16 ސެޕްޓެމްބަރ 2016
ދެއްވެވީތީ "މިހާރު" ނޫހުން ފުރުސަތެއް ޝާކިރުބެ އަށް،
ދެއްވެވީތީ "މިހާރު" ނޫހުން ފުރުސަތެއް ޝާކިރުބެ އަށް،
ދެންނެވޭތޯ ވެސް ބަލަން، އެނގިހުރި ކަމެއް، ހުރި ފެންވަރުން.
މަރްހަބާއޭ! މަރްހަބާއެ، "މިހާރު" ނޫހަށް ފަށްފަށުން،
މަރްހަބާއޭ! ދަންނަވަން، އެއްހާސް ފަހަރު ވެސް ހެޔޮހިތުން.
***
އަޅުގަނޑަކީ ޅެންވެރިއެއް ނޫނެވެ؛ އެންމެ ކުޑަމިނުން ޅެން ބައިތެއް ވެސް ހަދާކަށް ނޭނގެ އެވެ. އެކަމަކު އޭނާގެ ދުނިޔެ އަށް ފީނާލުމަށް ޓަކައި ކުޑަ ވަގުތުކޮޅަކަށް އެދުމުން ޅެމަކުން އަތުރާލެއްވި މަރުހަބާގެ ބަސްތަކުން އަޅުގަނޑު ވެސް ދިޔައީ ހައިރާންވެގެންނެވެ. މަތީގައި އެ ވަނީ، އެންމެން ވެސް ދަންނަ ހަތިފުށީ އަބްދުﷲ ޝާކިރު ނުވަތަ ޝާކިރުބޭގެ ހަމަ ވަގުތުން ހެއްދެވި މަރުހަބާގެ ޖުމްލަކޮޅެއް ޅެމަކުންނެވެ.
މިހާ ފަސޭހައިން ޅެމެއް ހަދާލުމަކީ ޝާކިރުބެ އަށް ފެންތައްޓެއް ބޯލުންހާ ފަސޭހަ ކަމެކެވެ. އަޅުގަނޑުގެ މި އާޓިކަލް މިހެން ފަސޭހައިން ލިޔެލާހެން، އޭނާ މި އާޓިކަލް އެއްކޮށް ހަމަ ޅެން ބަހުން ލިޔުއްވަން ވެސް އެހާމެ ކުޅަދާނަ އެވެ. އަޅުގަނޑުމެން ވާހަކަ ދައްކާލާހެން ޅެމުން ވާހަކަ ދެއްކެވުމަކީ ވެސް އޭނާ އަށް އުނދަގޫ ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް އޭނާ ފާހަގަ ކުރެވޭނީ ވަރަށް ހަލުއިކޮށް، އެކަމަކު ވަރަށް މޮޅަށް، އެހާމެ ރީތިކޮށް އިބާރާތްތައް އެކުލަވާލައި، ޅެމުގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ބަސްތައް އަތުރާލައިގެން ފަރިތަކަމާ އެކު ޅެން ހައްދަވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެއީ ބަލަން ހުންނަ މީހަކު ކޮސްކޮށްލާ ވަރުގެ ހުނަރެކެވެ.
ޝާކިރުބެގެ ދުނިޔެ އަށް ވަދެލަމާ ހެއްޔެވެ! ސަތާރަ ކުދިންގެ ބައްޕަ އެކެވެ. ތިން އަނބިން ތިބެ އެވެ. ސަރުކާރުގައި 55 އަހަރު ޚިދުމަތް ކުރައްވައިފި އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފެންވަރުގެ ވަރަށް ގިނަ ވަޒީފާތައް ހިމެނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ. މިހާ ބިޒީ ބޭފުޅަކު، މިހާތަނަށް އަދަދު ވެސް ނޭނގޭހާ ގިނަ ޅެން ހައްދަވައިފި އެވެ. މިހާރު ވެސް އެކަމުގައި، އެއީ ހަޔާތުގެ އެއްބައި ކަމުގައި ހައްދަވައިގެންނެވެ.
"މި ފޯނުގައި ވެސް ހުންނާނެ ވަރަށް ފަހުން ހަދާފައިވާ 300 އަށް ވުރެ ގިނަ ޅެން،" ފޯނު ދައްކާލައްވަމުން އޭނާ ވިދާޅުވި އެވެ.
ދިރިއުޅުމުގައި އޭނާގެ އެންމެ ގާތް އެކުވެރިއަކީ ޅެމެވެ. ޅެން ބަހުން ނަމަ ޅެމަކީ މިހާރު އޭނާގެ "ބަގީޗާ" އެވެ. ފުރާނަ އެވެ. ބައިވެރިޔާ އެވެ. ޅެމެއް ހަދާ ނުލައި 24 ގަޑިއިރު ހޭދަވިޔަސް، ޝާކިރުބެ ވިދާޅުވާ ގޮތުން އޭނާ ހުންނާނީ މޮޔަވެފަ އެވެ. "ޑްރަގް މީހުން ޑްރަގަށް އެޑިކްޓްވާހެން ހުންނަނީ ޅެމަށް އެޑިކްޓް" ވެފަ އެވެ.
