18 ޖުލައި 2019
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާ އިއްޔެ ކުރި އިންޓަވިއުގެ ވަރަށް ކުރީކޮޅު ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ އައްޑޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ތަރައްގީގެ ކަންކަމުގައި މާޔޫސް ނުވުމަށެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ އައްޑޫ ރައްޔިތުންގެ ބޮޑު ހިއްސާއަކާ އެކު، އިންތިޚާބުކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ސިޓީގެ މީހުންނަށް ދެރަ ގޮތެއް ނުހައްދަވާނެ އެވެ. އައްޑޫ ރައްޔިތުންނަށް މި ސަރުކާރުން ވި ވައުދުތައް ފުއްދާނެ އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާ އިއްޔެ ކުރި އިންޓަވިއުގެ ވަރަށް ކުރީކޮޅު ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ އައްޑޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ތަރައްގީގެ ކަންކަމުގައި މާޔޫސް ނުވުމަށެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ އައްޑޫ ރައްޔިތުންގެ ބޮޑު ހިއްސާއަކާ އެކު، އިންތިޚާބުކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ސިޓީގެ މީހުންނަށް ދެރަ ގޮތެއް ނުހައްދަވާނެ އެވެ. އައްޑޫ ރައްޔިތުންނަށް މި ސަރުކާރުން ވި ވައުދުތައް ފުއްދާނެ އެވެ.
"އަޅުގަނޑުގެ އެދުމަކީ އެއްވެސް ބޭފުޅަކު މާޔޫސްވެ ނުލެއްވުން. މަޝްރޫއުތައް ފެށުނީމާ އެ މަޝްރޫއުތައް ކުރިއަށް ދާނެ،" މިދިޔަ އަށް މަސް ތެރޭގައި އައްޑުއަށް މާ ބޮޑެތި ކަންކަން ނުކުރެވި އޮތުމުން އާންމުންގެ ޝަކުވާތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މޭޔަރު ވިދާޅުވި އެވެ.
އެކަމަކު އިންޓަވިއުގެ ބޮޑު ބައިގައި ހޭދަކުރަން ޖެހުނީ އަައްޑޫގެ ތަރައްގީ އަށް އެކި ސަރުކާރުތަކުން އަޅާނުލައި އޮތް ވާހަކަތަކުގަ އެވެ. މޭޔަރުގެ ހިތުގެ އުދާސްތައް ބޭރުކުރައްވަމުން ގެންދެވި ގޮތް ވަރަށް ސާފުކޮށް ފެނުނެވެ. މޭޔަރުގެ މާޔޫސްކަން ވެސް ފާހަގަވި އެވެ. އައްޑޫގެ ތަރައްގީ އަށް އެކި ސަރުކާރުތަކުން އަޅާނުލާ ކަމަށް އާންމުން ދައްކާ ވާހަކަތަކަށް އެއްބަސްވެވަޑައިގަތެވެ.
އައްޑު އަކީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްފައެއް ނެތެވެ. ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއު ފެށިތާ 10 ވަރަކަށް އަހަރު ވީއިރު ކޮންމެވެސް ސަބަބެއް މެދުވެރިވެ، ބޭނުންކުރެވޭ ވަރެއް އަދިވެސް ނުވެ އެވެ. އައްޑޫގައި ރިސޯޓެއް ހެދުނީ އެ ވާހަކަ ދައްކާތާ 30 އަހަރު ވާން ގާތްވެފައި ވަނިކޮށެވެ. އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް ހަދަން ފެށީ ކޮންމެ ސަރުކާރަކުން ވެސް ބޮޑެތި ހުވަފެންތައް ދައްކަމުން ގެންދާތާ 15 ވަރަކަށް އަހަރު ފަހުންނެވެ. އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދާފައި އޮތީ ހަމަ ނަމެއްގަ އެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމުގެ ސްޕީޑު އުޅެނީ ފިނިހަކަ ދުވެލީގަ އެވެ. އައްޑޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް 15 އަށް ވުރެ ގިނަ ޖަނެރޭޓަރު ބޭނުންކުރާއިރު، ކަރަންޓުގެ މައްސަލަ އަށް ދުވަހަކު ވެސް ހައްލެއް އައި ކަމަކަށް ނުވި އެވެ.
