Roadha Mihaaru
ކުރިން 96 ކިލޯ، މިހާރު 60: ބޭނުންވަނީ ހިތްވަރު!

ކުރިން 96 ކިލޯ، މިހާރު 60: ބޭނުންވަނީ ހިތްވަރު!

17 އޯގަސްޓް 2019

ނިދިން ހޭލާ އިރު، ދެ ފަޔަށް ތަދުވާތީ ހިނގައެއް ނުގަނެވެ އެވެ. ކުޑަ ހުޅުގައި ރިއްސަ އެވެ. ތެދުވެ ރަނގަޅަށް ހިނގައިގަތުމަށް 10 މިނިޓު ހޭދަވެ އެވެ. ގިނައީ ބޯ އަނބުރާ ދުވަސްތަކެވެ. ހިނގާފައި ތަންތަނަށް ދިއުމަކީ ބޮލުގެ ރިހުމެކެވެ. ހަށިގަނޑު އެހާ ބޮޑަށް ފަލަވުމުގެ ސަބަބުން މީހާ ހެލިފެލިވެ އުޅުމަކީ ބޮޑު ބުރައެކެވެ. ބޭނުންވީ އަބަދު އެނދުގައި އޮންނާށެވެ. ސިއްހަތަށް ފައިދާ ނުކުރާ ކާބޯތަކެތި ބޭނުން ކުރުމަކީ އޭނާގެ "ސަގާފަތެ"ވެ. އެތައް އަހަރަކުން ޖަހާފައި ހުރި މަސްތައް ހިކޭނެ ކަމަކަށް އޭނާ ޒަމީރު ގަބޫލެއް ވެްސ ނުކުރި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނިދިން ހޭލާ އިރު، ދެ ފަޔަށް ތަދުވާތީ ހިނގައެއް ނުގަނެވެ އެވެ. ކުޑަ ހުޅުގައި ރިއްސަ އެވެ. ތެދުވެ ރަނގަޅަށް ހިނގައިގަތުމަށް 10 މިނިޓު ހޭދަވެ އެވެ. ގިނައީ ބޯ އަނބުރާ ދުވަސްތަކެވެ. ހިނގާފައި ތަންތަނަށް ދިއުމަކީ ބޮލުގެ ރިހުމެކެވެ. ހަށިގަނޑު އެހާ ބޮޑަށް ފަލަވުމުގެ ސަބަބުން މީހާ ހެލިފެލިވެ އުޅުމަކީ ބޮޑު ބުރައެކެވެ. ބޭނުންވީ އަބަދު އެނދުގައި އޮންނާށެވެ. ސިއްހަތަށް ފައިދާ ނުކުރާ ކާބޯތަކެތި ބޭނުން ކުރުމަކީ އޭނާގެ "ސަގާފަތެ"ވެ. އެތައް އަހަރަކުން ޖަހާފައި ހުރި މަސްތައް ހިކޭނެ ކަމަކަށް އޭނާ ޒަމީރު ގަބޫލެއް ވެްސ ނުކުރި އެވެ.

އެކަމަކު އެއީ މިހާރު މާޒީ އެވެ.

މާލެ އަށް އުފަން އައިޝަތު ޝާލިން ،37، ގެ ބަރުދަނުގައި މިދިޔަ އަހަރުގެ ޖުލައި މަހު ހުރީ 96.6 ކިލޯ އެވެ. މިދިޔަ އޭޕްރީލް މަހު އޭނާގެ ބަރުދަނަކީ 66.4 ކިލޯ އެވެ. އެއީ އޭނާ ދަންނަ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. ނުވަ މަސް ތެރޭގައި އެހާ ބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް، އޭނާގެ ރައްޓެހިން ގަބޫލެއް ވެސް ނުކުރެ އެވެ. އެކަމަކު ކުރީގެ އުނދަގޫ ދިރިއުޅުމުން ނުކުމެ، ހަށިގަނޑު ލުއިކޮށްލުމުގެ ހިތްހަމަޖެހުން ހޯދަން ޝާލިން ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ މެދު ދެބަސްވެވޭކަށް ނެތެވެ. މިހާރު 59 ކިލޯއަށް ލުއިވުމަކީ، ޝާލިން ސިފަކުރާ ގޮތުގައި، ހަޔާތުގައި ވެސް ހޯދުނު ބޮޑު ކާމިޔާބީއެކެވެ.