"މިހާރު 24 ގަޑިއިރު ވެސް ނުދާނެ ޅެމެއް ހަދާ ނުލައި،" ހއ. ހަތިފުއްޓަށް އުފަން ޝާކިރުބެ ވިދާޅުވި އެވެ. "އެ ދުވަހަކު ޅެމެއް ނުހެދިއްޖިއްޔާ ނިދަން އޮވެފައި ވިޔަސް ފޯނު ހިފައިގެން އޮވެ ޅެމެއް ހަދާލައިފައި ނިދޭނީ."
އެހެން މީހުންނާ ޚިލާފަށް އެއީ އޭނާ ދިރިއުޅުއްވުމަށް ކުރައްވާ މަސައްކަތެއް ނޫނެވެ. އެހެން ވިއްޔާ އުފަލަކީ ކޮބައިހެއްޔެވެ؟
"މިހެން އިނދެފައި މިތާ މަގުމަތިންދާ ސައިކަލަކާ ބެހޭ ގޮތުން ވެސް ޅެމެއް ހެދިދާނެ. މަގުމަތީގެ ޓްރެފިކް ލައިޓަށް ވެސް ހެދިދާނެ. ކޮންމެ ކަމަކަށް ވެސް ހެދިދާނެ،"
"އުފަލަކީ ހަމަ ޅެމެއް ހަދާލުން. އެ ލިބޭ އުފަލެއް ނުވެސް ނުބެދެވޭހާ އުފާ ލިބޭ. ހަގީގަތުގައި ވަރަށް ކުރާ ހިތްވެފައި ހުރި ކަމެއް ކޮށްލެވުނީމަ ވެސް އުފާ ލިބޭ ނޫންތޯ. ހާދަހާ އުފަލެކޭ އެ ލިބެނީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު މިކަން ކުރުމުގައި އޮތީ އެންމެ ބޭނުމެއް. އެއީ ހިތްހަމަޖެހުން. ދެން މިކަން އަޅުގަނޑަށް އެނގޭތީ އެކަން ދިރުވައި އާލާކުރުން. އެކަން ކުރެވޭތީ އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ."
ޝާކިރުބެ ހައްދަވާ ޅެންތައް އޭނާ އަންނަނީ ދިވެހި އެކި ވައިބާ ގުރޫޕުތަކުގައި ޝާއިއު ކުރައްވަމުންނެވެ. އޭގެ އިތުރުން އޭނާގެ ފޭސް ބުކް ޓައިމްލައިން ފުރިފައި އޮންނާނީ ވެސް ހުސް ޅެމުންނެވެ.
"ފޭސް ބުކަށް އަޕްޑޭޓް ކޮށްލީމަ ދެން އެ ނިމުނީ. މީހުން ކޮމެންޓް ކުރާ ވަރުންނާއި ގުޅާވަރުން ދެން އެ ދުވަސް އެ ދިޔައީ،" ޅެންވެރިންގެ މެދުގައި މިދިޔަ އަހަރު ބޭއްވި ޅެން މުބާރާތުން އެއްވަނަ ހޯއްދެވީ ވެސް އޭނާ އެވެ.
ރާއްޖޭގައި ވަރަށް މޮޅު ޝާއިރުންނާއި އަދީބުން އެބަތިއްބެވެ. ޝާކިރުބެ ވިދާޅުވާ ގޮތުން، އެކި ދާއިރާތަކަށް ޚާއްސަ ވަރަށް މޮޅު ޅެންވެރިން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ގައުމީ، ލޯބީގެ އަދި ދީނީ ޅެންތަކަށް ވެސް ވަރަށް ކުޅަދާނަ އަދި އެ ދާއިރާތަކަށް ޚާއްސަ ބޭފުޅުން ވެސް އެބަތިއްބެވި އެވެ. އެކަމަކު ޝާކިރުބެ އަކީ ވަކި ދާއިރާއެއްގެ ޅެންވެރިއެއް ނޫނެވެ. ބޭނުން ކޮންމެ ދާއިރާއަކަށް، އެއީ ލޯބި ވިޔަސް، ގައުމީ ވިޔަސް، ދީނީ ވިޔަސް ނުވަތަ އެހެން މައުލޫއަކަށް ވިޔަސް އޭނާ އަށް ހެވެވެ.
