18 ޖުލައި 2019
އައްޑޫގެ ތަރައްގީގެ އެއްވެސް މަސައްކަތަކަށް އައްޑޫ ސިޓީ ކައުންސިލުން ހުރަސް އަޅާފައި ނުވާނެ ކަމަށާއި ކޮންމެ ސަރުކާރަކަށް ވެސް މިހާތަނަށް އައީ އެއްބާރުލުން ދެމުން ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އިއްޔެ ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތަރައްގީގެ އެއްވެސް މަސައްކަތަކަށް އައްޑޫ ސިޓީ ކައުންސިލުން ހުރަސް އަޅާފައި ނުވާނެ ކަމަށާއި ކޮންމެ ސަރުކާރަކަށް ވެސް މިހާތަނަށް އައީ އެއްބާރުލުން ދެމުން ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އިއްޔެ ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައި ވުމާއި އެ ކަންކަމުގެ ސްޕީޑް ލަސްވުމުގެ ޝަކުވާ މި ސިޓީގެ މީހުންގެ މެދުގައި އިންތިހާ އަށް އޮތް އިރު "މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން މޭޔަރު ވިދާޅުވީ، އެމްޑީޕީ ސަރުކާރު ފިޔަވައި ވެރިކަން ކުރި ދެ ސަރުކާރުން ބޭނުންވާ ކަންކަމަށް ވެސް އެއްބާރުލުން ދީފައިވާނެ ކަމަށެވެ.
"މިސާލަކަށް ރައީސް ޔާމީންގެ ވެރިކަމުގައި މަސް ފެކްޓަރީ ހުޅުމީދޫގައި އަޅާފައި އެ ހުރީ. އައްޑޫ އާ ހޮސްޕިޓަލް ހަދަން ފެށި. މި ދެކަމުގައި ވެސް ރައްޔިތުންގެ ޝަކުވާ ކުރި. ނުރުހުން ފާޅުކުރި. ހިތަދޫގައި ބިން ހިއްކައިގެން މަސް ފެކްޓަރީއެއް އަޅުއްވައި ދެއްވަން 2007 ގައި ވައުދުވެވަޑައިގެން އެ މަސައްކަތަށް ސާމާނު ގެނެސްފައި ހުރި. ކޯލްޑް ސްޓޯރޭޖެއް ވެސް ގެނައި. އެ ކަމަށް ސިޓީ ކައުންސިލުން ކޫއްޑޫ ފިޝަރީޒަށް ބިން ހަވާލުކޮށް، އެ ބިން މޯގޭޖުކޮށް 6.5 މިލިއަން ޑޮލަރުގެ ލޯނު ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައި އޮއްވައި އެކަން ނުކޮށް ލަސްކުރަމުން ގޮސް 2015 ގައި ފެށިއިރު ހުޅުމީދު އަށް [މަސް ފެކްޓަރީ] ބަދަލުކޮށްފި،" ސިޓީ ކައުންސިލްގެ ވިސްނުމާ އިދިކޮޅަށް ޔާމީންގެ ސަރުކާރުން ކުރި އެ ކަމާ ބެހޭ ގޮތުން ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތަށް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް އައްޑޫ ސިޓީ ކައުންސިލުން އޭރު ވެސް އެއްބާރުލުން ދިނެވެ. ބިމުގެ ރަޖިސްޓަރީ ވެސް ސިޓީ ކައުންސިލުން ހަދައި ދިނެވެ.
"އެ ދަތުރަށް ރައީސް ޔާމީން އައްޑު އަށް ވަޑައިގަތީމާ އަޅުގަނޑުމެން ދިޔައިން ރައީސް ޔާމީން ރިސީވް ކުރަން ވެސް،" މޭޔަރު ވިދާޅުވި އެވެ.
އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި މިހާރު ގާއިމް ކުރަމުން އަންނަ އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް ވެސް ޔާމީންގެ ސަރުކާރުން ހަދަން ނިންމީ ސޯބެ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން ބޭނުންވި ބިމުގައެއް ނޫނެވެ. ސިޓީ ކައުންސިލުން ބޭނުންވީ ހިތަދޫގައި ކުރިން ޕޮލިސް ޓްރެއިނިން ސްކޫލް ހިންގި ބިމުގައި އާ ހޮސްޕިޓަލް އިމާރާތް ކުރުމަށެވެ.