އެކަމަކު، އެންމެން ވެސް ކިޔަނީ ކޮންމެ ސަރުކާރަކުން ވެސް އައްޑު އަށް މާ ގިނަ ކަންތައް ކޮށްދޭ ވާހަކަ އެވެ. އެހެން ރަށްރަށަށް ވުރެ މާ ބޮޑު ސަމާލުކަމެއް އައްޑު އަށް ދޭ ވާހަކަ އެވެ. ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށް މިއަދު އައްޑޫގެ ގިނަ ބަޔަކު އެއްބަސްވެ އެވެ. އައްޑޫގެ ރަށްތަކަށް ވުރެ މާ ޗާލުކޮށް، މާ ބޮޑަށް ތަރައްގީ ކޮށްފައިވާ ކިތަންމެ ރަށެއް މިއަދު ފެންނާނެ އެވެ. ޚިދުމަތްތައް ވެސް މާ ފުރިހަމަ ރަށްރަށް އެބަ ހުއްޓެވެ.
ފެންބޮޑުވެފައިވާ، ހިތަދޫގެ މަގަކުން މީހަކު ސައިކަލްގައި ދަނީ: އައްޑޫގެ ރަށްރަށުގެ މަގުތަކުގެ ހާލަތު އިންތިހާ އަށް ދަށް.
އައްޑޫގައި މީގެ 16 ވަރަކަށް އަހަރު ކުރިން ގަމުން ފެށިގެން ހިތަދުއާ ހަމައަށް ތާރު އަޅައިގެން ލިންކް ރޯޑެއް ހެދި އެވެ. މީގެ ނުވަ ވަރަކަށް އަހަރު ކުރިން ފޭދު އާއި މަރަދޫގެ ބޮޑު މަގުގައި ގާ އެތުރި އެވެ. ނަމަވެސް އައްޑޫ ސިޓީގެ ރަށްރަށުގެ އެތެރޭގެ މުހިންމު މަގުތަކުގެ ހާލަތު އޮތީ އިންތިހާ އަށް ދަށުގަ އެވެ. މިހާ ދުވަސް ވީއިރު ވެސް ހައްލެއް ހޯދައެއް ނުދެވުނެވެ.
އައްޑޫ މީހުން ކުރިއާ ޚިލާފަށް މި ފަހަރު ދައްކާ ވާހަކަ ތަފާތެވެ. ޚާއްސަކޮށް މި ސަރުކާރާއި އެންމެ ފަހުން އިންތިޚާބުކުރި ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީ އަށް ލިބުމުން އައްޑޫ މީހުންގެ އުންމީދު މިދިޔަ އަށް ވަރަކަށް މަސް ދުވަހު ހުރީ ވަރަށް މަތީގަ އެވެ. އެއީ ކަމެއް ހާސިލް ކުރަން ކިތަންމެ ކުރު މުއްދަތަކަށް ވިޔަސް އައްޑޫ ރައްޔިތުން މިއަދު ތަރައްގީގެ ކަންކަމުގެ ލަސް ވާހަކަ ދައްކަނީ މި ސަރުކާރަށް ކުރާ އުންމީދު އިންތިހާ އަށް ބޮޑުވުމުންނެވެ.
"ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި [ތަރައްގީގެ ކަންކަން] އަމަލީ ގޮތުން ފެންނާނެ ކަމަށް އަޅުގަނޑު ދެކެނީ. ލަސްވާ ސަބަބުތަކެއް ވެސް އެބަހުރި،" މޭޔަރު
"އޭގެ ސަބަބުތަކެއް ވެސް އެބަހުރި. މިދިޔަ ތިން ދައުރުގައި ވެސް އެމްޑީޕީގެ މީހުން އައްޑޫ ކައުންސިލަށް މި އިންތިޚާބުކުރީ. ރައްޔިތުންގެ މަޖިލިހުގެ އައްޑޫގެ ހުރިހާ ގޮނޑިއެއް އެހެރީ އެމްޑީޕީ އަށް ދީފައި. ކޮންމެ ފަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ ހޮވަން އެންމެ ގިނަ ވޯޓު ދެނީ އެމްޑީޕީން. މި ފަހަރު ވެސް މުޅި ރާއްޖެ އަށް ބެލިޔަސް ރައީސުލްޖުމްހޫރިއްޔާ ހޮވަން އެންމެ ގިނަ ވޯޓު ދިނީ އެމްޑީޕީން. އެހެންވީމާ އައްޑޫ މީހުންގެ ބޭނުންތައް ގިނަވާނެ،" އައްޑޫ މޭޔަރު ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވީ ރައްޔިތުން އުންމީދު ކުރާ ސްޕީޑުގައި އައްޑޫގެ ތަރައްގީގެ ކަންކަން ކުރިއަށް ނުގެންދެވޭ ކަމަށެވެ. އެކަމަކު ވިދާޅުވީ، އެ ކަންކަމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި [ތަރައްގީގެ ކަންކަން] އަމަލީ ގޮތުން ފެންނާނެ ކަމަށް އަޅުގަނޑު ދެކެނީ. ލަސްވާ ސަބަބުތަކެއް ވެސް އެބަހުރި،" މޭޔަރު ވިދާޅުވި އެވެ.
