Roadha Mihaaru
އެޗްއައިވީ ޖެހިފައި ތިބި ދިވެހިންގެ އަދަދަކީ 22

އެޗްއައިވީ ޖެހުނު 37 ދިވެހިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 22 މީހުން

01 ޑިސެމްބަރ 2021

އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސް ހުރިކަން މިހާތަނަށް އެނގިފައިވާ 37 ދިވެހިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 22 މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސް ހުރިކަން މިހާތަނަށް އެނގިފައިވާ 37 ދިވެހިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 22 މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެޗްއައިވީގެ 487 ކޭސް ރާއްޖޭން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 450 ބިދޭސީންނާއި 37 ދިވެހިންނެވެ. މިއީ 1991 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށެވެ.

ދިވެހީންގެ ތެރޭގައި ހިމެނެނީ 31 ފިރިހެނުންނާއި ހަ އަންހެނުންނެވެ. އަދި އޭގެ ތެރެއިން 15 މީހަކު ވަނީ މަރުވެފަ އެވެ. އެހެންވެ މިހާރު ތިބީ މި ބަލީގެ 22 މީހެކެވެ. އެ މީހުންނަށް އަންނަނީ ބަލީގައި ބޮޑުވަރު ވިޔަ ނުދޭން ބޭނުންކުރާ އޭއާރްވީ ފަރުވާ ދެމުންނެވެ.

އެޗްއައިވީ ޖެހުމުން ދޭ ފަރުވާއިން ވައިރަސް ބަލިކަށިކޮށްލައި އެއިޑްސް އަށް ބަދަލުވިޔަ ނުދީ ލަސްކޮށްލެވެ އެވެ. އެހެންވެ އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިވެ އެވެ. އެޗްއައިވީ ޖެހުމަށް މަގުފަހިވާ ކަންތައްތައް ޒުވާނުންގެ ތެރޭގައި އަދި ވެސް ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނެފައި ވެ އެވެ. އޭގެ ތެރޭގައި، ޖިންސީ ގުޅުންތަކާއި އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖް ބޭނުން ކުރުން ފަދަ ކަންކަން ހިމެނެ އެވެ. އެހެންވެ އެޗްއައިވީ ޖެހި އެކަން ނޭނގި ތިބި އެތައް ބަޔަކު ދިވެހިންގެ ތެރޭގައި ތިބުމުގެ ފުރުސަތު ބޮޑެވެ.

އެޗްއައިވީ އަށް ރާއްޖޭގައި ފަސޭހަކަމާ އެކު ހިލޭ ޓެސްޓުކުރެވެ އެވެ.