Roadha Mihaaru
އިތުރު ހުއްދައެއް ނެތި ވަކީލުންނަށް ވަކާލާތު ކުރެވޭނެ

ގާނޫނު އައިއިރު ތިބި ވަކީލުންނަށް އިތުރު ހުއްދައެއް ހޯދުމެއް ނެތި ވަކާލާތު ކުރެވޭނެ: ބާ ކައުންސިލް

11 އޯގަސްޓް 2019

ގާނޫނީ ފަންނުގެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ވަކީލު ކަމުގެ ހުއްދަ ލިބިފައި ތިބި ހުރިހާ ވަކީލުންނަށް އިތުރު ހުއްދައެއް ހޯދުމެއް ނެތި ދަށު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭން ބާ ކައުންސިލުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނީ ފަންނުގެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ވަކީލު ކަމުގެ ހުއްދަ ލިބިފައި ތިބި ހުރިހާ ވަކީލުންނަށް އިތުރު ހުއްދައެއް ހޯދުމެއް ނެތި ދަށު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭން ބާ ކައުންސިލުން ނިންމައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނު އައުމުގެ ކުރިން ސުޕްރީމް ކޯޓުން އެކުލަވާލާފައި އޮތް ވަކީލުންގެ ގަވާއިދު އޮތްގޮތުން ވަކީލު ކަމުގެ ހުއްދަ ލިބުނަސް، ޖުޑީޝަލް އެކަޑަމީން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރަންދެން އެ ވަކީލުން ތިބެން ޖެހޭނީ ޓްރޭނީ ވަކީލުންގެ ގޮތުގަ އެވެ. އަދި ޓްރޭނީ ވަކީލުންނަށް ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމުގެ ހުއްދައެއް ނޯވެ އެވެ.

ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުން ރެގިއުލޭޓް ކުރަން އުފެދުނު ބާ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައިވަނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ކަމުގައި މިހާރު ތިއްބެވި ބޭފުޅުން ފިޔަވައި އެހެން ހުރިހާ ވަކީލުންނަށް ވެސް، އިތުރު ހުއްދައެއް ހޯދުމެއް ނެތި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ ވަކީލުންނަށް ތަހުގީީގީ އިދާރާތަކާއި އެހެން މުއައްސަސާތަކަށް ވެސް ހާޒިރުވުމުގެ ހުއްދަ އޮންނާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ މިވަގުތު އޮންނާނީ ގާނޫނަށް އަމަލު ކުރަން ފެށިއިރު ވެސް، އެކަމުގެ ހުއްދަ އޮތް ވަކީލުންނަށް ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެ ދެ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އަލަށް އެދޭ ފަރާތްތަކަށް އެ ކައުންސިލުން އެކުލަވާލާ ގަވާއިދުގެ ދަށުން ހުއްދަ ދެވޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ދަށު ކޯޓުތަކާ ޚިލާފަށް، ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ދެނީ ވަކީލު ކަމުގައި ވަކި މުއްދަތެއްގެ ތަޖްރިބާ ލިބުމުން ނުވަތަ ކަނޑައެޅޭ ވަކި އަދަދެއްގެ މައްސަލަތަކެއްގައި ދަށު ކޯޓުތަކުގައި ވަކާލާތު ކުރުމުންނެވެ.