އައްޑޫ މޭޔަރު އެންމެ ކަންބޮޑުވެވަޑައިގަންނަވާ އެއް ކަމަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓިފައި ވުމާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އައްޑޫ ސިޓީ ކައުންސިލަށް ނޭނގި އޮތުމެވެ.
ގަން އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ނަމުގައި 2011 ގައި ކުންފުންޏެއް ރަޖިސްޓަރީކުރީ ސަރުކާރުގެ 50 ޕަސެންޓް، ކާސާ ހޯލްޑިންސްގެ 30 ޕަސެންޓް ހިއްސާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓީއޯ އިން ކުރެ ކޮންމެ ތަނެއްގެ 10 ޕަސެންޓު ހިއްސާ އޮވެގެންނެވެ. އޭއައިއޭގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ސަރުކާރުގައި ކަމަށް ވާއިރު، މި ސަރުކާރުގެ އަށް މަސް ހޭދަކުރީ، މޭޔަރު ވިދާޅުވި ގޮތުގައި، ސަރުކާރު ތަމްސީލް ކުރާ ހިއްސާދާރުން ނުލަ އެވެ. ސަރުކާރު ބަދަލުވި ފަހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެއް ނެތެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ހަމައެކަނި ކާސާ އިން އެއާޕޯޓަށް އިންވެސްޓުމަންޓުތަކެއް ކޮށްފައި އެބަހުރި. އޭގެ މާނަ އަކީ ހަމައެކަނި ކާސާގެ ޑިރެކްޓަރުން ބޭނުންވާ ގޮތެއް އެކަންޏެއް ނޫން ހެދެން ވާނީ. ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނައިރު ސަރުކާރުގެ ޑިރެކްޓަރެއް މި އަށް މަސް ތެރޭގައި ނެތް. އަޅުގަނޑުމެން ސިޓީ ކައުންސިލަކަށް ނޭނގޭ ގަން އެއާޕޯޓާ ގުޅޭ އެއްވެސް ކަމެއް،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގަން އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއެއް ހިންގި ފަހުން މިހާތަނަށް އެތަނުގެ ތަރައްގީ އަށް ކުރި ކަމެއް ފެންނާކަށް ނެތެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހެދި އިންޓަނޭޝަނަލް ޓާމިނަލްގައި މިހާރު ވެސް އެތައް މަރާމާތެއް ކުރަން ޖެހިފައި ހުރި ކަމަށް ވިދާޅުވި އެވެ.
ގަން އެއާޕޯޓްގެ އިންޓަނެޝަނަލް ޓާމިނަލަށް ބަޔަކު ވަންނަނީ: މިތަން ހިންގާ ކުންފުންޏަށް ވެސް ވަނީ މާލީ މައްސަލަތައް ކުރިމަތިވެފައި.
"އެތަނުގެ ތަށިމުށި ނައްޓައިގެން އެ ދަނީ. އިންޓަނޭޝަނަލް ފްލައިޓުތަކުން ޚިދުމަތް ހޯދާ މީހުން ތިބޭ ތަނުގެ ހާލު އެހާ ބޮޑު. ސައުތު އެފްރިކަން އެއާލައިން ފެށީ މިދިޔަ އަހަރު. އެ އެއާލައިން ކޮންޓިނިއު ކުރަން ތިބީ މި އަހަރު. އެކަމަކު، އެއާޕޯޓުގެ އިންތިޒާމު ހުރި ގޮތުން އެކަން ވެސް ކުރިއަށް ނުދިޔަ ކަމަށް މި ފެނުނީ،" އޭނާ ވިދާޅުވި އެވެ.
