Roadha Mihaaru
ޗެމްޕިއަން އަލްޖީރިއާ ކުޅުނު ފުރަތަމަ މެޗު އެއްވަރު

އެފްރިކަން ކަޕް: ޗެމްޕިއަން އަލްޖީރިއާ ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެ

12 ޖެނުއަރީ 2022

ކެމަރޫން (ޖެނުއަރީ 12) - ކެމަރޫންގައި ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ ކުޅުނު ފުރަތަމަ މެޗު ސިއެރާ ލިއޯންއާ ވާދަކޮށް އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެމަރޫން (ޖެނުއަރީ 12) - ކެމަރޫންގައި ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ ކުޅުނު ފުރަތަމަ މެޗު ސިއެރާ ލިއޯންއާ ވާދަކޮށް އެއްވަރު ވެއްޖެ އެވެ.

މެންޗެސްޓާ ސިޓީގެ ފޯވާޑް ރިޔާދް މަހްރޭޒްގެ ކެޕްޓަން ކަމުގެ ދަށުން ކުޅޭ އަލްޖީރިއާއާ ވާދަކޮށް ސިއެރާ ލިއޯން މެޗު އެއްވަރުކުރީ 0-0 އިންނެވެ. ސިއެރާ ލިއޯންގެ ޒުވާން ކީޕަރު މުހައްމަދު ކަމާރާ ވަނީ މެޗުގެ އެންމެ ފަހު ވަގުތުގައި ޓީމަށް ޕޮއިންޓެއް ހޯދައިދޭން މުހިއްމު ދެ ސޭވް ކޮށްފަ އެވެ. ވެސްޓްހޭމް އަށް ކުޅޭ އަލްޖީރިއާގެ ފޯވާޑް ސައީދް ބެންރަހްމާ މި މެޗުގައި އެރީ ފަހު ހަތަރު މިނިޓަށެވެ.

ސިއެރާ ލިއޯންގެ ޑިފެންޑަރު ސްޓީވަން ކޯލްކާ އަލްޖީރިއާއާ ދެކޮޅަށް ކުޅެނީ.-- ފޮޓޯ: އޭއެފްޕީ

ސިއެރާ ލިއޯންގެ ޑިފެންޑަރު ސްޓީވަން ކޯލްކާ އަލްޖީރިއާއާ ދެކޮޅަށް ކުޅެނީ.-- ފޮޓޯ: އޭއެފްޕީ

ސިއެރާ ލިއޯން އަށް ދާދި ފަހުން ރަށްވެހިކަން ބަދަލުކުރި ކުރީގެ އިނގިރޭސި ޑިފެންޑަރު ސްޓީވަން ކޯލްކާ، 30، ވަނީ އެ ޓީމުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މިއީ އޭނާ ރަށްވެހިކަށް ބަދަލުކޮށް ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. އަދި މިއީ 1996 ވަނަ އަހަރަށް ފަހު ސިއެރާ ލިއޯން އެފްރިކަން ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާ އެކު އަލްޖީރިއާ ވަނީ އެންމެ ފަހުން އެ ޓީމު ކުޅުނު 35 މެޗުން ވެސް ބަލި ނުވެ ނިންމާލައިފަ އެވެ. ވިދިވިދިގެން އެންމެ ގިނަ މެޗުން ބަލި ނުވުމުގެ ރެކޯޑް އޮންނަނީ، ބަލި ނުވެ 37 މެޗު ހަމަކުރި އިޓަލީ އަތުގަ އެވެ.

މިސްރުގެ މުހައްމަދު ސަލާހު، ނައިޖީރިއާގެ ޑިފެންޑަރު ކެނެތު އޮމެރޫ ކައިރިން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިސްރުގެ މުހައްމަދު ސަލާހު، ނައިޖީރިއާގެ ޑިފެންޑަރު ކެނެތު އޮމެރޫ ކައިރިން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގުރޫޕް ޑީގައި ހިމެނޭ މިސްރު ވަނީ ކުޅުނު ފުރަތަމަ މެޗުގައި ނައިޖީރިއާ އަތުން 1-0 އިން ބަލިވެފަ އެވެ. ނައިޖީރިއާގެ ހަމައެކަނި ކަނޑު މެޗުގެ 30 ވަނަ މިނިޓުގައި ޖެހީ ލެސްޓާ ސިޓީއަށް ކުޅޭ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ. މި މެޗުގައި، މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ނައިޖީރިއާ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލައެއް ފޮނުވާލެވިފައި ނުވެ އެވެ.

