Roadha Mihaaru
އައިއޯއައިޖީ: އަންހެން ބެޑްމިންޓަން ޓީމަށް ލޯ މެޑަލް!

އައިއޯއައިޖީ: އަންހެން ބެޑްމިންޓަން ޓީމަށް ލޯ މެޑަލް!

22 ޖުލައި 2019

ގައުމީ އަންހެން ބެޑްމިންޓަން ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ބެޑްމިންޓަންގެ ޓީމު އިވެންޓުން ލޯ މެޑަލް މިއަދު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ އަންހެން ބެޑްމިންޓަން ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ބެޑްމިންޓަންގެ ޓީމު އިވެންޓުން ލޯ މެޑަލް މިއަދު ހޯދައިފި އެވެ.

ރާއްޖޭގެ އިތުރުން ރަން މެޑަލް ހޯދި ރިޔޫނިއަން އާއި ރިހި މެޑަލް ހޯދި މޮރިޝަސް ވެސް ޕޮއިންޓުގެ ގޮތުން އެއްވަރުވީ އެވެ. ރާއްޖެ އަށް ރަން ނުވަތަ ރިހި ނުލިބުނީ ސެޓުގެ ތަފާތުން ކުރި ނުލިބުމުންނެވެ.

ރިޔޫނިއަން އާއި މޮރިޝަސް އަދި ރާއްޖެ، މީގެން ކޮންމެ ޓީމަކުން ވެސް ދެ މެޗުން މޮޅުވި އެވެ. ނަތީޖާ ނެރެން ސެޓުތަކަށް ބެލިއިރު ރިޔޫނިއަން އަށް ރަން މެޑަލް ލިބުނީ ފައިދާ ދެ ސެޓު އޮތުމުންނެވެ. މޮރިޝަސް އަށް ރިހި ލިބުނީ ފައިދާ ވެސް އަދި ގެއްލުން ވެސް ސެޓެއް ނެތުމުންނެވެ. ރާއްޖެ ތިން ވަނަ އަށް ދިޔައީ ގެއްލުން ދެ ސެޓު އޮތުމުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ ރަން މެޑަލަށް ކުރި ޓާގެޓް، ސެޓު މަދުވެގެން ހާސިލްނުވެ ލޯ މެޑަލަށް ބަދަލުވީ ނަމަވެސް 2012 އިން ފެށިގެން ރަން މެޑެއްޔަށް ކުރާ އުއްމީދު އަދިވެސް ނުނިމޭ ކަމަށެވެ.

އޭނާ ބުނީ ކުރިއަށް އޮތް އޯޕަން އިންޑިވިޖުއަލް ބައިގައި އެކަން ހާސިލްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި ޓީމު އިވެންޓުގައި ދެއްކި ކުޅުމާ އެކު އިތުރު ހިތްވަރެއް ލިބި އުއްމީދުތަކެއް އާވެއްޖެ އެވެ.

ގައުމީ އަންހެން ޓީމާއި ފިރިހެން ޓީމުގެ ކުޅުންތެރިން މެޑެއްޔާ އެކު. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ގައުމީ އަންހެން ޓީމާއި ފިރިހެން ޓީމުގެ ކުޅުންތެރިން މެޑެއްޔާ އެކު. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރިޔޫނިއަން އަތުން 4-1 އިން ބަލިވީ އެވެ. އެ މެޗުގައި ރާއްޖެ އަށް ލިބުނު ހަމައެކަނި މޮޅަކީ އައިމިނަތު ނަބީހާ މޮޅުވި ގޭމެވެ. ދެ ވަނަ މެޗުން ރާއްޖެ ވަނީ މޮރިޝަސް އަތުން 3-2 އިން މޮޅުވެފަ އެވެ. އެއާ އެކު ރާއްޖެ ވެފައިވަނީ 2011 ވަނަ އަހަރަށް ފަހު މި ގޭމްސްގައި މޮރިޝަސް ބަލިކުރި ފުރަތަމަ ޓީމަށެވެ. ރާއްޖެ މޮޅުވި ފާތިމަތު ނަބާހާ އާއި ނީލާ ނަޖީބުގެ ސިންގަލްސް ގޭމުންނާއި ނަބާހާ އާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޑަބަލްސް ގޭމުންނެވެ.

ރާއްޖޭގެ ފިރިހެން ޓީމުން ވެސް ވަނީ ލޯ މެޑެއްޔެއް ހާސިލްކޮށްފަ އެވެ. އެންމެ ފަހުން 2015 ވަނަ އަހަރު ރީޔޫނިއަންގައި އޮތް އައިއޯއައިޖީގެ ޓީމު އިވެންޓުގައި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

ރާއްޖޭގެ ފިރިހެން ޓީމު ހޮނިހިރު ކުޅުނު މެޗުތަކުން ރީޔޫނިއަން އާއި މޮރިޝަސް އަތުން ބަލިވި ނަމަވެސް އިއްޔެ ކުޅުނު މެޗުތަކުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިއްޔެ މަޑަގަސްކަރަ އާއި ސީޝެލްސް އަތުން ރާއްޖެ މޮޅުވީ 4-1 އިންނެވެ.

ސީޝެލްސްއާ ދެކޮޅަށް ފިރިހެން ޓީމު ކުޅުނު މެޗުގެ ފުރަތަމަ ސިންގަލްސްގައި ސީޝެލްސް ކުޅުންތެރިޔާ ވަނީ ރާއްޖޭގެ މުހައްމަދު އަޖުފާންގެ މައްޗަށް 18-21، 17-21 އިން ކުރި ހޯދައިފަ އެވެ. ރާއްޖެ ޓީމުން ދެ ވަނަ ސިންގަލްސް ގޭމުގައި އަހުމަދު ނިބާލް ވަނީ 21-16، 21-17 އިން ސީޝެލްސް ކުޅުންތެރިޔާ ބަލިކޮށްފަ އެވެ. ފިރިހެން ޑަބަލްސް ފުރަތަމަ މެޗުން ރާއްޖޭގެ އިބްރާހިމް ޝާމިއު އާއި ނަޝްފާނު މުހައްމަދު މޮޅުވީ 27-25، 21-14 އަދި 21-12 އިންނެވެ. އަނެއް ޑަބަލްސް މެޗުން ރާއްޖޭގެ އަޖުފާން އާއި ނަޝީއު ޝަރަފުއްދީންގެ ޕެއާ މޮޅުވީ 21-16، 21-19 އިންނެވެ.

ދުރުރާސްތާ ޕްލޭނަކާ އެކު މި ފަހަރުގެ އައިއޯއައިޖީން ރަން މެޑެއްޔެއްގެ އަމާޒުގައި މަސައްކަތްކުރަމުން އައި ބެޑްމިންޓަން ޓީމަށް ދެން އެ ޓާގެޓަށް ވާސިލްވުމަށް އޮތް ފުރުސަތަކީ އޯޕަން ޑްރޯ ބައިގަ އެވެ. ރާއްޖޭގެ އަޖުފާން ވަނީ އެންމެ ފަހުން ފަހަރުގެ ގޭމްސްގައި ސިންގަލްސް ބައިން ރަން މެޑަލް ހާސިލްކުރި ކުޅުންތެރިޔާގެ މައްޗަށް ޓީމު އިވެންޓުގައި ކުރިހޯދައިފަ އެވެ.