"ރަންވޭ ދިގުކުރިއެއް ކަމަކު ފްލައިޓެއް ނާންނާނެ އެ ތަން ހިންގޭނެ ގޮތެއް ނެތިއްޔާ. ޖެހިގެން އަންނަ ދުވަހު، އެ ހިނގި ޚަރަދު ހޯދަން އުޅެގެން މިކަމެއް ނުކުރެވޭނެ،" މޭޔަރު
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ރިމްނާ ހަސަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި އިއްޔެ ވިދާޅުވި ގޮތުން ނަމަ އެ ކުންފުނި އޮތީ ގަން އެއާޕޯޓު ތަރައްގީ ކުރެވޭ ފެންވަރުގެ ހާލަތުގައެއް ނޫނެވެ. ކުންފުންޏަށް ކޮންމެ މަހަކު ލިބޭ އާމްދަނީއަށް ވުރެ ގިނައިން ޚަރަދު ކުރަން ޖެހެ އެވެ. ފައިސާގެ ދަތިކަމާ ހެދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ ހިންގެން ނެތްކަން އޭނާގެ ވާހަކަ އިން ސާފުކޮށް އެނގެ އެވެ.
"އަޅުގަނޑުމެން ބުނެފިން ރައްޔިތުންގެ ބައިވެރިވުމާ އެކު އެ ކުންފުނި ހިންގަން ފަށަންވީ ނޫންހޭ. ގަމަކީ އެތައް އާއިލާއެއް ގޮވާން ކޮށްގެން ކައިބޮއެ އުޅުނު ތަނެއް. އެ މީހުން އެ ވަޒަން ދޫކޮށްފައި އައީ އިނގިރޭސިން ގޮސް އެތަން ތަރައްގީ ކުރާނެ ވާހަކަ ދެއްކީމާ. އޭރު ފައިދާ ފެނުނު. އެކަމަކު ފަހުން ފައިދާއެއް ނުފެނުނު،" މޭޔަރު ވިދާޅުވި އެވެ.
"އެހެންވީމާ ސަރުކާރުން އެބަ ޖެހޭ ގަން އެއާޕޯޓަށް އަވަހަށް ގޮތެއް ނިންމަން. މިހާރު އެ ތަން އެ ހިންގަނީ އަމިއްލަ މީހަކު އޭނާގެ ޕްރައިވެޓް ކުންފުނި ހިންގާ ގޮތަށް. ބޭނުން ބަޔަކު ވަޒީފާ އިން ވަކިކުރާނެ. އެގޮތަށް ސަރުކާރުގެ ކުންފުންޏެއް ކުރިއަކަށް ނުގެންދެވޭނެ."
ގަން އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ އިސްބޭފުޅުން އިއްޔެ އެސްއޯއީ ކޮމިޓީގައި: މި ސަރުކާރު އައި ފަހުން އެ ކުންފުންޏަށް އެމްޑީއެއް ވެސް ނެތް.
މޭޔަރު ވިދާޅުވީ ގަން އެއާޕޯޓު ބައިނަލްއަގްވާމީ ތަނަކަށް ހަދާފައި ވަނީ ނަމަކަށް ކަމަށެވެ.
"ރަންވޭ ދިގުކުރިއެއް ކަމަކު ފްލައިޓެއް ނާންނާނެ އެ ތަން ހިންގޭނެ ގޮތެއް ނެތިއްޔާ. ޖެހިގެން އަންނަ ދުވަހު، އެ ހިނގި ޚަރަދު ހޯދަން އުޅެގެން މިކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ގަން އެއާޕޯޓަށް މިހާރު ވެސް ސްރީ ލަންކަން އެއާލައިންސް އޮޕަރޭޓްކުރެ އެވެ. އެކަމަކު އެ އެއާލައިނުން އަންނަ ޓޫރިސްޓުން، ފަސޭހަ އިންތިޒާމެއްގެ ތެރެއިން ކައިރި ރަށްރަށާއި އަތޮޅުތަކަށް ދެވޭނެ ގޮތެއް ނެތެވެ. ސީޕްލޭނެއް މި ސަރަހައްދަށް ހަމަޖައްސައެއް ނުދެވުނެވެ. ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓުގެ ކަނެކްޝަން އަށް ބަލައިގެން މޯލްޑިވިއަންގެ މަތިންދާބޯޓުތައް ގަމަށް ދަތުރެއް ނުކުރެ އެވެ.