ފަލަވުމަކީ "އާއިލީ ކަމެއް" ނުަވަތަ "މިއީ ބައްޔެއް" ކަމަށް ބުނެ ފަރު ޖައްސާލައިގެން ތިބޭ މީހުން އަދިވެސް މަދެއް ނޫނެވެ. އެކަމަކު ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބަކަށް ފަލަވުން ވާއިރު، އެކަމުގެ ފަރުވާއަކީ ތިމާގެ އަމިއްލަ ހިތްވަރުކަން ގަބޫލުނުކުރާ މީހުން ވެސް އެބަ އުޅެ އެވެ.

އެކަމަކު ޝާލިން އަކީ ބަރުދަން ލުއިކުރުމުގެ މަސައްކަތުގައި އާންމުންނަށް ފެންނާނެ އެއް ނަމޫނާ އެވެ. "ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ތިމާގެ އަމިއްލަ ނަފްސު ދައްކާ ބަހަނާތަކާ ދެކޮޅަށް ތެދުވުން" ކަމަށް އޭނާ ބުނެ އެވެ. އޭނާގެ ބަރުދަނުގެ ކަށި މައްޗަށް އަރައިގެން ދިޔައީ، މިހާރު ވެސް ޝާލިން ބުނާ ގޮތުގައި، "ފަރުވާތެރިކަމާ އެކު ކެއުންބުއިމުގެ އާދަތައް ނުގެންގުޅުމުން"ނެވެ.

އޭރު އެއްވެސް ބަލައިލުމެއް ނެތި ކެވުނީ ހަށިގަނޑަށް ފައިދާ ނެތް އެއްޗިއްސެވެ. އޭރު އެއީ އޭނާގެ ހިތްހަމަޖެހުމެވެ. ހެލިފެލިވެ އުޅެން އުނދަގޫވިޔަސް އެ އާދައިން ދުރަކަށް ނުދެވުނެވެ. އެ ހިތްވަރު ނެރޭކަށް ވެސް ނޭނގުނެވެ. އެހެންކަމުން ގިނަ ބަޔަކު ގަބޫލުކުރި ގޮތަށް، ޝާލިން ވެސް ނިންމައިގެން ހުރީ ބަރުދަން ލުއިނުކުރެވޭނެ ކަމަށެވެ.

ޝާލިން ގަވައިދުން ކަސްރަތުކުރަން ފެށުމުގެ ކުރިން: މިހާރު އޭނާ ވަނީ ނަތީޖާ ނެރެފައި

ޝާލިން ގަވައިދުން ކަސްރަތުކުރަން ފެށުމުގެ ކުރިން: މިހާރު އޭނާ ވަނީ ނަތީޖާ ނެރެފައި

"ޖިމަށް ގޮސްގެން މިކަމެއް ނުވާނެއޭ ހިތަށްއެރި. އާދައިގެ ބަރުދަނަކަށް ނުދާނެ ކަމަށް ވެސް ގަބޫލު ކުރިން. ހިތަށްއެރީ އެންމެ ކުޑަވެގެން 85 ކިލޯއަށޭ ވެއްޓޭނީ. އެއަށް ވުރެ ދަށް ނުވާނެ ކަމަށް ވިސްނިފައި އޮތީ،" ޝާލިން ބުންޏެވެ.

"ކައިރީގައި އުޅުނު މީހުންގެ އެއްބާރުލުމާ އެކީގައި ބޮޑު ބަދަލެއް އައީ."

