Roadha Mihaaru
އޯކިޑަށް ނަން ދެއްވީ ރައީސްގެ ދެކަނބަލުންގެ ނަމަށް

ސިންގަޕޫރުގައި އޯކިޑަށް ނަން ދެއްވީ ރައީސްގެ ދެކަނބަލުންނަށް ނިސްބަތްކޮށް

05 ޖުލައި 2019

ގައުމުތަކުގެ ވެރިން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުތަކުގައި އެންމެ ޚާއްސަ އެއް ކަމަކީ އެ ގައުމުގެ ނެޝަނަލް އޯކިޑް ގާޑްން އަށް ވަޑައިގަތުމެވެ. އެކަން ހާއްސަވެގެން ދަނީ ބަގީޗާގައި ހައްދާފައިވާ އޯކިޑަކަށް އެ ބޭފުޅެއްގެ ނަމަށް ނިސްބަތްކޮށް ނަން ދިނުމުންނެވެ. މިއީ ސިންގަޕޫރުން އިއްޒަތްތެރިންގެ ޝަރަފުގައި ކުރަމުން އަންނަ ކަމެކެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އޯކިޑް ބަގީޗާ އަށް ވަޑައިގެން އޯކިޑަށް ނަން ދެއްވީ ދެކަނބަލުންގެ ނަމަށް ނިސްބަތްކުރައްވަ އެވެ. ދަނބުކުލައިގެ ޕަޕިލިއޮނަންