Roadha Mihaaru
ފަޔާޒާއި ފިޔާޒް އިންފޮމޭޝަން ކޮމިޝަނަރު ކަމަށް

ފަޔާޒާއި ފިޔާޒް އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލައްވައިފި

29 ޖުލައި 2019

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ކުރިމަތިލައްވައިފި އެވެ. އެ ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ލިސްޓުގައި ވެސް ފަޔާޒާއި ފިޔާޒް ވެސް ހިމެނެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ކުރިމަތިލައްވައިފި އެވެ. އެ ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ލިސްޓުގައި ވެސް ފަޔާޒާއި ފިޔާޒް ވެސް ހިމެނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ. އެހެންވެ، އިންފޮމޭޝަން ކޮމިޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލުމާ ގުޅިގެން އެ މަގާމަށް ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އިރު، ރައީސް އިސްކަން ދެއްވި ބޭފުޅުންގެ ތެރޭގައި ހަތަރު ބޭފުޅަކު ހިމެނެ އެވެ. ހަތަރު ބޭފުޅަކަށް ރައީސް ތާއީދު ކުރެއްވި ނަމަވެސް އިންފޮމޭޝަނަރު ކަމަށް މަޖިލިހުން ކަނޑައަޅަން ޖެހޭނީ އެންމެ ބޭފުޅެކެވެ.

ކޮމިޝަނަރު ކަމަށް ރައީސް އިސްކަން ދެއްވި ބޭފުޅުން:

1- ހުސެއިން ފިޔާޒް މޫސާ، އަތަމާގެ ތ. ވިލުފުށި

2- އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ

3- އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ

4- ފާތުމަތު ސައުޝަން، މ. ވެންކޫވަ

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ވަނީ އިންފޮމޭޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެކަކު ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އެ ސިޓީފުޅާ ގުޅިގެން އެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަޔާޒަކީ މިހާރު ވިލާ ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަ އެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ފިޔާޒް ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ. ދުވަހު ނޫސް "ހަވީރު" ގައި ވެސް މަސައްކަތް ކުރެއްވި ފިޔާޒް ވަނީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފަ އެވެ. އޭނާގެ ނޫސްވެރިކަމުގެ ހަޔާން ފެއްޓެވީ ކުރީގެ އާފަތިސް ނޫހުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.