Roadha Mihaaru

ގަދަބާރުން ޔާމީން ކާޑެއްދޫ އެއާޕޯޓް އަތުލައި ވެރިކަން ނިމެންދެން ވިލާ ކުންފުންޏަށް އަނިޔާވެރިވި: ގާސިމް

ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ 50 އަހަރަށް ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ދޫކޮށްލަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި އެވެ.

"ވެރިކަން ނިމެންދެން ޔާމީން ވިލާއަށް އަނިޔާވެރިވި"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

24 އޯގަސްޓް 2025

ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ 50 އަހަރަށް ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ދޫކޮށްލަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި އެވެ.

ޔާމީން ފާޑުވިދާޅުވީ، އިކޮނޮމިކް ކައުންސިލުގެ ހުށަހެޅުމަށް އެއްބަސްވެ، އެއާޕޯޓް އަނބުރާ މި ސަރުކާރާ ހަވާލުކުރަން ވިލާ ކުންފުނިން ނިންމުމާ ގުޅިގެންނެވެ. އެއާޕޯޓް އަނބުރާ ހަވާލުކުރަން ބަދަލުގެ ގޮތުގައި ސަރުކާރުން ހުށަހެޅީ 18 މިލިއަން ޑޮލަރު ނުވަތަ ޓެކްސް އިން ލުޔެކެވެ.

އެއާޕޯޓް ސަރުކާރާ ހަވާލުކުރަން ނިންމި ސަބަބު ތަފްސީލްކޮށްދެއްވައި ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ މި ފަހުން ބޭއްވި ޖަލްސާގައި ކާޑެއްދޫ އެއާޕޯޓާ ގުޅުވައި ޔާމީން ވާހަކަ ދެއްކެވީ ކަމުގެ ހަގީގަތް އާންމުންނަށް އޮޅުވާލަން ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ވިލާ ކުންފުންޏާއި ގާސިމަށް ވެސް އަނިޔާވެރިވެ، ގާނޫނީ އިމުން ބޭރުން މުދާ ފޭރިގަތް ކަމަށް ބަޔާނުގައިވެ އެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުނިން އަތުލުމުގައި ވެސް ގަދަބާރުން ޔާމީން އިހްތިޔާރުކުރީ އަނިޔާވެރިކަން ކަމަށެވެ.

އެއާޕޯޓް ސަރުކާރާ ހަވާލުކުރަން ނިންމި ނިންމުމާ ގުޅިގެން ގާސިމް ވިދާޅުވީ، 1993 ގެ ފަހުކޮޅު ހުޅުވި އެ އެއާޕޯޓު އޭރުގެ ސަރުކާރުން ހިންގަމުން ދިޔައީ ގެއްލުމުގައި ކަމަށެވެ. އެކަމަށް ހައްލު ހޯދަން 2013 ވަނަ އަހަރު، ރީޖަނަލް އެއާޕޯޓެއްގެ ގޮތުގައި 50 އަހަރަށް ހިންގުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ޓެންޑާއެއްގައި ވިލާ އިން ބައިވެރިވެ، އެ ފުރުސަތު ކާމިޔާބުކުރީ ގާނޫނާ އެއްގޮތަށް ކަމަށެެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިވިލް އޭވިއޭޝަން މިންގަނޑުގައި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އެއާޕޯޓަށް އަލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރަށުގެ ކަރަންޓު ޖަނަރޭޓަރާއި އެއާފީލްޑް އާއި އާންމު އޭރިއާ ވަކިކުރާ ފެންސާއި އެއާޕޯޓުގެ އިދާރީ ހިންގުމުގެ ސާމާނާއި ފަޔާ ޓެންޑާ އާއި އެމްބިއުލާންސް ފަދަ އެތައް ހިދުމަތެއް އެތަނުގައި ވަނީ ގާއިމުކޮށްފަ އެވެ.

