Roadha Mihaaru
އަލްޖީރިއާ އާއި ޓިއުނީޝިއާ ސެމީ އަށް

އަލްޖީރިއާ އާއި ޓިއުނީޝިއާ ސެމީ އަށް

12 ޖުލައި 2019

ގާހިރާ، މިސްރު (ޖުލައި 12) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ ޓިއުނީޝިއާ އާއި އަލްޖީރިއާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގާހިރާ، މިސްރު (ޖުލައި 12) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ ޓިއުނީޝިއާ އާއި އަލްޖީރިއާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ކުއާޓާގައި ރޭ ޓިއުނީޝިއާ އިން ވަނީ 3-0 އިން މަޑަގަސްކާ ބަލިކޮށްފަ އެވެ. އަދި އަލްޖީރިއާ އިން އައިވަރީ ކޯސްޓް ބަލިކުރީ ފުރިހަމަ ވަގުތާއި އިތުުރު ވަގުތު ކުޅުނުއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން 4-3 އިންނެވެ.

މުބާރާތުގައި އަލަށް ވާދަކޮށް ގިނަ ހައިރާންކުރަނިވި ނަތީޖާތަކެއް ނެރުނު މަޑަގަސްކާއާ ދެކޮޅަށް ޓިއުނީޝިއާ އިން ރޭގެ މެޗުގައި މޮޅަށް ކުޅުނެވެ. ޓިއުނީޝިއާ އިން ކުއާޓާއާ ހަމައަށް އައީ 90 މިނިޓް ތެރޭގައި އެއްވެސް މެޗަކުން މޮޅުނުވެ އެވެ. ގްރޫޕްގެ ތިން މެޗު ވެސް އެއްވަރުވިއިރު، ދެ ވަނަ ބުރުގައި ގާނާ ބަލިކުރީ 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

މަޑަގަސްކާ ކޮޅަށް ޓިއުނީޝިއާގެ ގޯލުތައް ޖެހީ ފެޖާނީ ސާސީ، ޔޫސުފް މުސާނީ އަދި ނައީމް ސްލިތީ އެވެ. ޓިއުނީޝީއާ އިން 2004 ވަނަ އަހަރަށް ފަހު ކުޅޭ ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ސެނެގޯލާ އެވެ. ޓިއުނީޝިއާގެ ކޯޗު އަލާއިން ގްރީސޭ ބުނީ މި ހިސާބަށް އާދެވުމަކީ ވެސް މިދިޔަ އަހަރުތަކަށް ބަލާއިރު ކާމިޔާބެއް ކަމަށާއި އެކަމަކު މި މުބާރާތް ކާމިޔާބު ކުރުމަކީ މިހާރު ކުޅުންތެރިންނާއި އޭނާގެ ޓާގެޓް ކަމަށެވެ.

"މިއީ ވެސް ބޮޑު ކުރިއެެރުމެއް. އެކަމަކު މި ހިސާބުން ނިންމާލީއެއް ނޫން. ދެވެން އޮތް އެންމެ ދުރަށް ގޮސް މި ތަށި އުފުލާލުމަކީ މިހާރުގެ އަމާޒަކީ،" އަލާއިން ބުންޏެވެ.

އައިވަރީ ކޯސްޓާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އަލްޖީރިއާ އަށް މެޗުގެ 20 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ސޯފިއަން ފެގޫލީ އެވެ. ދެ ވަަނަ ހާފުގައި އައިވަރީ ކޯސްޓަށް އެއްވަރުކޮށްދިނީ ޖޮނަތަން ކޮޑްޖާ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އަލްޖީރިއާ އިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ރަމީ ބެންސެމްބާނީ، އިސްލާމް ސްލިމާނީ، އެންޑީ ޑެލޯޓް އަދި އާދަމް އޫނަސް ޕެނަލްޓީތައް ކާމިޔާބުކުރިއިރު، އެ ޓީމަށް ނާކާމިޔާބުވި ޕެނަލްޓީ އަކީ ޔޫސުފް ބެލައިލް ފޮނުވާލި ޕެނަލްޓީ އެވެ.

އައިވަރީ ކޯސްޓުން ފޮނުވާލި ފަސް ޕެނަލްޓީ ތެރެއިން ކާމިޔާބުވީ ތިން ޕެނަލްޓީ އެވެ. އެ ޓީމުގެ ވިލްފްރެޑް ބޮނީ އާއި ސެރޭ ޑައި ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އެ ޓީމުން ކާމިޔާބުކުރެވުނީ ފްރޭންކް ކެސީ، މެކްސްވެލް ކޯނެޓް އަދި މެކްސް އަލަން ގްރަޑެލް ޖެހި ޕެނަލްޓީ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އާދިއްތަ ދުވަހު އެވެ. އެއް ސެމީގައި ސެނެގޯލާއި ޓިއުނީޝިއާ ކުޅޭއިރު، އަނެއް ސެމީގައި ބައްދަލުކުރާނީ އަލްޖީރިއާ އާއި ނައިޖީރިއާ އެވެ.