Roadha Mihaaru
ސިޓީ ކައުންސިލުގެ މުސާރަ އާންމުކުރަން އަންގައިފި

މުސާރައިގެ އޮނިގަނޑު ހިއްސާ ކުރަން މާލޭ ސިޓީ ކައުންސިލަށް އަންގައިފި

21 ޖެނުއަރީ 2021

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރައިގެ ތަފުސީލް ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރްޓީއައި) ދަށުން އެދުނު ނަމަވެސް އެ މައުލޫމާތު ހިއްސާ ނުކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ ތަފުސީލުތައް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ އިއްޔެ އަންގަވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރައިގެ ތަފުސީލް ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރްޓީއައި) ދަށުން އެދުނު ނަމަވެސް އެ މައުލޫމާތު ހިއްސާ ނުކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ ތަފުސީލުތައް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ އިއްޔެ އަންގަވައިފި އެވެ.

ކ. ކެޓްލިން، އައިމަން ލަތީފު، އެ މައުލޫމާތު ހޯދަން އެދުނަސް، އެ ކަން ކާމިޔާބު ނުވުމުން އޭނާ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އީސީއޯ) އަށް ހުށަހެޅީ އެވެ. އެހެންވެ، އޭގެ ސަބަބު ހޯދަން މާލެ ސިޓީ ކައުންސިލާއި އީސީއޯއާ އެކު އިއްޔެ އަޑުއެހުމެއް ބޭއްވި އެވެ. މައްސަލަ ބެލުމަށް ފަހު، އަންނަ އަންގާރަ ދުވަހުގެ ކުރިން އެ މައުލޫމާތު އައިމަން އަށް ހިއްސާކުރަން ޖެހޭނެ ކަމަށް ކޮމިޝަނަރު ފިޔާޒު އެންގެންވި އެވެ.

"... ޝަކުވާ ރައްދުވާ އިދާރާގެ ނިންމުން ރަނގަޅު ނޫން ކަމާއި އެދިފައިވާ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ދޫކުރަން ޖެހޭނެ ކަމަށް ކަނޑައަޅާ، މައްސަލަ ނިންމައިފިން،" - އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ބުނީ ވަކި ފަރުދަކު އެދުމުން ޒާތީ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށެވެ. މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ވަކި ތާރީޚެއްގެ ކުރިން އާންމުކުރަން އެއްވެސް ގާނޫނެއްގައިވާ ކަން އެނގިފައި ނެތް ކަމަށާއި އެ އިދާރާ އިން އިސްނަގައިގެން ހިއްސާކުރަން ޖެހޭ މައުލޫމާތު އާންމުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެ އިދާރާގެ އަހަރީ ރިޕޯޓު ނެރެން މަސައްކަތް ކުރައްވާ ކަމަށާއި އޭގައި އެ މައުލޫމާތު ހިމެނޭނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ނަމަވެސް ކޮމިޝަނަރު ފިޔާޒު ވިދާޅުވީ، ދައުލަތުގެ ފައިސާ ލިބޭ ތަނެއްގެ މުވައްޒަފުންނަށް ދޭ މުސާރައަކީ ޒާތީ މައުލޫމާތެއް ނޫން ކަމަށެވެ. އާރްޓީއައިގެ 37 ވަނަ މާއްދާގައި، އެ މައުލޫމާތު އަހަރަކު އެއް ފަހަރު ދައުލަތުގެ އިދާރާތަކުން އާންމުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށީ 2014 ވަނަ އަހަރު ކަމަށާއި މިހާތަނަށް އެ މައުލޫމާތު ސިޓީ ކައުންސިލުން އާންމުކޮށްފައި ނުވާ ކަން ފިޔާޒު ފާހަގަކުރެއްވި އެވެ. އާރްޓީއައިގެ ދަށުން އެ ކަމަށް ދިވެހި ރައްޔިތަކު އެދުމުން، ކައުންސިލްގެ އަހަރީ ރިޕޯޓަށް މަޑުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނުގައި އޮންނާނެ ފުރަތަމަ މަރުހަލާގައި [މައުލޫމާތަށް އެދޭ ދުވަހުން ފެށިގެން] 21 ދުވަހުގެ ތެރޭގައި މައުލޫމާތު ދޭން ޖެހޭނެ ކަމަށް. އެ މުއްދަތު 14 ދުވަހަށް އިތުރުކުރެވިދާނެ ކަމަށް. މުރާޖައާ ކޮށްފި ނަމަ 30 ދުވަހުގެ ތެރޭގައި މައުލޫމާތު ދޭން ޖެހޭނެ ކަމަށް،" ފިޔާޒު ވިދާޅުވި އެވެ.

އެ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ހިއްސާނުކޮށްފި ނަމަ ކުށްވެރި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިޓީ ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، އެއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ކޮމިޝަނަރު ފިޔާޒު ނިންމެވި އެވެ.

"މަތީގައި ބަޔާންކުރެވިފައިވާ ސަބަބުތައް އެހެން ހުރުމުން، ޝަކުވާ ރައްދުވާ އިދާރާގެ ނިންމުން ރަނގަޅު ނޫން ކަމާއި އެދިފައިވާ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ދޫކުރަން ޖެހޭނެ ކަމަށް ކަނޑައަޅާ، މައްސަލަ ނިންމައިފިން،" ފިޔާޒުގެ ނިންމެވުމުގައި ވެ އެވެ.