"އެހެންވީމާ ތަރައްގީ ކުރެވޭ ގޮތަކަށް ނޫން ކަންކަން މި ހުންނަނީ ރާވާފައި. ދެން ނަމަކަށް ސްރީ ލަންކަން އެއާލައިންސް ވެސް ގަން އެއާޕޯޓަށް ޖައްސަނީ،" މޭޔަރު ވިދާޅުވި އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އަދި އެސްޓީއޯގެ ހިއްސާ އޮތުމަކީ ވެސް އައްޑޫ މީހުންގެ މެދުގައި އޮތް ނުތަނަވަސް ކަމެކެވެ. އެއީ މަސްލަހަތު ފުށުއަރާތީ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ ހިއްސާ އަތުރާފައިވާ ގޮތް ބަދަލުކުރަން، އިންތިގާލީ މަރުހަލާގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އައްޑޫ ސިޓީ ކައުންސިލުން ހުށައެޅި އެވެ.
އައްޑޫ ކަހަލަ ބޮޑު އާބާދީއަކަށް ބޭނުންވާނެ ކަރަންޓުގެ މިންވަރު ނޭނގޭނެ ސަރުކާރެއް އޮންނާނެހެން ހިއެއް ނުވެ އެވެ. ނަމަވެސް، ކޮންމެ ފަހަރަކު ވެސް ގެންނަނީ ވަގުތީ ހައްލެކެވެ. ގެންނަނީ ވަގުތީ ޖަނެރޭޓަރެކެވެ. އެއީ ފަހުގެ ކޮންމެ ސަރުކާރަކުން ވެސް ކަން ކުރި ގޮތެވެ. އައްޑޫ މޭޔަރު ވިދާޅުވި ގޮތުން މި ސަރުކާރުން ވެސް މިދިޔަ އަށް މަހު ކަންކަން ކުރީ ހަމަ އެ ބީދައިންނެވެ.
"މިހާރު ވެސް އައްޑޫގެ ޕަވާ ސްޓޭޝަންގައި އެބަ ހިންގާ 1998 އިން ފެށިގެން ބޭނުންކުރާ ޖަނެރޭޓަރުތައް. އޭގެ 2-3 ޖަނެރޭޓަރެއް އެބަ ހިންގާ. އޭރުގެ ނެޓްވޯކާއި ގްރިލްޑް އެ ބޭނުންކުރަނީ. އެހެންވީމާ މުޅި އައްޑޫގައި ޕަވާ ހައުސް އާއި ޓްރާންސްފޯމަރުތަކާއި މުޅި ސިސްޓަމް އާކުރަން ޖެހިފައި މި އޮތީ." ސޯބެ
"މި ސަރުކާރު އައުމުގެ ކުރިން އަޅުގަނޑުމެން ހުށަހެޅި ޓްރާންސިޝަން ކަރުދާހުގައި ވެސް އެންމެ އިސްކަން ދީފައި ވާނީ ކަރަންޓުގެ މައްސަލަ. ރައީސް ހުވާކުރައްވާފައި ރައީސް އޮފީހަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ބައްދަލުކުރި ބަޔަކީ އައްޑޫ ސިޓީ ކައުންސިލާއި އޭރު ތިއްބެވި އެމްޕީންނާ. ކަރަންޓުގެ ކަންކަން ހައްލުކުރަން ރައީސް ބޭފުޅަކާ ހަވާލު ވެސް ކުރެއްވި. އޭގެ ފަހުން މީޓިންތައް ބާއްވައި، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ވާހަކަ ވެސް ދެކެވުނު. އޭރު ފެނަކަ އިން އިއުލާން ކުރެއްވި ޖަނެރޭޓަރުތަކެއް ގަންނަން. އެކަމަކު އަދިވެސް އެ ނުގަނޭ،" ސޯބެ ވިދާޅުވި އެވެ.
