Roadha Mihaaru
ހުކުމެއް ނެތި ޖަލުގައި ބޭއްވުމަކީ އަނިޔާ: މެމްބަރުން

ހުކުމެއް ނެތި ޖަލުގައި ބޭއްވުމަކީ އަނިޔާ، އިންސާފު ހޯދައިދީ: މެމްބަރުން

30 ޖުލައި 2019

ހުކުމެއް ނެތި ޖަލުގައި އެތައް އަހަރެއް ވަންދެން ގައިދީންނަށް އިންސާފު ނުލިބި މަޑުޖެހިފައި އޮތުމަކީ ދެވޭ އަނިޔާއެއް ކަމަށާއި އެ މީހުންނަށް ވީހާ ވެސް އަވަހަކަށް އިންސާފު ކަށަވަރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުކުމެއް ނެތި ޖަލުގައި އެތައް އަހަރެއް ވަންދެން ގައިދީންނަށް އިންސާފު ނުލިބި މަޑުޖެހިފައި އޮތުމަކީ ދެވޭ އަނިޔާއެއް ކަމަށާއި އެ މީހުންނަށް ވީހާ ވެސް އަވަހަކަށް އިންސާފު ކަށަވަރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް މިއަދު ގޮވާލައްވައިފި އެވެ.

ކުށް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ބަންދުކޮށްފައި ގިނަ ބަޔަކު އެބަތިއްބެވެ. އޭގެ ތެރޭގައި ހުކުމެއް ނެތި ގޮޅީގައި ބަންދުކުރިތާ އަށް އަހަރު ވެފައިވާ މީހުން ވެސް ހިމެނެ އެވެ. އެ މީހުންގެ ޝަރީއަތެއް ނުހިނގާތާ އެތައް އަހަރެއް ވެއްޖެ އެވެ.

ރިމާންޑް ޖަލުގައި މިގޮތަށް ތިބި އެތައް ބައެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައި ވިޔަސް ހައްލު ނުލިބޭތީ، ކަރެކްޝަނަލް ސާވިސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ކްރިމިނަލް ކޯޓުގައި 1،910 މައްސަލަ ނުނިމި އޮތުމަކީ އެތައް ބަޔަކު "ތާށިވެފައި" ތިބި ކަމުގެ ހެއްކެއް ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމުގެ ތެރެއިން ޖަލުތަކުގައި އެތައް ބަޔަކު ތިބީ ތާށިވެފަ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގައި ގައިދީން-- ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގައި ގައިދީން-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ، ކޯޓުން މައްސަލަތައް ނުނިމި އެތައް އަހަރެއް ވާ ނަމަ، އެ މީހެއްގެ ދިރިއުޅުމާއިގެން ކުރިއަކަށް ނުދެވޭނެ ކަމަށެވެ. އަދި މިކަމުގެ ހައްލަކީ އަސްލު ކުށްވެރިން ހޯދައި، މައްސަލައެއް ނެތް މީހުން ކަނޑައެޅުން ކަމަށް ވެސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ކަން ކުރައްވާ އީވާ ވިދާޅުވި އެވެ.

"ހައްޔަރު ކޮށްގެން ބަހައްޓާފައި ދޮޅު އަހަރު ވަންދެން ހުކުމެއް ނުކޮށް ބޭއްވުމަކީ އަނިޔާ. އެއީ އެއްވެސް ހާލެއްގައި އިންސާފެއް ނޫން،" ހުކުމެއް ނެތި ޖަލުތަކުގައި ތިބި މީހުންނަށް އިންސާފުވެރި ހުކުމެއް އައިސް ދައުލަތް ކުރިއަށް ދާން ޖެހޭ ކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވި އެވެ.

ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށެވެ. އަދި ފަނޑިޔާރުން އިތުރު ކޮށްގެން ވިޔަސް، އިންސާފު ލަސްވެފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް ތާއީދު ކުރައްވާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުންނަށް މުސާރަ ދީގެން ވެސް އެކަން ނުވާ ނަމަ، ފިނޭންސް މިނިސްޓްރީގެ ކޮންޓިންޖެންސީ ބަޖެޓުން ހަރަދުކޮށްގެން ރައްޔިތުންނަށް އިންސާފު ހޯދަން ޖެހެ އެވެ.

