ގެ ދެކެދެކެ ވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް، މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ފެށި ފިލްމެކެވެ. ފިލްމުގެ ބަތަލަކީ އަބްދުﷲ (މުއާ) މުއާޒެވެ. ނަމަވެސް "އިންދިރާސް" ގެ މަސައްކަތް ފެށިތަނާ އެކި ކަހަލަ މައްސަލަތައް ދިމާވެގެން އޭގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.

ނަމަވެސް މުހައްމާ ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމަކީ ކޮންމެހެން ވެސް ބެލުންތެރިންނަށް ކިޔައިދޭން ޖެހޭ ކަހަލަ ވާހަކައެއް ކަމަށް ވާތީ ފިލްމު ހަދާނެ އެވެ. އެގޮތުން "އިންދިރާސް" ގެ މަސައްކަތް އަލުން ފަށައި، އެ ފިލްމު ގެނެސްދޭން ހަމަޖެހިފައި ވަނީ މުހައްމާ އާއި މުއާ ގުޅިގެންނެވެ.

މިދިޔަ މަހު ރިލީޒްކުރި "ލީނާ" ގެ ވެސް ޑައިރެކްޓަރު މުއާ ބުނީ "އިންދިރާސް" އޭނާ ކުޅޭ ގޮތަށް ޑައިރެކްޝަނާ ވެސް ހަވާލުވެފައިވާ ކަމަށެވެ.

"މި ފިލްމަކީ ހަގީގަތުގައި ވަރަށް ބޮޑު މަސައްކަތެއް. އެހެންވެ ފިލްމަށް ފުދޭ ވަރަކަށް ވަގުތު ނަގާނެ،" އޭނާ ބުންޏެވެ. "ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ފިލްމުގެ މަސައްކަތް ފަށާނީ. އެހެންވެ ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި ނުނިންމާ. އެކަމަކު ވަރަށް ވެސް ފުރިހަމަ ފިލްމެއްގެ ގޮތުގައި އިންދިރާސް ގެނެސްދޭން މަސައްކަތް ކުރާނަން."

މުއާ ބުނި ގޮތުގައި "އިންދިރާސް" އަކީ ރާއްޖޭގެ މިހާރުގެ މުޖުތަމައުގެ ހާލަތާ ވަރަށް ގުޅޭ އެއްޗެކެވެ. މީގެ މައިގަނޑު ޕްލޮޓަކީ ކުށުގެ ވެއްޓެއްގެ ތެރެއިން ހަލާކުވާ ޒުވާނެއްގެ ވާހަކަ އެވެ.

"ފިލްމު އަލުން ހަދާ އިރު ސްކްރިޕްޓަށް ކުދިކުދި އަޕްޑޭޓްތައް ގެންނަން ޖެހުނަސް ރާއްޖޭގެ މިހާރުގެ ސޮސައިޓީގެ ތެރޭގައި ހުރި މައްސަލަތައް އިންދިރާސްގައި އެބަހުރި،" އޭނާ ބުންޏެވެ.

މުއާ ބުނި ގޮތުގައި "އިންދިރާސް" ގެ ކުރިން އަންނަ އަހަރު "ސިހުރު" ކިޔާ ބިރުވެރި ފިލްމެއް އޭނާ ގެނެސް ދޭނެ އެވެ. އަދި އޭގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ބުންޏެވެ.