Roadha Mihaaru
"ވިޝްކާ" ލަސްވަނީ ޓެކްނިކަލް މައްސަލަތަކާ ހެދި

"ވިޝްކާ" ލަސްވަނީ ޓެކްނިކަލް މައްސަލަތަކާ ހެދި: ރިޝްމީ

27 ސެޕްޓެމްބަރ 2016

މިދިޔަ މަހު ރިލީޒް ކުރަން ނިންމި ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ބެލުންތެރިންނާ ހަމައަށް ގެނެސް ނުދެވި ލަސްވަނީ ޓެކްނިކަލް މައްސަލަތަކަކާ ހެދި ކަމަށް ޔާރާ އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ރިލީޒް ކުރަން ނިންމި ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ބެލުންތެރިންނާ ހަމައަށް ގެނެސް ނުދެވި ލަސްވަނީ ޓެކްނިކަލް މައްސަލަތަކަކާ ހެދި ކަމަށް ޔާރާ އިން ބުނެފި އެވެ.

އޮގަސްޓް މަހު "ވިޝްކާ" ރިލީޒް ކުރަން ކުރިން ނިންމި ނަމަވެސް ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ. އެ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޝްވެކް ސިނަމާގަ އެވެ.

ޕްރޮޑިއުސަރު އަދި ބަތަލާ ރިޝްމީ ރަމީޒް ބުނީ ޓެކްނިކަލް މައްސަލަތަކާ ހެދި ފިލްމް ލަސްވި ނަމަވެސް، ރިލީޒް ކުރާނެ ތާރީހެއް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

"މިހާރު ކުރިއަށް ދަނީ ބެކް މިއުޒިކާއި ކަލަ ކަރެކްޝަންގެ މަސައްކަތް،" އޭނާ ބުންޏެވެ.

"ވިޝްކާ" ގެ ބެކް މިއުޒިކް ހަދައިދެނީ މުހައްމަދު އިކްރާމެވެ.

ރަވީ ފާރޫގް ޑައިރެކްޓްކޮށް ލީޑް އެކްޓަރުގެ ރޯލުން ފެނިގެންދާ މި ފިލްމަކީ ކްރައިމް ތުރިލާއެކެވެ. އަބްދުﷲ ވިޝާމްގެ ވާހަކައަކަށް ހަދާފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަހުދީ އަހުމަދެވެ.

ރިޝްމީ އާއި ރަވީގެ އިތުރުން "ވިޝްކާ" ގެ ވަރަށް މުހިއްމު ރޯލަކުން އަހުމަދު ސައީދު ވެސް ފެނިގެން ދާނެ އެވެ. މީގެ އިތުރުން ފިލްމުން ގިނަ އާ އެކްޓަރުންތަކެެއް ވެސް ބައިވެރިވެ އެވެ.

"ވިޝްކާ" ގެ ޓްރެއިލާ އާއި ފިލްމުގައި ހިމެނޭ ޑުއެޓް ލަވަ "އާދޭ މިއަދު ދާން" ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިރު، މި ފިލްމަކީ މި އަހަރު ރިލީޒް ކުރާ ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ އެއް ފިލްމެވެ.

އަނެއްކޮޅުން މިއީ 2012 ގައި ރިލީޒް ކުރި "ހިތް ޔާރާ ދީފާ" އަށް ފަހު ޔާރާ އިން ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި ރިޝްމީގެ ފުރަތަމަ ޕްރޮޑަކްޝަނެވެ.