Roadha Mihaaru
މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ގޮތްދޫކޮށްފި

މާލެ ސިޓީ ކައުންސިލުން ގޮތްދޫކޮށް، މުސާރަ އޮނިގަނޑު އާންމުކޮށްފި

26 ޖެނުއަރީ 2021

މާލޭ ސިޓީ ކައުންސިލްގެ މުސާރައިގެ އޮނިގަނޑާ ގުޅޭ މައުލޫމާތު ދޭން ދެކޮޅު ހެދުމަށް ފަހު، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ އެންގެވުމަށް އެ ކައުންސިލުން އެ މައުލޫމާތުތައް އެންމެ ފަހުން އިއްޔެ އާންމުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭ ސިޓީ ކައުންސިލްގެ މުސާރައިގެ އޮނިގަނޑާ ގުޅޭ މައުލޫމާތު ދޭން ދެކޮޅު ހެދުމަށް ފަހު، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ އެންގެވުމަށް އެ ކައުންސިލުން އެ މައުލޫމާތުތައް އެންމެ ފަހުން އިއްޔެ އާންމުކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން އެ މައުލޫމާތު ހޯދަން ކ. ކެޓްލިން، އައިމަން ލަތީފު އެދުމުން އެކަން އޭނާއާ ހިއްސާ ކުރަން އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ދެއްވި މުހުލަތު ހަމަވަނީ މިއަދަށެވެ.

އެ މައުލޫމާތު ނުދީ މާލޭ ސިޓީ ކައުންސިލުން ހިފެހެއްޓީ އެއީ ޒާތީ މައުލޫމާތެއް ކަމަށާއި އާންމު ފަރުދަކަށް އެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ބުނެ އެވެ. އެހެންވެ، އައިމަން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކީއޯ) އަށް ހުށަހެޅީ އެވެ.

މައްސަލަ ބެއްލެވުމަށް ފަހު، ކޮމިޝަނަރު ފިޔާޒު މިދިޔަ ބުދަ ދުވަހު ސިޓީ ކައުންސިލަށް އެންގެވީ، މިއަދުގެ ކުރިން އެ މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ، ސިޓީ ކައުންސިލުން ވަނީ އެ މައުލޫމާތު އެ އިދާރާގެ ވެބްސައިޓްގައި އިއްޔެ ޝާއިއުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން އާންމުކުރި ތަފާސްހިސާބުން ފެންނަ ގޮތުގައި ކޮންމެ މަހަކު އެ ތަނުގެ މުވައްޒަފުންނަށް 3،462،942.60 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ދެ އެވެ. ޖުމްލަ 524 މުވައްޒަފުން މަސައްކަތްކުރާ އިރު އޭގެ ތެރެއިން 192 މީހުންނަކީ ބިދޭސީންނެވެ. ދިވެހި މުވައްޒަފުންނަށް ޖުމްލަ 2،672،880 ރުފިޔާ މަހަކު ހޭދަކުރާއިރު، ބިދޭސީ މުވައްޒަފުންނަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ހޭދަކުރަނީ 790،065 ރުފިޔާ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންގެ މުސާރަ އަށް ކޮންމެ މަހަކު ހޭދަކުރަނީ 382،500 ރުފިޔާ އެވެ. އެންމެ ބޮޑު މުސާރައެއް ލިބެނީ މޭޔަރު ޝިފާ މުހައްމަދަށެވެ. އޭނާ އަށް މަހަކު 47،500 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާއިރު، ޑެޕިޓީ މޭޔަރުގެ މުސާރަ އަކީ މަހަކު 35،000 ރުފިޔާ އެވެ. ކައުންސިލް މެމްބަރުންނަށް ލިބެނީ 30،000 ރުފިޔާގެ މުސާރަ އެކެވެ.

ބިދޭސީ މުވައްޒަފުންގެ ތެރެއިން، މެކޭނިކުން ފިޔަވައި، އެހެން ހުރިހާ މުވައްޒަފުންނަށް މަހަކު ލިބެނީ 4،100 ރުފިޔާ އެވެ. އޭގެ ތެރޭގައި ގިނައީ ލޭބަރުންނެވެ. ނަމަވެސް ޑްރައިވަރުންނާއި އެސިސްޓަންޓް ލޭބަރުން ވެސް ހިމެނެ އެވެ. މެކޭނިކަށް މަހަކު ލިބެނީ 6.965 ރުފިޔާ އެވެ.

އާރްޓީއައިގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއަކުން، އެ ތަނަކުން އަހަރަކު ހޭދަކުރާ ފައިސާއާ ގުޅޭ ތަފާސްހިސާބު އާންމުކުރަން ޖެހެ އެވެ. އެ ތަފާސްހިސާބުގެ ތެރޭގައި އެ އިދާރާއެއްގެ މުސާރައިގެ އޮނިގަނޑު ވެސް ހިމެނެ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށީ 2014 ވަނަ އަހަރު ނަމަވެސް، މިގެ ކުރިން މި މައުލޫމާތެއް މާލެ ސިޓީ ކައުންސިލަކުން އާންމުކޮށްފަ އެއް ނުވެ އެވެ.