ޝާލިން މިހާރު ހުރި ގޮތަށް އޭނާގެ ހަށިގަނޑަށް ލުއިވި ހަނދާނެއް ނެތެވެ. ސްކޫލްގައި އުޅުނު ދުވަސްވަރުން ފެށިގެން ވެސް އޭނާ ހުންނަނީ، އިސްކޮޅާއި އުމުރަށް ބަލާއިރު، ފަލަކޮށެވެ. އޭގެ އިތުރުން އުމުރު މަތި ވަމުން ދިޔަ ވަރަކަށް ބަރުދަން ވެސް ދިޔައީ މަތިވަމުންނެވެ. އެ ހަގީތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ބޭނުން ގޮތަކަށް ކައިގެން ހަށިގަނޑަށް އިތުރު ބުރައެއް ޖެއްސުން ނޫން ކަމެއް ނުކުރެވުނެވެ. ނަތީޖާއަކީ ހަކުރު ބަލީގެ ވޭން ވެސް އުފުލަން ޖެހުމެވެ.

އޭރު ގޭ މީހުން ބުނާނެ ތަންކޮޅެއް ހިކޭތޯ ބަލާށޭ. ކޮންމެވެސް ވަރަކަށް ކަސްރަތު ކޮށްބަލާށޭ. އެ ވާހަކަ ދެއްކީމަ އާދެވެނީ ރުޅި. އަޅުގަނޑު ޖަވާބުގައި ބުނަނީ ހަކުރު ހުންނާތީ ކެވޭނެ ނޫންހޭ، ފަލަ މިވަނީ ބަލި ވީމައޭ ކޮންމެހެން ކާތީއެއް ނޫނޭ: ޝާލިން

ޝާލިން ބުނި ގޮތުގައި މާ ބޮޑަށް ފަލަވުމުގެ ސަބަބުން މީހުން ތެރޭގައި އުޅެން އުނދަގޫވާ ފަހަރު ވެސް ދިމާވި އެވެ. ސިއްހީ މައްސަލަތަކެއްގައި އުޅުނު އިރު، އެންމެ އަސަރުކުރި އެއް ކަމަކީ ދަރިމައިވުމުގައި ދިމާވި އުނދަގޫތަކެވެ.

ކަސްރަތުކޮށް، ހަށިގަނޑު ހަމަޔަކަށް އެޅުވުމުގެ ހިތްވަރު އައީ މަންމަ ސައުދިއްޔާ ހަސަނާއި ފަހަރި ފާތުމަތު ދިމްނާ އެވެ. އޭނާއަށް ދެން ލިބުނު ބާރަކީ އެކްސްޓްރީމް ފިޓްނަސްގެ އިންސްޓްރަކްޓަރު މަރިޔަމް ސިހާނާ (މަރީ) އެވެ.

"އެއް ދުވަހު ދިމްނާ ބުނި ބުނުމަކަށް ދިޔައީ ޖިމަށް. ކޮންމެހެން މީތި ވޯކް ކުރާނެ ކަމަކަށް ވެސް ނޫން. ދިޔައީ ދެން ހަމަ މަސައްކަތް ކުރަން،" ޝާލިން ބުންޏެވެ.

ޝާލިން ހިކިފައި: ސިއްހީ ގޮތުން ބަލާއިރު އޭނާގެ ބަރުދަން މިހާރު ހުރީ ރަނގަޅު ވަރަކަށް ތިރިވެފައި

ޝާލިން ހިކިފައި: ސިއްހީ ގޮތުން ބަލާއިރު އޭނާގެ ބަރުދަން މިހާރު ހުރީ ރަނގަޅު ވަރަކަށް ތިރިވެފައި

"މަރީ އަސްލު މީހަކީ. ވަރުބަލި ވިއަސް، މިކަން ކުރުމަށް މަރީ ވަރަށް ބޮޑަށް މަސައްކަތް ކުރި. ނަތީޖާ ނުފެންނާތީ ހިތްވަރު އެލިގެން ދެން ނުވާނެ ކަމަށް ނިންމި ކޮންމެ ފަހަރަކު ވެސް ހަމަ ފޯނަށް ގުޅައިގެން ހިތްވަރު ދީގެން ޖިމަށް ގެންގޮސްފައި ހުރީ."

