Roadha Mihaaru
ގެސްޓްހައުސްތަކަށް ވެސް ބޮޑު އީދެއް!

ގެސްޓްހައުސްތަކަށް ވެސް ބޮޑު އީދެއް!

11 އޯގަސްޓް 2019

ގެސްޓް ހައުސްގެ ވިޔަފާރި ތައާރަފުވުމާ އެކު ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ އެވެ. ހާއްސަކޮށް، ނުދަންނަ ރަށްރަށަށް ދިއުމުގައި އޮތް ސަގާފަތް މުޅިން ނެތިގެން ހިނގައްޖެ އެވެ. ގެސްޓް ހައުސްއެއް ހުރިއްޔާ އެ ރަށުގެ މީހުން ނުދަތަސް، އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އެ ރަށްރަށަށް ގޮސް އުޅޭ މީހުން މިހާރު އަންނަނީ ގިނަވަމުންނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގެސްޓް ހައުސްގެ ވިޔަފާރި ތައާރަފުވުމާ އެކު ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ އެވެ. ހާއްސަކޮށް، ނުދަންނަ ރަށްރަށަށް ދިއުމުގައި އޮތް ސަގާފަތް މުޅިން ނެތިގެން ހިނގައްޖެ އެވެ. ގެސްޓް ހައުސްއެއް ހުރިއްޔާ އެ ރަށުގެ މީހުން ނުދަތަސް، އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އެ ރަށްރަށަށް ގޮސް އުޅޭ މީހުން މިހާރު އަންނަނީ ގިނަވަމުންނެވެ.

މިހާރު ރަށަކަށް ދާން ބޭނުން ނަމަ، ފުރަތަމަ ވެސް ގޫގުލްކޮށްލާނީ އެ ރަށެއްގައި ހުރި ގެސްޓްހައުސްތަކެވެ. އެއާ އެކު މިކަހަލަ އީދެއްގައި ވިއްޔާ ގެސްޓްހައުސް ވިޔަފާރިވެރިންނަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރެ އެވެ. ކޮންމެ އަހަރެއްގެ އީދު ބަންދަށް ގެސްޓްހައުސްތަކުގެ އަގުތައް ވެސް ބޮޑުވެ އެވެ.

މާފުށީގައި ހިންގާ "މާފުށި ވިލޭޖު"ގެ ވެރިޔާ ހަސަން ސާމިރު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މި އަހަރު އީދު ބަންދާ ދިމާކޮށް އެ ރަށަށް ދިވެހިން ޗުއްޓީ އަށް ދާ ވަރު އިތުރު ކަމަށެވެ. އީދު ބަންދަށް އެކި ހިސާބުތަކުން މާފުއްޓަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މަހެއްހާ ދުވަސް ކުރިއާލާ މީހުން ބުކްކުރަން ފަށާ. ބައެއް މީހުން ބުކް ކުރަނީ، ދެ ހަފްތާއެއްހާ ދުވަހަށް ވީމަ. އެހާ ލަހުން ބުކް ކުރަން އުޅޭ މީހުންނަށް ޖާގައެއް ނުވެސް ލިބޭ،" ސާމިރު ވިދާޅުވި އެވެ.

ގެސްޓްހައުސް ވިޔަފާރީގެ ތެރެއަށް 2010 ގައި ވެންނެވި ސާމިރު ވިދާޅުވީ އީދާ ދިމާކޮށް މިދިޔަ މަހުގެ ފަހުކޮޅު އޭނާގެ ގެސްޓްހައުސް ފުލްވެފައިވާ ކަމަށެވެ.

މާފުށީގައި މިހާރު ވެސް 1300 އެނދު އޮޕަރޭޓްކުރެ އެވެ. އަދި ބޮޑު އީދާ އެކު ހުރިހާ ގެސްޓްހައުސްއެއްހެން ފުލްވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އީދު ބަންދާ ދިމާކޮށް، ގެސްޓްހައުސްތަކުގެ އަގުތައް ވެސް އުފުލެ އެވެ. އެގޮތުން ދުވާލަކަށް 700 ރުފިޔާ ދައްކަން ޖެހޭ ގެސްޓްހައުސްތަކުގެ އަގު އީދު ބަންދުގައި އުޅެނީ 1،200ރ. ގަ އެވެ.