އައްޑޫގައި މިވަގުތު ވެސް ކަރަންޓުގެ މައްސަލަ މާ ބޮޑު ކަމަކަށް ނުވެ ކުރިއަށް ދަނީ، ސިޓީ ކައުންސިލުން ބުނިގޮތުގައި، ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކި އިމާރާތްތަކުގައި ހަރުކޮށްފައިވާ 1.6 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ސޯލާ ޕެނަލްގެ ސަބަބުންނެވެ. އެކަމަކު، އައްޑޫގައި އިމާރާތްކުރި ފްލެޓުތައް ބޭނުންކުރަން ކައިރި ވެއްޖެ އެވެ. ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލް ސެޕްޓެމްބަރު މަހު ހުޅުވާނެ ކަމަށް ބެލެވެ އެވެ.
ނައިބު ރައީސް ފައިސަލް މިދިޔަ ހޮނިހިރު ދުވަހު އައްޑު އަށް ކުރެއްވި ދަތުރުގައި، ފެނަކަ އިން ހިންގާ އިންޖީނުގޭގެ ހާލަތު ބައްލަވަނީ: އައްޑޫގެ ކަރަންޓުގެ ހާލަތު ވެސް އިންތިހާ އަށް ދަށުގައިވާ ކަމަށް މޭޔަރު "މިހާރު" އަށް ވިދާޅުވި.
"އޭގެ މާނަ އަކީ ކުރިއަށް އޮތް ހަ މަސްތެރޭގައި 2 މެގަވޮޓުގެ ކަރަންޓު ބޭނުންވާނެއޭ. އެހެންވީމާ މިހާރު ހުރި ވަރުން ވެސް ނުވާނެ އިތުރު ޖަނެރޭޓަރު ނުގެނެސް،" ސޯބެ ވިދާޅުވި އެވެ.
"މިހާރު ވެސް އައްޑޫގެ ޕަވާ ސްޓޭޝަންގައި އެބަ ހިންގާ 1998 އިން ފެށިގެން ބޭނުންކުރާ ޖަނެރޭޓަރުތައް. އޭގެ 2-3 ޖަނެރޭޓަރެއް އެބަ ހިންގާ. އޭރުގެ ނެޓްވޯކާއި ގްރިލްޑް އެ ބޭނުންކުރަނީ. އެހެންވީމާ މުޅި އައްޑޫގައި ޕަވާ ހައުސް އާއި ޓްރާންސްފޯމަރުތަކާއި މުޅި ސިސްޓަމް އާކުރަން ޖެހިފައި މި އޮތީ."
އައްޑޫގެ ކަރަންޓުގެ މައްސަލަ ފެނަކަ ކޯޕަރޭޝަނަށް ދެން ހައްލު ކުރެވޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ޖުމްލަ މައްސަލަ ހައްލު ކުރަން މަޝްވަރާއެއް ނެތެވެ.
"ކުއްލިއަކަށް ބުނަންވީ ގްރިޑެއް އަޅަންވީއޭ. އާ ޕަވާ ހައުސްއެއް އަޅަންވީއޭ. މަޝްވަރާކޮށް، ޕްލޭން ކުރުމެއް ނެތް. މާލޭގައި ތިއްބަވާފައި އެ ކުރައްވާ ކަމެއް ކުރައްވަން ނިންމެވީމާ ކިހިނެއްތޯ ރަނގަޅުވާނީ؟،" ސޯބެ ވިދާޅުވި އެވެ.
މިއީ، މިވަގުތު ހިތަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. މާލެ ފިޔަވައި އެންމެ އާބާދީ ބޮޑީ އައްޑޫގައި ކަމަށް ވިޔަސް މި ސިޓީގެ އެންމެ އާބާދީ ބޮޑު ރަށުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ފާޚާނާގެ ރަނގަޅު ނިޒާމެއް ނެތި އެވެ. އެ މަސައްކަތް 2011 ގައި މުޅި އައްޑޫގައި އެންމެ ފުރަތަމަ ފެށީ ހިތަދޫގަ އެވެ. އެކަމަކު، ތަފާތު ސަބަބުތައް މެދުވެރިވެ، ލަސްވަމުން ގޮސް އަދި ކިރިޔާ ގޭގެ އަށް ކަނެކްޝަން ދިނުމަށް ތައްޔާރުވީ އެވެ. ނަމަވެސް މި ކަމުގައި ވެސް ކުރިމަތިވާ އަނެއް މައްސަލަ އަކީ ރަށުގެ ދެކޮޅުގައި ނަރުދަމާގެ ނިޒާމު ހިންގުމަށް ކޮންވެންޝަނަލް ނުވަތަ ގްރެވިޓީ ސިސްޓަމެއް ގާއިމް ކޮށްފައިވާއިރު، ރަށުގެ މެދުގައި ހަދާފައި ވަނީ ވެކިއުމް ސިސްޓަމަކަށް ވުމެވެ. ވެކިއުމް ސިސްޓަމް ގާއިމް ކޮށްފައި ވަނީ މީގެ ނުވަ އަހަރު ކުރިން ކަމަށް ވުމުން އެ ނިޒާމު ޓެސްޓު ކުރަން ވަގުތު ބޭނުންވެ އެވެ.