މަރީއަށް ޝާލިން މިހާރު ފެންނަނީ ސިއްހީ ގޮތުން ހުންނަން ޖެހޭ ވަރަށް ވުރެ ފަލަވެގެން ހިކެން ޖެހޭ މީހުންނަށް މިސާލެއްގެ ގޮތުގަ އެވެ. މަސައްކަތްކޮށްފި ނަމަ އެފަދަ ނަތީޖާއެއް ހޯދުމަކީ ނުވާނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ހިތްވަރެއް ބޭނުންވަނީ. ޝާލިން އެ ވަނީ އެކަން ދައްކައި ދީފައި. މިއަދު ޝާލިނަކީ ދުޅަހެޔޮ މީހަކަށް ވެފައި އެ ހެރީ ވަރަށް ބުރަ މަސައްކަތެއް ކޮށްގެން،" މަރީ ބުންޏެވެ.

ކަސްރަތު ކުރަން ފެށި ފަހުން ޝާލިން ވަނީ ކެއިންބުއިން ވަކި ގޮތަކަށް ބަހައްޓައިފަ އެވެ. އެގޮތުން އާދައިގެ ހަނޑުލާއި ރޮށި ކެއުން ހުއްޓާލި އެވެ. އޭގެ ބަދަލުގައި ކަމުން އަންނަނީ ބްރައުން ރައިސް އާއި ބްރައުން ޕާސްތާ ފަދަ އެއްޗިއްސެވެ. އޭނާގެ ކެއުން ބަހައްޓަނީ ރަނގަޅަށްތޯ ބަލަން ކައިރީގައި މަންމަ އިނދެ އެވެ.

ޝާލިންގެ ކެއުން ގެންގުޅުނު ގޮތް

- ހެނދުނު: އޯޓްސް، ދެ ބިސް، މޭވާ އާއި ކޮފީ

- މެންދުރު: ރަތް ބަތް ނޫނީ މުށި ބަތް ތަރުކާރި އާއި ކުކުޅު ކޮޅެއް

- ރޭގަނޑު: ގްރީން ސެލެޑެއް، ކުކުޅު ކޮޅަކާ އެކު

- ދޭތެރެ ދޭތެރެއިން މޭވާ އާއި ބަދަން

އޭނާގެ ހިތް އެދެނީ ފޮނި އެއްޗިއްސަށެވެ. ކުރިން ސުރެ އޭނާގެ ކިބާގައި ހުރި ބޮޑު އާދައަކާ އެގޮތަށް ދުރަށް ދާން ޖެހުމުން ފުރަތަމަ ދުވަސްކޮޅު ރޮވުނެވެ. އެކަމަކު ހަށިގަނޑަށް ބޭނުންވީ އެއަށް ވުރެ ފައިދާ ހުރި ކާނާ އެވެ. އެހެންކަމުން އޭނާއަށް ހިތްވަރުދޭން މަންމަ އަބަދުވެސް ހުރެ އެވެ.

"ފައިދާ ހުރި ކާނާ ކާން އެންމެ ބޮޑަށް ހިތްވަރު ލިބުނީ މަންމަގެ ފަރާތުން،" ޝާލިން ބުންޏެވެ.

މިއަދު އޭގެ ނަތީޖާ ފޮންޏެވެ. އޭނާ އެ ހުރީ ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ވަރަށް ހަށިގަނޑަށް ބަދަލު ގެނެސްފަ އެވެ. މިހާރު އޭނާއަށް އެހެން މީހުންނަށް ނަސޭހަތް ދެވެން އެބަ އޮތެވެ.

"މީގައި އޮތީ އުންމީދު ދޫކޮށް ނުލައި ހިތްވަރާ އެކު މަސައްކަތްކުރުން،" ޝާލިން ބުންޏެވެ.

"ބަހަނާ ދައްކައިގެން ނުވާނެ. ކެއުމަށް ބަލަން ޖެހޭނެ. ކަސްރަތު ކުރުމުގައި އަވަދިނެތި އުޅެންވީ."