Roadha Mihaaru
ރާއްޖޭގައި މައިންގެ ފަރާތުން އެޗްއައިވީއެއް ނުފެތުރޭ

ރާއްޖެ އަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ނުފެތުރޭ ގައުމެއް ކަމަށް ކަނޑައަޅައިފި

15 ޖުލައި 2019

ރާއްޖެ އަކީ މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ އާއި ސިފިލިސް ނުފެތުރޭ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އަކީ މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ އާއި ސިފިލިސް ނުފެތުރޭ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

މިގޮތަށް ކަނޑައަޅައި އެކަމުގެ ލިއުން ޑަބްލިއެޗްއޯ އިން ހަވާލުކުރީ ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން އެ ލިޔުމާ ހަވާލުވެ ވަޑައިގަތީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ރާއްޖެ އަކީ އެ ދެބަލި މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް ނާރާ ގައުމެއް ކަމުގެ ސެޓްފިކެޓް މި ސަރަހައްދުން ލިބުނު ދެ ވަނަ ގައުމެވެ. ރާއްޖެ އަކީ މުޅި ދުނިޔެ އަށް ބަލާއިރު އެ ސެޓްފިކެޓް ލިބު 12 ވަނަ ގައުމެވެ. އަދި ގައިންގަޔަށް އަރާ ބައްޔެއް ނައްތައިލެވުނު ނުވަތަ ފެތުރުން ހުއްޓުނު ކަމުގެ ސެޓްފިކެޓް ރާއްޖެ އަށް ލިބުނު މިއީ ހަތަރު ވަނަ ފަހަރެވެ.

މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތައިލިކަމުގެ ސެޓްފިކެޓް ކުރިން ވަނީ ލިބިފަ އެވެ.

މިއަދު ލިބުނު ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ފެށީ ހެލްތު މިނިސްޓްރީން ބުނިގޮތުގައި 2014 ވަނަ އަހަރު އެވެ. ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް އެ މަސައްކަތް އޭރު ނެޝަނަލް ވެލިޑޭޝަން ކޮމިޓީއެއް ނެގި އެވެ. އަދި ޑަބްލިއެޗްއޯ މިންގަޑުތަކާއެއްގޮތަށް ކަންތައްތައް ހުރިތޯ ބަލަން 2018 ވަނަ އަހަރުގެ ކުރީކޮޅު ތަފާސްހިސާބާއި މައުލޫމާތު އެއްކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެެވެ. މާބަނޑު ދުވަސްވަރު ސިއްހީ ހިދުމަތް ހޯދާ މީހުންގެ ނިސްބަތާއި، މާބަނޑު ދުވަސްވަރު އެޗް.އައި.ވީ އަދި ސިފިލިސް އަށް ޓެސްޓްކުރާ މީހުންގެ ނިސްބަތް އެގޮތުން ދެނެގަތެވެ.

މި ހޯދުންތަކަށް ފަހު ތައްޔާރުކުރި ގައުމީ ރިޕޯޓް ޑަބްލިއެޗްއޯ އަށް ހުށަހެޅީ ވެސް 2018 ވަނަ އަހަރު އެވެ.

މާލެ އާއި އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި، އުފަންވެނި ސިއްހަތާއި އަދި މައިންނާއި ތުއްތުކުދިންގެ ސިއްހަތާ ބެހޭ ޕްރޮގްރާމްތައް، އަދި އެޗް.އައި.ވީ އަދި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ހިނގާ ގޮތް ޑަބްލިއެޗްއޯގެ ޓީމުން ބެލި އެވެ.