ބަޔާނުގައި ގާސިމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި، ރާއްޖެއިން ބޭރުގެ ޕާޓްނަރަކާ އެކު ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުކުރަން 150 މިލިއަން ޑޮލަރުގެ ޕްލޭނެއްކޮށް، ސަރުކާރާ އެކު އެއާޕޯޓް ކުއްޔަށް ދޭ މުއްދަތު 99 އަހަރަށް ބަދަލުކުރަން ހުށަހެޅި ކަމަށެވެ. އެކަމަކު އެތަން ސިވިލް އޭވިއޭޝަނުގެ މިންގަނޑަށް ނުފެތޭ ކަމަށް ވިދާޅުވެ ޔާމީން އެކި ބަހަނާތައް ދެއްކެވުމަށް ފަހު، އަދުލުވެރި ބަދަލެއް ނެތި، 2017 ވަނަ އަހަރު ފުލުހުން މެދުވެރިކޮށް އެތަން ސަރުކާރަށް ނަގާފައި ކަމަށް ގާސިމް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށްފަހު ގާސިމް ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޔާމީންގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށްފަހު ގާސިމް ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މައްސަލަ ވިލާ އިން 2018 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން ނިމުނީ އެ ކުންފުންޏާ އެއްކޮޅަށެވެ. އަދުލުވެރި ބަދަލެއް ނެތި ވިލާއާ އެކު އެއްބަސްވުން އުވާލައި ގަދަބާރުން އެ ކޮންޓްރެކްޓް ހުއްޓުވި ކަަމަށް ހުކުމުން އެނގެން އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.

އެ ހުކުމަށް ހައި ކޯޓާއި ސްޕްރީމްކޯޓުން ވެސް 2022 ގައި ތާއީދުކުރުމުން އެއާޕޯޓް ހިންގުން އަލުން ވިލާ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

އެކަމަކު އެ ފަހަރު ހެދި އެއްބަސްވުމުގައި ވަނީ ވިލާ އިން އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަތް އަހަރުގެ ތެރޭގައި ބަދަލުކޮށްފި ނަމަ، އެއްބަސްވުމުގެ މުއްދަތު 50 އަހަރުން 99 އަށް ބަދަލުކުރާނެ ކަމަށެވެ. އަދި 2030 ގެ ނިޔަލަށް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުނުކުރެވިއްޖެ ނަމަ، ކުރިއެކޭ އެއްގޮތަށް 50 އަހަރަށް ޑޮމެސްޓިސް އެއާޕޯޓެއްގެ ގޮތުގައި ހިންގުމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެތަން ވިލާއަށް ހަވާލުކުރިއިރު ވެސް ސަރުކާރުން ހިންގީ ގެއްލުމުގަ އެވެ. އެހެންވެ، ސަރުކާރުން ދޭ ސަބްޑިޑައިޒްއެއް ގޮތުގައި ރިސޯޓެއް ހަދަން ފަޅު ރަށެއް ދޭ ގޮތަށް އެގްރީމަންޓުގައި އޮތެވެ. އެކަމަކު 2017 ގައި އެތަން ސަރުކާރަށް ނެގިއިރު އެ ރަށް ހަވާލުނުކުރާ ކަމަށް ބަޔާނުގައިވެ އެވެ.

އެއާޕޯޓުގެ މައްސަލަ ވިލާ ކުންފުންޏާ އެއްކޮޅަށް ކޯޓުތަކުން ނިންމުމުން، 2022 ގައި އެއާޕޯޓް އަލުން ހަވާލުކުރިއިރު، އދ. އަތޮޅުން ކުޑަ ދެ ފަޅު ދޭން އެއްބަސްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

ބަޔާނުގައި ފާހަގަކުރި އިތުރު ކަންކަން:

- އެއާޕޯޓު ސަރުކާރަށް ނެގުމުގެ އިތުރުން މީރާއަށް ވިލާ އިން ދައްކަންޖެހޭ 199 މިލިއަން ޑޮލަރުގެ ޓެކްސް ހުރި ކަމަށް ޔާމީންގެ އޯޑަރަކަށް ނިންމި ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފައި.

- ޔާމީން އެއާޕޯޓް އަތުލައި ދައުވާ އުފުލުމުން، ޕާމިޓްތައް ކެންސަލްކޮށް، އިންޕޯޓް ލައިސަންސް ބާތިލުކޮށް ވިލާގެ އެކައުންޓްތައް ފްރީޒްކޮށް، އެތަކެއް ހާސް މުވައްޒަފުންނަށް މަހު މުސާރަ ނުދެވި، ފަތުރުވެރިންނަށް ހިދުމަތް ނުދެވުނު.

- 2018 ގެ ރިޔާސީ އިންތިހާބު ނިމެންދެން ޔާމީންގެ އަނިޔާވެރިކަމުގެ ހިތްދަތިވޭން ވިލާ ކުންފުނި ތަހައްމަލުކުރަން ޖެހުނު.

- ވިލާ އާއި ގާސިމްއާ މެދު ޔާމީންގެ ހިތުގައި އޮންނަ ގިލަންވެރި އަދި ހަސަދަވެރިކަމަށް ލުއި ކަމެއް ހޯދަން ރައްޔިތުންގެ ކުރިމަތީގައި އަގު ވައްޓާލަން އެތައް ފަހަރަކު މަސައްކަތްކުރި.