"މިހެން އިނދެފައި މިތާ މަގުމަތިންދާ ސައިކަލަކާ ބެހޭ ގޮތުން ވެސް ޅެމެއް ހެދިދާނެ. މަގުމަތީގެ ޓްރެފިކް ލައިޓަށް ވެސް ހެދިދާނެ. ކޮންމެ ކަމަކަށް ވެސް ހެދިދާނެ،" ޝާކިރުބެ ވިދާޅުވި އެވެ.
ޅެމަކީ ޝާކިރުބެ ވިދާޅުވާ ގޮތުން ޚިޔާލެވެ. ޝުއޫރެވެ. އިހުސާސެކެވެ. ވިސްނުމެވެ. މިއީ އެންމެންގެ ވެސް ހުންނަ އެއްޗެކެވެ. އާންމުންްނާ ޚިލާފަށް ޅެންވެރިންގެ އެ ހުނަރުގެ ތަފާތަކީ އެ ބަސްތައް އަމުލާނައި، އަތުރާލައި، އެ ބަސްތައް އެކި ދިމަދިމާއަށް ލުމުގައި އޮތް ހުނަރެވެ. ގުޅޭ ބަސްތައް ސިކުނޑިން އެކި ދިމަދިމާ އަށް އަވަހަށް ފޮނުވާލުމުގެ ވިސްނުމެވެ.
"މިއީ ތަބީއީ ކަމެއް. އެއީ ބައެއް މީހުންގެ އުފެދުމުގައި ވެސް ހުންނަ ކަމެއް. ދަސްކޮށްގެން ވެސް ކުރެވިދާނެ ކަމެއް،" އުމުރުން 16 އަހަރުން ފެށިގެން ޅެން ހައްދަވަން ފެއްޓެވި، މިހާރު 70 އަހަރުގެ ޝާކިރުބެ ވިދާޅުވި އެވެ.
ހަތިފުށީ ޝާކިރު: ޅެންވެރިކަމުގައި ހުނަރުވެރި ބޭފުޅެއް
އެކަމަކު ގިނަ ކުދިންތަކެއް ތިބި ނަމަވެސް، ޝާކިރުބެގެ އެންމެ ކުއްޖަކު ފިޔަވައި އެހެން ކުދިން ޅެމަކަށް ޝައުގުވެރިކަމެއް ނެތެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. ޝާކިރުބެ ވިދާޅުވި ގޮތުގައި، މިއީ ދަރިން ލައްވައި ގަދަކަމުން ކުރުވަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިކަން ރާއްޖޭގައި ދިރެމުން އަންނާތީ އެ ހިތްހަމަޖެހުން އޭނާ އަށް އޮވެ އެވެ.
"ރާއްޖޭގެ މި ޖީލުގައި ވެސް ވަރަށް ޒުވާން ވަރަށް މޮޅު ޅެންވެރިން އެބަތިބި. އަޅުގަނޑުމެންގެ ޅެންވެރިންގެ ބަހާރުގެ ވައިބަ ގުރޫޕުގައި އެކަނި ވެސް އެބައުޅޭ ވަރަށް މޮޅަށް ޅެން ހައްދަވާ ވަރަށް ޒުވާން ބޭފުޅުން. އެއީ ވަރަށް ބޮޑު ހިތްްހަމަޖެހުމެއް،" ޝާކިރުބެ ވިދާޅުވި އެވެ.
ދުނިޔެ އަށް ބޮޑު ކަމެއް ކުރިމަތި ވެއްޖިއްޔާ، ޝާކިރުބެގެ ޅެމެއް ނުކުންނާނެ އެވެ. ރާއްޖޭގައި އެއްވެސް މުނާސަބާއެއް، އެއްވެސް ޚާއްސަކަމެއް ޝާކިރުބެގެ ޅެމެއް ނެތިއެއް ނުހިނގާނެ އެވެ. ގިނަ ފަހަރަށް މީހުންނަށް ދޭން ބޭނުންވާ މެސެޖްތައް ވެސް ޝާކިރުބެ ފޮނުއްވަނީ ޅެމުންނެވެ. ޒުވާބެއް ކޮށްލަން ވިޔަސް ޅެމުންނެވެ. ތައުރީފެއް އޮއްސާލަން ވިޔަސް، ނަސޭހަތެއް ވިޔަސް އެކުވެރިންނަށްް، ހާއްސަކޮށް ޅެންވެރިންނަށް ޝާކިރުބެ ފޮނުއްވަނީ ޅެން ބަހުންނެވެ.
"ޅެމަކީ ހަގީގަތުގައި ހަތިޔާރެއް. ވަރަށް އެހެން ކަހަލަ ވަރުގަދަ ބަސްތަކެއް. އެކަމަކު އެ ބަސްތަކުގެ މާނަ ނެގޭނީ ޅެމަކީ ވެސް ކޮން އެއްޗެއްކަން އެނގޭ މީހަކަށް،" އޭނާ ވިދާޅުވި އެވެ.