މި ގުރޫޕުގައި ހިމެނޭ ސޫދާނާއި ގިނީ-ބިސާއު ވާދަކުރި މެޗު ރޭ ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗު ނިމެން އަށް މިނިޓަށްވެފައި ވަނިކޮށް ގިނީ-ބިސާއު އަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ނަމަވެސް ފްރާންސްގެ މޮނާކޯއަށް ކުޅޭ މިޑްފީލްޑަރު ޕެޕޭ ފޮނުވާލި ޕެނަލްޓީ، ސޫދާންގެ ކީޕަރު އަލީ އަބޫ އަޝްރީން ވަނީ ދިފާއު ކޮށްފަ އެވެ.

ސެނެގާލް މުބާރާތުގައި ކުޅުނު މެޗުގައި ސަޑިއޯ މާނޭ، ޒިމްބާބުވޭ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ސެނެގާލް މުބާރާތުގައި ކުޅުނު މެޗުގައި ސަޑިއޯ މާނޭ، ޒިމްބާބުވޭ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ސަލާހަށް ފުރަތަމަ މެޗުގައި ނާކާމިޔާބުވި ނަމަވެސް އެޓީމުގެ ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ އާއި ގިނީ މިޑްފީލްޑަރު ނަބީ ކެއިޓާ ވަނީ ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފަ އެވެ. ސެނެގާލް އާއި ގިނީ ވެސް ހިމެނެނީ އެއް ގުރޫޕެއްގަ އެވެ. ފުރަތަމަ މެޗު ސެނެގާލް ކާމިޔާބުކުރީ ޒިމްބާބްވޭއާ ވާދަކޮށް 1-0 އިންނެވެ. ސެނެގާލްގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި ޖެހީ ވެސް މާނޭ އެވެ. މަލާވީއާ ވާދަކޮށް ގިނީ ވެސް މެޗު ކާމިޔާބުކުރީ ހަމަ އެ ނަތީޖާއިންނެވެ.

މުބާރާތުގައި ވާދަކުރާ މޮރޮކޯ އިން ވަނީ، ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ގާނާއާ ވާދަކޮށް ފަހު ވަގުތު 1-0 އިން މޮޅުވެފަ އެވެ. މި ގުރޫޕުގައި ހިމެނޭ ގެބޮން ވެސް މުބާރާތުގައި އަލަށް ވާދަކުރާ ކޮމޮރޯސްއާ ވާދަކޮށް މެޗު ކާމިޔާބު ކުރީ 1-0 އިންނެވެ.

ކެމަރޫންގެ ކެޕްޓަން މުބާރާތުގެ ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށް ފަހު.--

ކެމަރޫންގެ ކެޕްޓަން މުބާރާތުގެ ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށް ފަހު.--

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ބުރްކިނާ ފަސޯ އާއި މުބާރާތް ބާއްވާ ގައުމު ކެމަރޫން އެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކެމަރޫން އެވެ. މެޗުގެ 24 ވަނަ މިނިޓުގައި ބުރްކިނާ ފަސޯ އިން ލީޑު ނަގައިފައި ވަނިކޮށް ކެމަރޫން އިން އެއްވަރުކުރީ 40 ވަނަ މިނިޓުގަ އެވެ. އަދި ފުރަތަމަ ހާފުގައި ދެއްކި އިތުރު ވަގުތުގައި ކެމަރޫން އިން ވަނީ ލީޑު ނަގައިފަ އެވެ. ކެމަރޫންގެ ދެ ލަނޑު ވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކެޕްޓަން ވިންސެންޓް އަބޫބަކާ އެވެ.

ކެމަރޫންއާ އެކު ގުރޫޕް އޭގައި ދެން ހިމެނޭ ކޭޕް ވާޑް ވަނީ 10 މީހުނާ އެކު ކުޅުނު އިތިއޯޕިއާއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ކޭޕް ވާޑްގެ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ކޮވިޑުގެ ސަބަބުން ކޭޕް ވާޑްގެ ނުވަ ކުޅުންތެރިންނާއި އެޓީމުގެ ކޯޗު ވެސް ހުރީ ޓީމާ ވަކިންނެވެ.

މުބާރާތުގައި މެޗެއް ނުކުޅެނީ ގުރޫޕް އެފްގަ އެވެ. މި ގުރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 6 ޖަހާއިރު ވާދަކުރާނީ ޓިއުނީޝިއާ އާއި މާލީ އެވެ. މޮރިޓާނިއާ އާއި ގެމްބިއާ ކުޅޭ ދެވަނަ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރެވެ.

މިރޭގެ ތިންވަނަ މެޗުގައި ވާދަކުރާނީ ގުރޫޕް އީގައި ހިމެނޭ އައިވަރީ ކޯސްޓާއި އިކުއެޓޯރިއަލް ގިނީ އެވެ.