Roadha Mihaaru
ކޮމިޝަންތައް "މިނިވަންކުރަން" އިސްލާހުތަކެއް!

ކޮރަޕްޝަން ހުއްޓުވައި ނުފޫޒު ނުފޯރުވޭ ގޮތަށް ކޮމިޝަންތަކުގެ ގާނޫނަށް އިސްލާހުތަކެއް

18 އޯގަސްޓް 2019

މިނިވަން މުއައްސަސާތަކާއި މިނިވަން މަގާމުތަކަށް ނުފޫޒު ފޯރުވައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ގާނޫނުތަކަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިނިވަން މުއައްސަސާތަކާއި މިނިވަން މަގާމުތަކަށް ނުފޫޒު ފޯރުވައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ގާނޫނުތަކަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

އިސްލާހު ގެންނަ ގާނޫނުތަކުގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ އިތުރުން ޕްރޮސިކިއުޓަ ޖެނެރަލް އަދި އޮޑިޓަ ޖެނެރަލްގެ ގާނޫނު ހިމެނެ އެވެ.

ގާނޫނުއަސާސީގައި މިހާރު ވެސް ކަނޑައަޅާފައި އޮތީ މި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާނީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާ އެކުގައި ކަމަށެވެ. އެކަމަކު ވޭތުވެދިޔަ ފަސް އަހަރު މި މުއައްސަސާތަކުގެ މިނިވަންކަން އޮތީ ގެއްލިފަ އެވެ.

ސަރުކާރުން ފޯރުވި ނުފޫޒުގައި ޖެހި، ހުރިހާ މުއައްސަސާތައް ވެސް ފެނުނީ ޒިންމާ އިން ރެކިގަނެގެން ތިބި މަންޒަރެވެ. އެހެންވެ މި ކޮމިޝަންތަކަށް އޮތް އިތުބާރު ވަނީ ގެއްލިފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮމިޝަންތަކުގެ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތައައްސަބުން އެއްކިބާވެ، މިނިވަންކަމާ އެކުގައިކަން ކަށަވަރު ކުރަން ކަމަށެވެ. އޭގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު މިނިވަންކަމާ އެކު އަދާކުރަން ލާޒިމްކުރުމާއި ކޮމިޝަންތަކުގެ މުވައްޒަފުން ވެސް މިފަދަ އުސޫލްތައް ހިފެހެއްޓުމަށް ބާރުއަޅާ އިސްލާހުތައް ހިމެނޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކޮމިޝަންތަކުގެ ގާނޫނުތަކަށް ހުށަހަޅާ ބައެއް އިސްލާހު:

- މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި އެ މެމްބަރުންގެ އާއިލީ މެމްބަރުންގެ މާލީ ބަޔާން ހާމަކުރަން ލާޒިމްކުރުން.

- އެއްވެސް ފަރާތަކަށް ނުހައްގު މަންފާއެއް ހޯދައި ދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި އަމަލުކުރާ ބަޔަކަށް ނުވާނެކަން ކަށަވަރު ކުރުން.

- ކޮމިޝަންތަކުގެ މެމްބަރުން އަމިއްލަ ވިޔަފާރިކުރުމާއި މަސްލަހަތު ފުށުއަރާ އެހެނިހެން މަސައްކަތްތަކުގައި ބައިވެރި ނުވެވުން.

- ކޮމިޝަންތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ގާނޫނުގައި ކަނޑައަޅައި އެ މިންގަނޑުތައް ހިފެހެއްޓުމަށް ލާޒިމުކުރުމާއި އެ މިންގަނޑުތަކާއި ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތައް ސާފުކޮށް ބަޔާންކުރުން.

- ކޮމިޝަންތަކުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތުތަކާ ބެހޭ ގޮތުން މަޖިލީހުގައި ޒިންމާ އުފުލުމާއި ކޮމިޝަނުން ކުރަމުންދާ ކަމަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭން ވާނެ ކަމަށް ބަޔާންކުރުން.

މިނިވަން މުއައްސަސާތަކާއި ޕްރޮސިކިއުޓަ ޖެނެރަލްގެ ގާނޫނަށް ސަރުކާރުން އިސްލާހު މި ހުށަހެޅީ އެ ކޮމިޝަންތަކުގައި ކުރިން ތިއްބެވި ޒިންމާ އަދާކުރައްވަން ފަސްޖެހިވަޑައިގަތް މެމްބަރުންނާ އެކު އަދިވެސް ހިންގާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ބައެއް މުއައްސަސާތަކުގެ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި ބައެއް މެމްބަރުން މަގާމުން ވަކިކުރަން ކޮމިޓީން ނިންމާފައިވީ ނަމަވެސް މަޖިލީހުގެ ތަޅުމުން އަދި އެއްވެސް މެމްބަރަކު ވަތްކެއް ނުކުރެ އެވެ.

މަގާމުން ވަކިކުރަން ނިންމުމާ އެކު ބައެއް މެމްބަރުން ވަނީ އިސްތިއުފާ ދެއްވައި އަމިއްލަ އަށް ވަކިވެވަޑައިގެންފަ އެވެ. އޭގެތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.