"އެކަމަކު ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް ހެދީ. އެކަމަކު، ކައުންސިލުން ރަސްމީކޮށް އެކަމާ އެއްވެސް ވާހަކައެއް ނުދައްކަން. ދެކޮޅެއް ނުހަދަން. އެހެންވީމާ ތަރައްގީ އަށް ކުރާ ކަންކަމުގައި، އެއްވެސް ސަރުކާރެއް އޮވެގެން ކައުންސިލުން ހުރަހެއް ނާޅާނެ. އަޅުގަނޑުމެންނަށް ވާން އޮތް ކަމެއް ވެއްޖިއްޔާ ނޫނެކޭ ނުބުނާނެ. ސަރުކާރުން ބޭނުންފުޅުވާ ކަމެއް އަވަހަށް، ފުރިހަމަ އަށް ކޮށްދޭން އަޅުގަނޑުމެން ކައުންސިލުން އަބަދުވެސް ތައްޔާރު،" މޭޔަރު ވިދާޅުވި އެވެ.
"މިހާރު ވެސް އަޅުގަނޑުމެންނަށް ހުއްދަ އޮތް ނަމަ އައްޑޫގައި ގެސްޓު ހައުސް އަޅަން ދޫކުރަން ސިޓީ ކައުންސިލުން ފަށާނެ. އަޅުގަނޑުމެން ހުރަހަކަށް ނުވާނަން."
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގެ އިންތިޚާބާ ދިމާކޮށް، ހިތަދޫގެ ޝަރަފުއްދީން ސްކޫލް ހުންނަ މަގު ހަދަން ފެށުމުން އެކަން ހުއްޓުވީ އައްޑޫ ސިޓީ ކައުންސިލުން ކަމަށް ބުނާ ވާހަކަތައް ސޯބެ އިއްޔެ ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް އޭރު ހުއްޓުވީ އެންވަޔަރުމެންޓް މިނިސްޓްރީންނެވެ. ސަބަބަކީ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާފައި ނެތުމުންނެވެ.
"އަޅުގަނޑުމެން އެ މައްސަލާގައި އަނގައިން ވެސް ނުބުނަން. ސަބަބަކީ އަޅުގަނޑުމެން އޭރު ވެސް ބޭނުންވީ އެ މަގު ހަދަން. އެއީ އެއް ދުވަހެއްގައި ދުވާލު އައްޑޫގެ އެންމެ ގިނަ މީހުން އެއް މަގަކަށް އަރާނެ މަގު. ޝަރަފުއްދީން ސްކޫލްގެ 1،200 ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއި ޔުނިވާސިޓީގެ ކުދިންނާއި އޮފީސްތަކަށް އަންނަ މީހުން އެންމެ ގިނައިން އަރާނެ މަގު އެއީ. އެކަމަކު އެއީ އެންމެ އަވަހަށް ފެންބޮޑުވާ މަގު. އެހެންވެ، އަޅުގަނޑުމެން ވެސް ބޭނުންވީ އެ މަގުގައި ވީހާ ވެސް އަވަހަކަށް ތާރު އަޅަން،" މޭޔަރު ވިދާޅުވި އެވެ.
"ނަމަވެސް އެ މަސައްކަތް އެންވަޔަރުމެންޓް މިނިސްޓްރީން ހުއްޓުވީ. އެ ހުއްޓުވި ބޭފުޅާ އޭރު އަޅުގަނޑު ކައިރީގައި އެ ވާހަކަ ވިދާޅުވި. އެކަމަކު އޭރު ވެސް އެ ބްލޭމް އައީ އަޅުގަނޑުމެންނަށް. ނަމަވެސް އަޅުގަނޑުމެން ތިބޭނީ ކޮންމެ ސަރުކާރެއް އޮތަސް ތަރައްގީއަށްޓަކައި އެ ސަރުކާރެއްގެ ފަހަތުގައި."