- ރޭގަނޑެއްގައި ކްރިމިނަލް ކޯޓު ހުޅުވައި، ގާސިމް އައިސީޔޫގައި އެނދުމަތިކޮށްފައިވަނިކޮށް އޭނާއަށް ގާނޫނުއަސާސީއާ ހިލާފު ހުކުމެއް ކުރުމަކީ ކޮންމެ ކަމެއްވެސް ކޮށްފާނެކަން އެނގޭ ކަމެއް ކަމަށް ވިދާޅުވި.

- ގާސިމްގެ ދަރިފުޅު، ސިޔާދު ގާސިމް، އެއްވެސް ހެއްކެއް ނެތި ފަސް މަސް ދުވަހު ޖަލުގައި ބާއްވާ ޝަރީއަތް ހިންގުވި.

- ރައީސް މައުމޫނާއި ދަނބި ދަރިފުޅު މުހައްމަދު ނަދީމު، 9 މަހަށް ވުރެ ގިނަ ދުވަހު ޖަލަށް ލި.

ގާސިމް ވިދާޅުވީ 2022 ގައި ވިލާއަށް ކާޑެއްދޫ އެއާޕޯޓު ހަވާލުކުރި ނަމަވެސް ކޮވިޑުގެ ސަބަބުން ދިމާވި ފައިސާގެ ދަތިކަމާ ހުރެ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ލަސްވި ކަމަށާއި އެކަމަކު މާމިގިލީ އެއާޕޯޓުގައި ކުރަމުން އައި މަސައްކަތް ނިމުމާ އެކު ކާޑެއްދޫ އެއާޕޯޓަށް ސާމާނުތައް ގެންދިއުމަށް އޮތީ ޕްލޭންކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ކާޑެއްދޫގެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބައްދަލުކުރައްވާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ.

ގާސިމް ވިދާޅުވީ ވިލާ ކުންފުނިން އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ފައިސާ ހޯދުމުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް 2024 ގެ ފަހުކޮޅު، ޓްރާންސްޕޯޓް މިނިސްޓަރާއި އިތުރު މިނިސްޓަރަކާ ބައްދަލުވި ކަމަށާއި އެ ބޭފުޅުންގެ ފަރާތުން އެނގިގެން ދިޔައީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ރައީސް ބޭނުންފުޅުވާ ކަން ކަމަށާއި ސަރުކާރަށް ކާޑެއްދޫ ދޫކޮށްލުމަށް ވިލާއަށް އޮތް މަގަކީ ކޮބައިތޯ ސުވާލުކުރެއްވި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު

ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ ރައީސްގެ ވިސްނުންފުޅުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެކަށޭނެ ފައިދާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް މިހާރު އެތަނަށް ކޮށްފައިވާ އިންވެސްޓްމަންޓާއި އެއާޕޯޓު ހިންގުމުގައި ވިލާ އިން ކޮށްފައިވާ މަސައްކަތާއި ތަރައްގީކުރުމަށް އެކަށައަޅާފައިވާ ޕްލޭންތަކާއި ހަދާފައިވާ ސާވޭތަކާއި ފައިސާ ހޯދުމަށް ކުރެވިފައިވާ ހަރަދާއި އޮޕަޗުނިޓީ ކޮސްޓް ފަދަ އެތައްކަމަކަށް ރިއާޔަތްކޮށް އެ ޕްރޮޖެކްޓްގެ ވެލިޔުއޭޝަން ހެދުމަށް ފަހު، އެއާޕޯޓު އަނބުރާ ސަރުކާރާ ހަވާލުކުރުމަށް އޮތް މަގު ހުށަހަޅާފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައީސް ޔާމީން ކަހަލަ ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ ހިފާ އަނިޔާދޭ ޒާތުގެ ބޭފުޅަކަށް ނުވާތީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދެއްވީ ގާނޫނީ އިމުގެ ތެރެއިން އެއްބަސްވެވޭ ބަދަލެއް ދިނުމަށް ފަހު ވިލާ އެއާގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭ ގޮތަށް އަމަލުކުރާށެެވެ،" ބަޔާނުގައިވެ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ޔާމީނަކީ ޒާތީ ހަސަދަވެރިއެއްކަން ވެސް އެނގި ހުރެ، 2013 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތައީދުކުރެއްވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދިވެސް އިތުރު ބޭފުޅުންގެ އެދިވަޑައިގަތުމަށެވެ.