Roadha Mihaaru
ޑެންގީ ޖެހިގެން ނުވަ އަހަރުގެ ކުއްޖަކު މަރުވެއްޖެ

ޑެންގީ ހުން ޖެހިގެން ނުވަ އަހަރުގެ ކުއްޖަކު މަރުވެއްޖެ

23 ޖުލައި 2019

ޑެންގީ ހުން ޖެހިގެން ނުވަ އަހަރުގެ ފިރިހެން ކުއްޖަކު ރޭ މަރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޑެންގީ ހުން ޖެހިގެން ނުވަ އަހަރުގެ ފިރިހެން ކުއްޖަކު ރޭ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ހދ. ކުޅުދުފުށި ކަސަބުގެ، ހަސަން ހައިސަމް ހުސެއިން އެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އެކަމަކު، އޭނާގެ ހާލު އިތުރަށް ގޯސްވުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނައީ ރޭގަ އެވެ.

އެނގިފައިވާ ގޮތުގައި ހައިސަމް އަކީ މުޅި އުމުރަށް ލޭ އަޅަންޖެހޭ، ތެލެސީމިއާ ބަލީގެ ވެސް ކުއްޖެކެވެ. އެކަމަކު، އޭނާ މަރުވީ ޑެންގީ ޖެހިގެން ކަމަށް ޑޮކްޓަރުންގެ ރިޕޯޓުގައިވެ އެވެ.

މިއީ ޑެންގީ ހުން ޖެހިގެން މި އަހަރުގެ ތެރޭގައި މަރުވި ފުރަތަމަ ކުއްޖާ އެވެ.

ހައިސަމްގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ދަނީ އިތުރުވަމުންނެވެ. އަދި މަދިރީގެ ސަބަބުން ޖެހޭ ޑެންގީއާއި ޗިކުންގުންޔާއަށް ރައްކާތެރިވުމަށް ސިއްހީ އިދާރާތަކުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ޑެންގީ ޖެހިގެން، މިދިޔަ އަހަރު މަރުވީ އެންމެ ދިވެއްސެކެވެ. އަދި 2017 ވަނަ އަހަރު ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހުނު އިރު ހަ މީހަކު މަރުވި އެވެ.