Roadha Mihaaru
ވޮލީގެ ފޯރި އަލުން ގެންނަން މިރޭ ރަނގަޅު ފުރުސަތެއް

ވޮލީގެ ފޯރި އަލުން ގެންނަން މިރޭ ރަނގަޅު ފުރުސަތެއް

13 އޯގަސްޓް 2019

ރާއްޖޭގައި 2017 ވަނަ އަހަރުގެ ކުރީކޮޅު ބައިނަލްއަގުވާމީ ވޮލީބޯޅައިގެ ދެ މުބާރާތެއް ބޭއްވި ނަމަވެސް ދިވެހި ޓީމަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ދިމާވި އެވެ. ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމަށް އެ މުބާރާތުގައި އެކަށީގެންވާވަރުގެ ސަޕޯޓެއް ލިބިފައިނުވާއިރު، މިރޭ ސްރީލަންކާއާ ދެކޮޅަށް ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅެވޭ މެޗަކީ އެކަން ރަނގަޅުކުރަން ލިބޭނެ ފުރުސަތެއް ކަމަށް ވޮލީ އާއިލާގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގައި 2017 ވަނަ އަހަރުގެ ކުރީކޮޅު ބައިނަލްއަގުވާމީ ވޮލީބޯޅައިގެ ދެ މުބާރާތެއް ބޭއްވި ނަމަވެސް ދިވެހި ޓީމަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ދިމާވި އެވެ. ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމަށް އެ މުބާރާތުގައި އެކަށީގެންވާވަރުގެ ސަޕޯޓެއް ލިބިފައިނުވާއިރު، މިރޭ ސްރީލަންކާއާ ދެކޮޅަށް ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅެވޭ މެޗަކީ އެކަން ރަނގަޅުކުރަން ލިބޭނެ ފުރުސަތެއް ކަމަށް ވޮލީ އާއިލާގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ލަންކާ ގައުމީ ޓީމު މާލެ އައިސް މެޗުތަކެއް ކުޅޭއިރު، ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ނަޒަރުގައި މިއީ ދެ ކަމެއް ހާސިލްކުރެވޭނެ މެޗެކެވެ. އެއީ އަންނަ ހަފްތާގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ އިތުރުން ގެއްލިފައި އޮތް ވޮލީގެ ފޯރި އަލުން ގެންނަން ލިބޭ ރަނުގެ ފުރުސަތެކެވެ.

"ފުރަތަމަ މަގުސަދަކީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުން. ދެ ވަނަ މަގުސަދަކީ ނެތި ގޮސްފައިވާ ފޯރި އަނބުރާ ގެނައުން. މިއީ ވޮލީގެ އެންމެ އެއްތަނަކަށް އެއްވެ އެއްބައިވާންވީ ވަގުތު،" ކާއްޓޭ ބުންޏެވެ.

"މަވެސް ދާނަން" ނަމުގައި މި މެޗު އިޝްތިހާރު ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސަޕޯޓަރުންގެ ބައިވެރިވުން މުހިއްމުކަން އަންގައިދިނުމެވެ. މި މެޗު ޕްރޮމޯޓް ކުރުމުގެ ކަންތައްތަކުގައި ވޮލީ އާއިލާގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކޯޗުންގެ އިތުރުން ވޮލީއާ ގުޅުންހުރި އެކި ފަންތީގެ މީހުން މަސައްކަތްކުރަނީ ހަގީގަތުގައި މިއީ ވޮލީން ނުލިބި އޮތް ފުރުސަތެއް ހާސިލްވެ، އާ ފެށުމަކުން ކުރިއަށްދާން އެޅޭ ފިޔަވަޅަކަށް ވެސް ވާތީ އެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރިން ވީއޭއެމްގެ ސީނިއާ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މިއީ ކުރިން ލިބިފައިނުވާ ފުރުސަތެއް ކަމަށާއި މީގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފޭނީ ގިނަ ބައެއްގެ ހިތްވަރު ގައުމީ ޓީމަށް ލިބިގެން ކަމަށެވެ.

"ސަޕޯޓަރުން ވަރަށް މުހިއްމު މީގެ ބައިވެރިވުން. އެއީ ކުރިން ނުލިބި އޮތް ފުރުސަތެއް މިއީ. އަޅުގަނޑުމެން ކުޅުނުއިރު ވެސް ހަމައެކަނި މުބާރާތުގެ މެޗެއް ލިބޭނީ. ވޮލީގެ ފޯރި ނަގަހައްޓަން ވާދަވެރި ގައުމެއްގެ ޓީމަކާ މެޗެއް ކުޅެލަން ނުލިބޭ. އެހެންވީމަ މިއީ ވޮލީގެ އާ ފެށުމަކަށް ވެސް މުހިއްމު ފުރުސަތެއް،" ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރަނޭ ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފް (މ) ގައުމީ ވޮލީ ޓީމާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މިހާރު

ސްޕޯޓްސް މިނިސްޓަރު މަހުލޫފް (މ) ގައުމީ ވޮލީ ޓީމާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މިހާރު

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ވޮލީ ޓީމުން ރަން މެޑަލަކަށް އަމާޒުކޮށްގެން ކުރާ މަސައްކަތުގައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭނެ ކަމަށާއި އެކަމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނީ ސަޕޯޓަރުން ވެސް ބައިވެރިވެގެން ކަމަށެވެ.

"ވޮލީބޯޅައިގެ ފޯރި އަލުން ދިރުވުމަށް ކުރެވޭ މަސައްކަތެއް މިއީ. އަޅުގަނޑުމެންނަށް މީގެ ކުރިން ފެނިގެންގޮސްފި (ފުޓްބޯޅަ) ޗެލެންޖް ކަޕް ގައި ނެގި ފޯރި. އެ ފަދަ ފޯރިއެއް ރާއްޖޭގައި ކުޅެވޭ ހުރިހާ ކުޅިވަރަކަށް ގެންނަން ބޭނުންވަނީ. އަޅުގަނޑުމެންގެ އަމާޒަކީ ސޯޝަލް ސެންޓަރުގައި ސަޕޯޓަރުން ފުރިގެން އެތާ ބޭރުގައި ބޮޑު ސްކްރީން ކައިރީގައި ވެސް ގިނަ ބަޔަކު މެޗުތައް ބަލަން ތިބޭ ވަރުކޮށްލުން،" ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފް ވިދާޅުވި އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖޭން ތިން މެޗެއް ކުޅޭނެ އެވެ. އޭގެ ތެރެއިން ރަސްމީ މެޗަކީ މިރޭ ކުޅޭ މެޗެވެ. ރޭ ކުޅުނު މެޗާއި މާދަރޭ ކުޅޭގޮތަށް ހަމަޖެހިފައި އޮތް މެޗަކީ ފަރިތަކުރުމުގެ ގޮތުން ކުޅޭ ދެ މެޗެވެ.

ފުރަތަމަ މެޗުގައި ރޭ ފޯރިގަދަ ކުޅުމަކަށް ފަހު މޮޅުވީ ލަންކާ އެވެ. އެ ގައުމުން ސެޓުތައް ގެންދިޔައީ 25-18، 25-23 އަދި 26-24 އިންނެވެ. ގައުމީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނީ ރަނގަޅު ކުރަންޖެހޭ ކަންތައްތަކަށް ވިސްނައި ސަޕޯޓަރުންގެ އެހީއާ އެކު މިރޭ ނުކުންނާނީ ލަންކާ އަތުން މޮޅުވުމަށް ކަމަށެވެ.

"ރަނގަޅު ކުރަންޖެހޭ ކަމަކީ 20 އިން މައްޗަށް ދިޔައީމަ ސެޓުތައް ނިންމުމުގައި ފަރުވާތެރިވުން. އެކަން ރަނގަޅުކޮށްގެން މިރޭގެ މެޗަށް އިރާދަކުރެއްވިއްޔާ ނުކުންނާނީ މޮޅުވާން،" ހުޒަންޓެ ބުންޏެވެ.

ގައުމީ ޓީމުގެ ކުޅުންތެރިޔާ އާދަމް ފައިރޫޒް ބުނީ ސަޕޯޓަރުން ތަފާތު ދައްކައިފިނަމަ މިއީ ކުޅުންތެރިން ކޯޓު މަތީގައި ތަފާތު ދައްކައި މޮޅުވަން ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

މިރޭގެ މެޗު ބައްލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަންނަވާނެ އެވެ. އަދި އދ. ގެ ޔޫތު އެންވޯއީ ސްރީލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކޭ ވެސް ވަޑައިގަންނަވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.

ސެންޓްރަލް ޒޯނުގެ ޓީމުތަކަށް ހުޅުވާލައިގެން ކުޅޭ މި މުބާރާތްތަކުގައި އާންމުކޮށް ވާދަކުރަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އަދި ނޭޕާލްގެ އިތުރުން ކިރްގިސްތާނާއި ތުރުކުމެނިސްތާން އަދި އަފްގާނިސްތާން އެވެ. ސްރީލަންކާ އަކީ ސެންޓްރަލް ޒޯން ނަމަވެސް ފަހަކަށް އައިސް މި މުބާރާތުގައި އެ ޓީމު ނުކުޅެ އެވެ.

މިނިސްޓްރީން ވަނީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް ސަޕޯޓަރުން އިތުރުކުރަން ވ. އަތޮޅުންނާއި ކ. އަތޮޅުގެ ރަށްތަކުން ގިނަ އަދަދެއްގެ ސަޕޯޓަރުން ގެންނަން ހަމަޖައްސައިފަ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ރިސޯޓްތަކުން ވެސް މި މެޗަށް ސަޕޯޓަރުން އަންނާނެ ކަމަށާއި ޕޮލިހާއި އެމްއެންޑީއެފް އިން ވެސް މި މެޗު ފޯރިގަދަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ވަނީ ރާވައިފަ އެވެ.