ނިޔާޒް ވިދާޅުވީ ޖަލުތަކުގައި ތަހުގީގު ނުނިމި ތިބި އެތައް ބައެއް ތިބި އިރު، އެމީހުންގެ ރިޕޯޓެއް އެކުލަވައިލުމަކީ މުހިންމު ކަމެއް ކަމަށެވެ. މަޖިލިހުގައި އެންމެ ބޮޑަށް ބަހުސް ކުރާ މައުލޫއު އަކީ އިންސާފު ގާއިމު ކުރަން ކަމަށާއި އެމްޑީޕީގެ މެމްބަރުން މަޖިލިހަށް ވަދެ ތިބީ އެކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ފުރިހަމަ ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޖަލުތަކާ ބެހޭ އޮޑިޓް ރިޕޯޓާ ހަވާލާ ދެއްވައި ނިޔާޒް ވިދާޅުވީ، ޖަލުތަކުގައި މައްސަލަތައް އުފެދެނީ "ވާނުވާ" ޖަހާފައި ތިބި މީހުންނާ މެދު އަމަލުކުރަންވީ ގޮތެއް ނޭނގުމުން ޖެހޭ މައްސަލަތައް ކަމަށެވެ. އެހެންވެ، ކޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓަށް އިތުރު ކުރަން ޖެހޭ ނަމަ، މަޖިލިހުގައި މަޝްވަަރާކޮށް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެން،" ނިޔާޒް ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ، އެއް ފަނޑިޔާރެއްގެ އަތުގައި ގިނަ އަދަދެއްގެ މައްސަލަތަކެއް ހުރުމަކީ ކޯޓުގައި މައްސަލަތައް ބެލުމުގެ ހަރުދަނާ އުސޫލެއް ގާއިމްކޮށްފައި ނެތް ކަން ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ. އެހެންވެ، ފަނޑިޔާރުންނާއި ކޯޓުތަކުގެ ބަޖެޓު އިތުރުކޮށް ޝަރީއަތް ބާއްވާނެ އިތުރު މާހައުލުތައް ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުކުމެއް ނެތި ބަންދުގައި ހުރި މީހެއްގެ މިސާލު ނަންގަވައި އީސަ ވިދާޅުވީ އެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށެވެ. އަދި އޭނާގެ ޝަރީއަތެއް ބާއްވަނީ ތިން އަހަރުން އެއް ފަހަރު ކަމަށާއި އެއީ އެމީހާ އަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ޖަލު. ހުކުމެއް ނެތި އެތައް ބަޔަކު ޖަލުގައި އެތައް ބަޔަކު އެބަތިބި. --- މިހާރު

މާލެ ޖަލު. ހުކުމެއް ނެތި އެތައް ބަޔަކު ޖަލުގައި އެތައް ބަޔަކު އެބަތިބި. --- މިހާރު

އެމީހާގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަންވެއްޖެ ނަމަ، ޒިންމާ ނަގާނީ ކޮން މުއައްސަސާއަކުންތޯ އީސަ ސުވާލު ކުރެއްވި އެވެ. ކޯޓުތަކުގައި ހުރި ދޯދިޔާ ކަންކަން ހައްލު ކުރުމުގެ ބާރު މަޖިލިހަށް އެބައޮތް ކަމަށާއި އެކަން ނުކުރާ ނަމަ، މަޖިލިހުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައް ކުރިއަށް ނުގެންދަނީ ކޮންމެވެސް ކަހަލަ ނާޖައިޒު ފައިދާއެއް ނެގުމުގެ ގޮތުން ކަމަށެވެ. ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރޭގައި ގަމު ދާއިރާގެ މައްސަލަތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަމުގައި ދެ އަވަށުގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި މީގެ ފަސް އަހަރު ކުރިން ދައުވާކޮށްފައިވާ މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބަދޭ. ކޮންމެ އިންތިހާބަކާ ދިމާކޮށް މި 10 މީހުންނަށް ކްރިމިނަލް ކޯޓުން އެބަ ޗިޓު ފޮނުވާ. ކޯޓަށް އައުމުން ކެންސަލް އެބަކުރޭ،" ވިސާމް ވިދާޅުވި އެވެ.

ގިނަ މައްސަލަތަކެއް ނުބެލި ހުރީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވި ގޮތުގައި ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ.

"ހުކުމާ ހިސާބަށް ނުގޮސް ހުރި މީހުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަކީ އަޅުގަނޑު ވަރަށް އެދޭ އެދުމެއް،" ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މައްސަލަ ދިރާސާ ކުރަން ގޮވާލައްވައި ޝިޔާން ވިދާޅުވި އެވެ.