ޝާކިރުބެ މުޅި ހަޔާތް ވެސް ބަދަލުކޮށްލި އެއްޗަކީ ޅެމެވެ. އޭނާ ވިދާޅުވި ގޮތުގައި ދުޅަހެޔޮ ސިއްހަތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އޭނާގެ މި ހުނަރެވެ.
"އަޅުގަނޑު އައިޖީއެމްއެޗުގައި އުޅުނުއިރު ސިއްހަތު ދުވަހެއް ފާހަގަ ކުރަން ވެގެން ހެދި ލީފްލެޓެއް. އެ ލީފްލެޓްގައި އާޓިކަލް ލިޔުއްވީ ބޭރު ޑޮކްޓަރެއް. ޑރ. އަހުމަދު ރާޒީ ޖެހިވަޑައިގަތީ އެ ތަރުޖަމާ ކުރައްވަން. އަޅުގަނޑު ޖެހުނީ ޑރ. ރާޒީގެ ތަރުޖަމާއިން ޅެމެއް ހަދަން. އެއީ ދުންފަތުން ލިބޭ ގެއްލުމާ ބެހޭ އެއްޗެއް. އެ ލެން ހަދައި ނިމުނު އިރު އަޅުގަނޑަށް ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވި ހަމަ އެ ދުވަހުން ފެށިގެން ސިނގިރޭޓް ބުއިން ހުއްޓާލައިފިން. އޭރު އަޅުގަނޑަކީ ދުވާލަކު ދެ ފޮށި ސިނގިރޭޓް ބޮމުން އަންނަތާ ވަރަށް ގިނަ އަހަރުތަކެއް ވެފައިވާ މީހެއް. ހަމަ އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް 13 އަހަރުވީ އިރު ނޯންނާނެ އެންމެ ސިނގިރޭޓެއް ވެސް ބޮއިފައެއް،" އޭނާ ވިދާޅުވި އެވެ.
ޅެމަކީ، ދޫކޮށްލާ ވަރަށް ވުރެ ބާރުގަދަ އެއްޗެއް ކަމަށް ޝާކިރުބެ ވިދާޅުވެ އެވެ. ކުރަންޏާ ދިރިއުޅުމަށް އާމްދަނީ ވެސް ހޯދަން މިއީ ވަސީލަތެކެވެ. އެކަމަކު ޝާކިރުބެއަކީ މިއިން އެއްވެސް ގޮތަކަށް މިކަން ކުރައްވަން ބޭނުންވާ ބޭފުޅެއް ނޫނެވެ. ހައްދަވާފައި ހުރި ބައިވަރު ޅެމަކީ އެއިން އެއްވެސް މާލީ ފައިދާއެއް ނުލިބި، ހަމައެކަނި ހިތްހަމަޖެހުމަށް ހައްދަވާފައިވާ ޅެންތަކެކެވެ. އެކަން ދެން ވެސް ކުރައްވާނީ ޝާކިރުބެ ވިދާޅުވާ ގޮތުން ހަމަ އެގޮތަށެވެ.
އެކި މީހުންނަށް ހިތްހަމަޖެހުން ލިބޭނީ އެކި ގޮތަށެވެ؛ ޅެމަކީ ޝާކިރުބެގެ މުޅިން އެހެން ދުނިޔެެކެވެ. އޭނާގެ މުނިފޫހިފިލުވުުގެ ހަމައެކަނި ބައިވެރިޔާ އަކީ އެއީ އެވެ. އެ ދުނިޔެ އަށް ވަދެލަން ކޮންމެ ދުވަހަކު އޭނާ ވަގުތު ހުސްކުރަން ޖެހެ އެވެ. އެހެން ނޫނީ މުޅި ދުވަސް ޚަރާބުވީ އެވެ.
އަފީފުގެ ލޮލުން ކަރުނަ: މިއީ ދަރިންގެ ސަޕްރައިޒެއް!
ދުވަހުގެ "ބާއްޖަވެރި ޅެންބައިތު": ޝާކިރުގެ އުފަލެއް
މިތުރުންގެ ހިތަށް އުއްމީދު ގެނެސްދިން ކުޑަކުޑަ ސިއްރު
"ގަސްރުކުން މަލަ ފަވާލީ" އައިޝަތު އަނީސްގެ ގަލަމުން
"އަސްރު ދިޔައީ ގެއްލިގެން": ހިތުގެ ހިމަނާރާ ކުޅެލި!
އައްލާމާ އިގްބާލްގެ "އިންސާނާ"
އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން ކައުންޓްޑައުނެއް
ގައުމިއްޔަތުގެ މަތީ ޝަރަފު ސަލާހުއްދީނުގެ ހަނދާނަށް
"ބޭރުގެ ނުފޫޒުން ދިވެހި ބަސް ހަލާކުވިޔަ ނުދީ"
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް