Roadha Mihaaru
ޝަރީފަކީ މި ކުންފުނީގެ އެމްޑީއެއް ނޫން: ޑަބްލިއުއެލްޓީ

ޝަރީފަކީ މި ކުންފުނީގެ އެމްޑީއެއް ނޫން: ޑަބްލިއުއެލްޓީ

10 ޖުލައި 2019

ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފަކީ މިހާރު ވޯލްޑް ލިންކް ޓްރެވެލްސް (ޑަބްލިއުއެލްޓީ) ގެ މެނޭޖިން ޑިރެކްޓަރު ނޫން ކަމަށާއި ދައުލަތުން އެ ކުންފުންޏަށް ދިން ފައިސާއާ ގުޅޭ ގޮތުން އޭނާ ދައްކަވާ ވާހަކަތައް ކުށްވެރިކުރާ ކަމަށް ޑަބްލިއުއެލްޓީން މިއަދު ބުނެފި އެވެ.

ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފަކީ މިހާރު ވޯލްޑް ލިންކް ޓްރެވެލްސް (ޑަބްލިއުއެލްޓީ) ގެ މެނޭޖިން ޑިރެކްޓަރު ނޫން ކަމަށާއި ދައުލަތުން އެ ކުންފުންޏަށް ދިން ފައިސާއާ ގުޅޭ ގޮތުން އޭނާ ދައްކަވާ ވާހަކަތައް ކުށްވެރިކުރާ ކަމަށް ޑަބްލިއުއެލްޓީން މިއަދު ބުނެފި އެވެ.

ވިލާގެ މެޖޯރިޓީ ހިއްސާ އޮންނަ ޑަބްލިއުއެލްޓީން މިހެން ބުނީ، ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު، އެ ރަށްތައް ސަރުކާރުން ހަވާލު ނުކުރި މައްސަލައިގައި، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ކުންފުންޏަށް ދައުލަތުން ފައިސާ ދެއްކުމަށް އެއްބަސްވުމަކަށް އައީ ޑަބްލިއުއެލްޓީ އަށް އެނގުމަކާ ނުލައި ކަމަށް ޝަރީފް މީޑިއާގައި މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ޝަރީފް ވިދާޅުވާ ގޮތުގައި އޭނާ އަކީ އަދިވެސް ޑަބްލިއުއެލްޓީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި ވިދާޅުވެފައި ވަނީ ޑަބްލިއުއެލްޓީ އަށް ނޭނގި، ވިލާގެ ޓެކްސް ބިލްތައް އެ ފައިސާ އިން ކެނޑުމަކީ ހުކުމާ ހިލާފަށް ސަރުކާރުން ކުރި ކަމެއް ކަމަށެވެ. އެއީ ކުންފުނިތަކުގެ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ.

ޝަރީފް އެހެން ވިދާޅުވެފައި ވަނިކޮށް، ޑަބްލިއުއެލްޓީގެ ލެޓާ ހެޑްގައި އެ ކުންފުނިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ޝަރީފް ހުންނެވީ ޑިސެމްބަރު 11، 2013 އާ ހަމައަށް ކަމަށެވެ. އަދި ހަމަ އެ ދުވަހު ބޭއްވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ޑަބްލިއުއެލްޓީގެ މެނޭޖިން ޑިރެކްޓަރަކަށް ފާތިމަތު ތަސްލީމާ އައްޔަން ކޮށްފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ. ތަސްލީމާ އަކީ ވިލާގެ ޗެއާމަން ގާސިމް އިބްރާހީމްގެ ދަރިކަނބަލެކެވެ.

ޑަބްލިއުއެލްޓީން ބުނީ، ޑިސެމްބަރު 11، 2013 ގައި ބޭއްވި ބައްދަލުވުމުގައި ޝަރީފް ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެ ދުވަހު ބޯޑުން ފާސްކުރި ގަރާރުގައި ވެސް އޭނާ ސޮއިކުރެއްވި ކަމަށެވެ.

ބަޔާނުގައިވާ ގޮތުން، ޑަބްލިއުއެލްޓީގައި ޝަރީފާއި އޭނާގެ އަންހެނުންގެ ހިއްސާ އޮތެވެ. އެކަމަކު، އެ ދެބޭފުޅުންގެ 90 ހިއްސާ އަށް ޖެހޭ ފައިސާ ސެޕްޓެމްބަރު 30، 2007 ގައި ޝަރީފަށް ވަނީ ދައްކައި ޚަލާސްކޮށްފަ އެވެ.

ޑަބްލިއުއެލްޓީން ބުނީ، ސުޕްރީމް ކޯޓުން މިދިޔަ މާޗް 28 ގައި ކުރި ހުކުމާ ގުޅިގެން، ދައުލަތުން އެ ކުންފުންޏަށް ދޫކޮށްފައި ވަނީ އެޑްވާންސް ކުލީގެ ގޮތުގައި ދައުލަތަށް ކުރިން ދައްކާފައިވާ 16.9 މިލިއަން ޑޮލަރުގެ ތެރެއިން 15 މިލިއަން ޑޮލަރު ކަމަށެވެ.

"މި ފައިސާގެ ތެރެއިން 30 ޖޫން 2019 ގެ ނިޔަލަށް ވިލާގެ ބައެއް ކުުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އުނިކޮށްފައި ވަނީ، މި ކުންފުނީގެ އެދުމުގެ މަތިންނެވެ،" ޑަބްލިއުއެލްޓީގެ ބަޔާނުގައި ވެ އެވެ.

ޑަބްލިއުއެލްޓީން ބުނިގޮތުގައި، އެ ކުންފުނިން އެޑްވާންސް ފައިސާގެ ގޮތުގައި ދައުލަތަށް ދެއްކި 16.9 މިލިއަން ޑޮލަރަކީ ވިލާ ޝިޕިން އާއި ޑަބްލިއުއެލްޓީއާ އެކު ސެޕްޓެމްބަރު 30، 2007 ގައި ކުރި އެއްބަސްވުމުގެ ދަށުން އަނބުރާ ދައްކާ ގޮތަށް ނެގި ފައިސާ އެވެ.

"މި ފައިސާ އެއްބަސްވުމާ އެއްގޮތަށް ނުދެއްކުމާ ގުޅިގެން 19 އޮކްޓޫބަރު 2014 ގައި މި ކުންފުނީގެ ޑިރެކްޓަރު އަހުމަދު ޝަރީފް ހިމެނޭ ގޮތަށް ބޭއްވުނު މި ކުންފުނީގެ ބޯޑުގެ ޖަލްސާ އިން ނިންމާފައި ވަނީ، މި ކުންފުނިން އެޑްވާންސް ފައިސާ ދައްކާފައިވާ ތިން ރަށާ ގުޅިގެން މި ކުންފުންޏަށް ލިބިދޭ އެންމެހައި ހައްގުތައް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްލުމަށެވެ،" ޑަބްލިއުއެލްޓީން ބުންޏެވެ.

ޑަބްލިއުއެލްޓީން ބުނީ، ޝަރީފަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ވިދާޅުވެ، އޭނާ ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޝަރީފްގެ ވާހަކަތަކާ ގުޅިގެން، ބަންޑާރަ ނައިބުގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ ޑަބްލިއުއެލްޓީ އަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ވިލާ ޝިޕިންގެ ޓެކްސް އާއި ޖޫރިމަނާ ފައިސާ އުނިކުރީ ޑަބްލިއުއެލްޓީގެ ބޯޑުން ފާސްކޮށް، ފޮނުވި ގަރާރަކާ ގުޅިގެން ކަމަށެވެ. ޑަބްލިއުއެލްޓީގެ ބޯޑުން ފާސްކޮށް އޭޖީ އޮފީހަށް ފޮނުވި ގަރާރުގައި ބުނެފައި ވަނީ އެ ފައިސާ އުނިކުރަން އިއުތިރާޒް ނުކުރާ ކަމަށެވެ.