މޭޔަރު މިހާރު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ އެތައް އަހަރެއް ވީއިރު ވެސް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވުމާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީން، އެއާޕޯޓު ތަރައްގީ ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ އެވެ. އަދި އައްޑޫގައި ނަރުދަމާގެ ނިޒާމެއް ނެތި މިހާ ގިނަ ދުވަސްތަކެއް ވުމަކީ އޭނާ އަދި މާ ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.
"އެހެންވީމާ ކަންކަން ކުރުވަން އަޅުގަނޑުމެން އެކައްޗެއް ކިޔާފައި ނުކުންނަން އެބަޖެހޭ. ރައްޔިތުންނާއި ކައުންސިލާއި ރައްޔިތުންގެ މަޖިލިސް މެމްބަރުން އެކައްޗެއް ކިޔާފައި މިކަން ކުރުވަން ނުކުންނަން އެބަޖެހޭ." މޭޔަރު
ސޯބެ ވިދާޅުވި ގޮތުގައި، ސަދަން ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މީގެ 15 ވަރަކަށް އަހަރު ކުރިން އައްޑޫ ލިންކް ރޯޑާއި ކުނިކޮއްޓާއި ސެންޓްރަލް ޕަވާ ސްޓޭޝަން އަދި ސަރަހައްދީ ބަނދަރު ހެދި ފަހުން މާ ބޮޑެތި ކަންތައްތަކެއް އައްޑޫ އަށް ކޮށްދީފައެއް ނެތެވެ.
"ފަހަރުގައި ވެދާނެ މިއީ ބޮޑު އާބާދީ އަކަށް ވެފައި ކުރަންޖެހޭ ޚަރަދު ބޮޑުވީމާ ނުވީ ކަމަށް ވެސް. ސަރުކާރުތަކަށް ބުރަހެލިކަން އޮވެ، ބަޖެޓު ބޮޑުވުމުން ނުކުރެވުނީ ކަމަށް ވެސް ވެދާނެ. ކުރި ކަންކަން ރަނގަޅަށް މެނޭޖު ކުރެވުނު ތަނެއް ވެސް ނުފެނުނު. ސަރުކާރުން ކުރަން ރާވާ ކަންކަން އެބަހުރޭ ބައެއް ކަހަލަ ޕްރެޝަރުތަކުގެ ތެރޭގައި ވެސް. އެއީ ވެސް ލަސްވާ ކަމެއް،" މޭޔަރު ވިދާޅުވި އެވެ.
"އެހެންވީމާ ކަންކަން ކުރުވަން އަޅުގަނޑުމެން އެކައްޗެއް ކިޔާފައި ނުކުންނަން އެބަޖެހޭ. ރައްޔިތުންނާއި ކައުންސިލާއި ރައްޔިތުންގެ މަޖިލިސް މެމްބަރުން އެކައްޗެއް ކިޔާފައި މިކަން ކުރުވަން ނުކުންނަން އެބަޖެހޭ."
ސޯބެ ވިދާޅުވި ގޮތުގައި މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީގެ ރައްޔިތުން ނަރުދަމާގެ ނިޒާމުން މިހާ ދުވަސްވަންދެން މަހުރޫމް ވެފައި ތިބެންޖެހޭ ސަބަބެއް ނެތެވެ.
އައްޑޫ މޭޔަރުގެ މާޔޫސް ވާހަކަތައް!
"ހާލަތުން އަރައިގަނެ ތަރައްގީ ވެސް ލަހެއް ނުކުރާނަން"
އައްޑޫގައި ހިންގާ މަޝްރޫއެއް ނުފެނުނު: ސައީދު
ކޮންސިއުލޭޓް ގުޅެނީ އައްޑޫގެ ތަރައްގީއާ: މޭޔަރު
އައްޑޫގެ ގިނަ މަޝްރޫއުތައް ހަ މަސް ތެރޭ ފަށާނެ:ރައީސް
އިންޑިއާ އެހީގައި 46 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް
އެންމެ ނިކަމެތީ އައްޑޫ، ކަމަކީ ގުރުބާންވުން: ނިޒާރު
ނުވެހުރި ކަންކަން ސަރުކާރަށް ހުށަހަޅާނަން: ސޯބެ
"ދެން އޮތީ އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް އެކުލަވާލުން"
މިވަގުތު އެންމެ އިސްކަންދޭންވީ ސިޓީ ސްކެއާ އަށް؟!