Roadha Mihaaru
"ލީނާ" 29 ގައި ހުޅުމާލޭ ޝްވެކަށް

"ލީނާ" މި މަހުގެ 29 ގައި ހުޅުމާލޭ ޝްވެކް ސިނަމާ އަށް

21 އޯގަސްޓް 2019

މިދިޔަ މަހު އޮލިމްޕަސް ސިނަމާގައި ދެއްކި ފިލްމު "ލީނާ" މި މަހުގެ 29 އިން ފެށިގެން ހުޅުމާލޭ ޝްވެކް ސިނަމާގައި ދައްކަން ނިންމައިފި އެވެ

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު އޮލިމްޕަސް ސިނަމާގައި ދެއްކި ފިލްމު "ލީނާ" މި މަހުގެ 29 އިން ފެށިގެން ހުޅުމާލޭ ޝްވެކް ސިނަމާގައި ދައްކަން ނިންމައިފި އެވެ

ފިލްމުގެ އެއް ބަތަލު އަދި ޑައިރެކްޓަރު އަބްދުﷲ (މުއާ) މުއާޒް ބުނީ ހުޅުމާލޭ ޝްވެކްގައި 29 ގައި ފިލްމު އަޅުވައި، ތަރުހީބަށް ބަލާފައި ޝޯތައް އިތުރު ކުރާނެ ކަމަށެވެ. އޭނާ ބުނީ ފިލްމު އަލުން އަޅުވަން ނިންމީ އަދިވެސް "ލީނާ" ބަލައިލަން ބޭނުންވާ ގިނަ ބަޔަކު ތިބުމުން ކަމަށެވެ. އަދި މި މަހުގެ 25 ގައި ޓިކެޓަށް ހުޅުވައިލާނެ ކަމަށް ބުންޏެވެ.

"ވަރަށް ގިނަ ރިކުއެސްޓްތައް ވެސް އަންނާތީ ފިލްމު އަޅުވަން ނިންމީ،" މުއާ ބުންޏެވެ. "ހަގީގަތުގައި އަހަރެމެން ޝޯތައް ދައްކަން ބޭނުންވި ވަރަށް އޮލިމްޕަހުގެ ޑޭޓްގެ ތާށިކަން ހުރީމަ ފިލްމު އެތަނުގައި ޝޯތައް ކުރިއަށް ގެންދަން ފުރުސަތު ނުލިބުނީ."

މިދިޔަ މަހުގެ 23 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރި "ލީނާ" ގެ 15 ޝޯ އެ ސިނަމާގައި ދައްކާފައިވާ އިރު، އޭގެ ތެރެއިން 11 ޝޯ ހައުސްފުލް ކަމަށް މުއާ ބުންޏެވެ. އަދި ފިލްމު 16 އަށް ވުރެ ގިނަ ރަށްރަށުގައި މިހާތަނަށް ދައްކާފައިވާ އިރު، މި ހަފުތާ ބަންދުގައި ވެސް 10 ވަރަކަށް ރަށުގައި "ލީނާ" އަޅުވާނެ ކަމަށް ބުންޏެވެ.

"މި ފިލްމު ބަލަން ބޭނުންވެގެން ވަރަށް ގިނަ ރަށްރަށުން އެބަގުޅާ. އަހަރެން ގަބޫލުކުރާ ގޮތުގައި ފިލްމު ރަނގަޅުވީމަ ފިލްމު ބަލަން ގިނަ ބަޔަކު ބޭނުންވާނީ. އެހެންވެ ވީހާ ވެސް ރަށްރަށުގައި ވެސް ފިލްމު ދެއްކުން ޓާގެޓަކީ،" ޑައިރެކްޓް ކުރި އަލަތު ފީޗާ ފިލްމާ ބެހޭ ގޮތުން މުއާ ބުންޏެވެ.

"ލީނާ" އަކީ ރާއްޖޭގައި ކުރިން ހިނގާފައި އޮތް މަރުގެ ހާދިސާއަކުން އިންސްޕަޔާވެގެން ހެދި ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅުނީ މަރިޔަމް އައްޒަ އެވެ.

މުއާ އާއި އައްޒަގެ އިތުރުން މީގެ ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، ނުޒުހަތު (ނުޒޫ) ޝުއައިބް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހޭ ފިލްމަށް ލިބުނު އަދި ލިބެމުން އަންނަ ތަރުހީދާ ދޭތެރޭ. ގިނައިން ލިބުނީ ވެސް ޕޮޒިޓިވް ކޮމެންޓްސް،" މުއާ ބުންޏެވެ.