ގެސްޓްހައުސްތަކުން ބުނާ ގޮތުގައި އަގުތައް އުފުލެނީ ޑިމާންޑް ބޮޑުވުމުގެ ސަބަބުންނެވެ.

އއ. ތޮއްޑޫގެ ސަމާ އިންގެ ވެރިޔާ އަބްދުﷲ މުއާޒު ވިދާޅުވީ އީދު ބަންދަށް އެ ރަށަށް ދާ މީހުންގެ އަދަދު މިދިޔަ އަހަރަށް ވުރެ ވެސް އިތުރުވާނެ ކަމަށެވެ. އެ ރަށުގައި އޮޕަރޭޓްކުރަމުން އަންނަ ގާތްގަނޑަކަށް 280 ވަރަކަށް ކޮޓަރި ހުސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަބަދުވެސް އޮގަސްޓް މަހު ޑިމާންޑް އިތުރުވޭ. އަގުތައް އުޅެނީ އާންމުކޮށް ހުންނަ ރޭޓްތަކަށް ވުރެ ބޮޑުކޮށް،" އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސް ހިންގާ ރަށްރަށުގެ ތެރެއިން އއ. މަތިވެރިއަކީ ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ރަށެކެވެ. އެ ރަށުގެ މަތިވެރި އިންގެ ވެރިޔާ އަލީ ސަމީރު ވިދާޅުވީ އީދުގައި ގެސްޓްހައުސްތަކުގެ މެހެމާނުންގެ 90 ޕަސެންޓަކީ ދިވެހިން ކަމަށެވެ.

"މިދިޔަ އަހަރު ވެސް ވަރަށް ފުލްކޮށް އުޅުނީ. މިހާރު ބަންދެއް ވެއްޖިއްޔާ ދިވެހިން އަންނަލެއް ވަރަށް ބޮޑަށް އިތުރު،" އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ ބޮޑު އީދު ޗުއްޓީ ނުވަ ދުވަހަށް ދެމިގެންދެ އެވެ. ބުރާސްފަތި ދުވަހުން ފެށިގެން މާލެއިން ފުރާ މީހުން ގިނަވެ، މިހާރު މާލެތެރެ އޮތީ ކުރިޔަށް ވުރެ ބޮޑަށް ހިމޭންވެފަ އެވެ. އަދި ބަނދަރުމަތީގެ ކާރޫބާރޫއެއް ވެސް ނެތެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ އިތުރުން އެކި ރަށްރަށުގެ މީހުން ވެސް ރަށަށް ނުގޮސް، އެހެން ރަށްރަށުން އީދުގެ އުފާ ހޯދަ އެވެ. ގެސްޓް ހައުސްތަކަށް މި އީދު ބާރު ބޮޑުވެގެންދާ އެއް ސަބަބެއްގެ ގޮތުގައި ބައެއް ވިޔަފާރިވެރިން ފާހަގަ ކުރާ އެއް ކަމަކީ އަމިއްލަ ރަށަށް ނުގޮސް ގިނަ ބަޔަކު ގެސްޓް ހައުސްތަކުގައި ތިބުމެވެ.

"މިހާ ދިގު ޗުއްޓީތަކުގައި އަޅުގަނޑުމެންނަށް ފާހަގަވާ އެއް ކަމަކީ، ތިން ހަތަރު ދުވަހެއް މިކޮޅުގައި ހޭދަކޮށްލައިފައި، ބާކީ އޮތް ދުވަސްތަކުގައި ދެން ދާނީ ރަށަށް. އޭރުން ގިނަ މީހުން ބަލަނީ އެއީ ދެ ދަތުރެއް ކޮށްލެވުނީ ކަމަށް،" ގެސްޓް ހައުސް ހިންގާ ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.