ހިތަދޫގައި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ދިނުމަށްޓަކައި ހަދާފައިވާ ސްޓޭޝަނެއް: މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އައްޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމް ކޮށްފައި ނެތުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެއް.
"ގޭގެ އަށް މިހާރު އެ ހުރީ ކޮޅު ވައްދާފައި. ރަށުގެ ދެކޮޅުގައި އެ ހުރީ ޓެސްޓުކޮށް ނިމި، ގޭގެ އަށް ކަނެކްޝަން ދޭން ތައްޔާރު ވެފައި. އެކަމަކު، ވެކިއުމް ސިސްޓަމްގައި ލީކުތަކެއް އެބަ އުޅޭ. އެކަން ރަނގަޅު ކުރަން އެބަ ޖެހޭ. އެކަން ފަށައިގަނެގެން މިހާރު ކުރިއަށް އެ ދަނީ. އޮގަސްޓު ފަހުކޮޅު ނުވަތަ ސެޕްޓެމްބަރު ކުރީކޮޅަށް އެކަން ނިންމައި ގޭގެ އަށް ކަނެކްޝަން ދެވޭވަރުވާނެ ކަމަށް މި ބަލަނީ،" މޭޔަރު ވިދާޅުވި އެވެ.
އެކަމަކު އަދިވެސް މަޝްވަރާ ކުރަނީ ހިތަދޫގައި ނަރުދަމާ ނިޒާމުގެ ޚިދުމަތް ދޭނީ ޓްރީޓް ކޮށްގެންތޯ ނުވަތަ ނޫންތޯ އެވެ. ކަނެކްޝަން ގޭގެ އަށް ވައްދަން ތައްޔާރު ވެފައިވާއިރު ވެސް ސަރުކާރަށް އުޅެނީ އެކަމަށް ގޮތެއް ކަނޑަނޭޅިގެންނެވެ. މޭޔަރު ވިދާޅުވީ، މާލެ ފިޔަވައި އެންމެ އާބާދީ ބޮޑީ އައްޑޫގައި ކަމަށް ވާއިރު، މިހާ ދުވަސްވީއިރު މި ސިޓީގެ ރައްޔިތުންނަށް ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ނުލިބެންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. "އައްޑޫ އަށް ކޮށްދެވުނު ކަމެއް ހަގީގަތުގައި ނެތް މިދިޔަ ހަތް އަހަރުގެ ތެރޭގައި ވެސް. ކުރިން ފެށިފައި ހުރި ކަންކަން ވެސް ނުނިމިގެން ދިޔައީ. ނަރުދަމާގެ ނިޒާމު ފައްޓާފައި އޮތީ. ފެނުގެ ނިޒާމު ފައްޓާފައި އޮތީ މި ހުރިހާ ދުވަހު. އެކަމަކު ނުނިމި މިދަނީ މި ހުރިހާ ދުވަހު. ރައީސް މައުމޫންގެ ޒަމާނުގައި ހޮސްޕިޓަލް ހަދަން ބަޖެޓު ހޯއްދަވާފައި އޮތީ. އެކަން ވެސް ނުވެ ދިޔައީ،" ސޯބެ ވިދާޅުވި އެވެ.
ފުވައްމުލަކުގެ 31 މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާކަން މިދިޔަ އަންގާރަ ދުވަހު "މިހާރު" ގައި ޖެހުމުން އައްޑޫ ބައެއް މީހުން އެކަމާ ވެސް ސުވާލު އުފެއްދިތަން ފެނެ އެވެ. އައްޑޫގެ ރަށްރަށުގެ އެތެރޭގެ މަގުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މިހާ ދުވަސްވީ އިރު އެ ކަމަށް ދާއިމީ ހައްލެއް ހޯދައި ނުދީ، ފުވައްމުލަކުގެ މަގުތައް ހެދުމަކީ ބައެއް މީހުންނަށް ގަބޫލުކުރެވޭ ކަމަކަށް ނުވީ އެވެ. މި ސަރުކާރުން އައްޑު އަށް ދިން ތާއީދާއި އެއްބާރުލުމާ އަޅާބަލައިފަ އެވެ. އެއީ އައްޑޫ މީހުންގެ މާޔޫސްކަން ވަޒަން ކުރުވި ވާހަކަތަކެކެވެ.
