Roadha Mihaaru
ހުމަށް ފަރުވާދޭން އޭޑީކޭގައި ހާއްސަ ކްލިނިކެއް

ހުން ޖެހޭ މީހުންގެ އަދަދު ގިނަވެ، އޭޑީކޭގައި ފްލޫ ކްލިނިކެއް ހުޅުވައިފި

18 މެއި 2018

މި ދުވަސްވަރު ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ހިދުމަތް އަވަސްކޮށް ދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ދުވަސްވަރު ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ހިދުމަތް އަވަސްކޮށް ދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

އޭޑީކޭއިން މިއަދު ބުނީ ހުން އައިސް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާތީ "ފީވާ ކްލިނިކް"ގެ ނަމުގައި އެތަން ހުޅުވީ އެ ހޮސްޕިޓަލުގެ ލޮބީގައި ކަމަށެވެ. އެހެންވެ، ހުން ޖެހިގެން އަންނަ މީހުން، ލޮބީގައި ހުންނަ އެކަމަށް ކަނޑައަޅާފައިވާ މޭޒު ކައިރިއަށް ދިޔުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

މި ކްލިނިކް ހުޅުވާފައި ހުންނާނީ މެންދުރު ފަހު 2 އިން ދަންވަރު 2 އާ ހަމައަށެވެ.

އޭޑީކޭއިން ބުނީ މި މަހު 1- 16 އަށް، ހުން ޖެހިފައިވާ މީހުންގެ އަދަދު، ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް އިތުރުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު އެކަނި ވެސް 115 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

ވައިރަލް ހުމާއެކު ޑެންގީ ހުން ވެސް ދަނީ ހަލުއި ކަމާއެކު ފެތުރެމުންނެވެ.

އެގޮތުން އެ ހުން ޖެހިގެން ތިން ކުޑަ ކުއްޖަކަށް އައިޖީއެމްއެޗުގައި މިހާރު ވެސް ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން އެއް ކުއްޖެއްގެ ލޭގެ ޕްރެޝަރު ދަށްވެ، ޝޮކެއް ޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެ އެވެ. އޭޑީކޭ އިން ވެސް ވަނީ ޑެންގީ ހުން އިތުރުވަމުންދާ ކަން ފާހަގަކޮށްފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި/ޖޫން މަހަކީ، ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާ ދުވަސްވަރެވެ. އެހެންވެ އެކަމުން ރައްކާތެރިވާން ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން މަސައްކަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.