Roadha Mihaaru
"ދިރާގު ޕޭ": ރޯޑްރޭހުގެ ބައިވެރިންނަށް ޑިސްކައުންޓެއް

"ދިރާގު ޕޭ": ރޯޑްރޭހުގެ ބައިވެރިންނަށް 50 ޕަސެންޓް ޑިސްކައުންޓެއް!

19 އޯގަސްޓް 2019

ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ރަޖިސްޓްރީކުރާއިރު "ދިރާގު ޕޭ" މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް އެ ކުންފުނިން ދެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ރަޖިސްޓްރީކުރާއިރު "ދިރާގު ޕޭ" މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް އެ ކުންފުނިން ދެ އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ރޯޑްރޭހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު www.dmrr.mv ވެބްސައިޓުން ހުޅުވާލާފައިވާއިރު ރަޖިސްޓްރޭޝަން ފީ ދައްކަން އޮތް ދެ ގޮތަކީ "ދިރާގު ޕޭ" ގެ އިތުރުން ބެންކް އޮފް މޯލްޑިވްސް ގޭޓްވޭ އެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު އެކުންފުނިން ތައާރަފުކުރި ކޭޝްލެސް ނުވަތަ ޕްލާސްޓިކް ކާޑް ބޭނުން ނުވާ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއާ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި، ރައްކާތެރިކަމާ އެކު ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ އެވެ.

ރޭހުގެ ރަޖިސްޓްރޭޝަން ފީ ގެ ގޮތުގައި ނަގާ 100ރ. އަކީ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ދިރާގުން ދޭ އެހީއެކެވެ. އެހެންވެ ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފުރަތަމަ 1000 ބައިވެރިންނަށްދޭ 50 ޕަސެންޓުގެ ޑިސްކައުންޓާ އެކު އެ ދުވުންތެރިޔާގެ ފަރާތުން އަނެއް 50 ޕަސެންޓް ޑޮނޭޓްކުރާނީ ދިރާގުންނެވެ. ރަޖިސްރޭޝަނަށް ދައްކާ 100ރ. ގެ އިތުރުން ވެސް، އެއަށް ވުރެ ބޮޑު އަދަދެއް ބައިވެރިންނަށް ޑޮނޭޓްކުރެވިދާނެ އެވެ.

ރޭސް މެދުވެރިކޮށް ދިރާގުން ވަނީ 2018 ވަނަ އަހަރު 10 އެންޖީއޯ އަކަށް ޖުމްލަ 600،000ރ. ހަދިޔާކޮށްފަ އެވެ. އެއީ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ދެއްކި ފައިސާ ނުވަތަ ޑޮނޭޝަނުގެ %100 ގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި ފަސް ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި 200،000ރ. ގެ ފައިސާގެ އިނާމެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މި ފަހަރު ވަރަށް ގިނަ ގޮތްގޮތުން ތަފާތެވެ. އެންމެ ހާއްސަ ކަމަކީ 10 ކިލޯމީޓަރު ރޭހާއި ފަސް ކިލޯމީޓަރު ރޭސް ދެ ވަގުތެއްގައި ބޭއްވުމެވެ. މާނައަކީ ހެނދުނު 6 ޖަހާއިރު ފަށާ 10 ކިލޯމީޓަރު ރޭހުގައި ދުވުމަށް ފަހު އެ ދުވަހު ހަވީރު 4:30 ފައި ފަށާ ފަސް ކިލޯމީޓަރު ރޭހުގައި ވެސް ދުވަން ފުރުސަތު ލިބުމެވެ.

މި ފަހަރުގެ ހާއްސަ އަނެއް ކަމަކީ އަމިއްލަ އަށް ބިބް ނަމްބަރެއް އިހުތިޔާރުކުރުމުގެ ފުރުސަތު ލިބުމެވެ. އެ ފުރުސަތާ އެކު ރަޖިސްޓްރީކުރާ ނަމަ ދައްކަން ޖެހޭނީ 500ރ. އެވެ.

މިއީ ދިރާގުން 2007 ވަނަ އަހަރު ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ 13 ވަނަ އަހަރެވެ. މި ރޭސް 2015 ވަނަ އަހަރާ ހަމަޔަށް ބާއްވަމުން އައީ މާލޭގަ އެވެ. އެކަމަކު 2016 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަން ފެށުމުން ރޭހަށް އިތުރު ފުރިހަމަކަމެއް ވަނީ ލިބިފަ އެވެ.