"ކަންތައް ކުރިއަށް ދާ މިންވަރު އެބަ ފެނޭ. ފުވައްމުލަކުގެ 31 މަގެއްގައި ތާރުއަޅައި އެ ދެނީ. އަހަރެމެން މި ރަށުގެ މަގުތަކުގައި ފެން ބޮޑުވެ، ކިސަޑު ހެދިގެން އެ ވާހަކަ ދައްކައި ތިބޭތާ އުމުރުން ވީހާ ދުވަސް މިވީ. އެކަމަކު ވީ އެއްވެސް ކަމެއް ނެތް،" ޓެކްސީ ޑްރައިވަރަކު އަމުނައިލި އެވެ.
"މި ވާހަކަ ދައްކަދައްކައި ތިއްބާ ފުވައްމުލަކުގެ މަގުތައް ހަދައިދޭން އެ ފެށީ."
އައްޑޫ މޭޔަރު ސޯބެ: އައްޑޫގެ ތަރައްގީގައި މާޔޫސްވާ ކަންކަން އެބަހުރި ކަން ވާހަކައިން ދޭހަވި.
އައްޑޫގެ ރަށްރަށުގެ މަގުތަކާއި ބަނދަރުތައް ހަދަން ނިންމާފައި ވަނީ ރާއްޖެ އަށް އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އިންނެވެ. އައްޑޫގެ ތަރައްގީ އަށް އިންޑިއާ އިން އެކަނި 200 މިލިއަން ޑޮލަރު ހޭދަކުރާ އިރު މި ސިޓީގެ އެހެނިހެން ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މި ސަރުކާރުން ކުރިން ވަނީ އިއުލާން ކޮށްފަ އެވެ.
މިއީ، ބޭރުގެ އެހީތަކެއް ކަމަށް ވުމުން ވަގުތު ނަގާނެ އެވެ. މޭޔަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އައްޑު އަށް ވައުދުވެވަޑައިގެންނެވި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"މިދިޔަ އަށް މަސް ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު ދަތުރުތަކާއި ސަރުކާރާ އެކު ކުރި މަޝްވަރާގެ ނަތީޖާއެއް ނޫންތޯ ބަޖެޓުގެ ބޭރުން އެތައް މިލިއަން ރުފިޔާގެ މަޝްރޫއެއްގެ ވާހަކަ ސަރުކާރުން އިއުލާން ކުރުމަކީ. އައްޑޫ ފިޔަވައި އެހެން އެއްވެސް ރަށެއްގައި މިހާ މެގާ ޕްރޮޖެކްޓެއް މިހާތަނަށް އިއުލާން ކޮށްފައި ނެތް،" ސޯބެ ވިދާޅުވި އެވެ.
މިވަގުތު އެންމެ އިސްކަންދޭންވީ ސިޓީ ސްކެއާ އަށް؟!
ކޮންސިއުލޭޓް ގުޅެނީ އައްޑޫގެ ތަރައްގީއާ: މޭޔަރު
އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އަދި ނުފެނޭ: އީއޯސީ
އައްޑޫ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދީފި
ހިތަދު އަށް އަރައިފޭބުން މަނާކޮށްފި
އެންމެ ނިކަމެތީ އައްޑޫ، ކަމަކީ ގުރުބާންވުން: ނިޒާރު
ނުވެހުރި ކަންކަން ސަރުކާރަށް ހުށަހަޅާނަން: ސޯބެ
ދީމާ އަށް އައްޑޫ ކައުންސިލުން ހާއްސަ ޓްރޮފީއެއް
އުމްރާ ދަތުރު މި ފަހަރު ކައުންސިލްގެ ދެ މުވައްޒަފަކަށް
ހިޔާލު ތަފާތުވިޔަސް ތަރައްގީއަށް ހުރަހެއް ނާޅާނަން:ސޯބެ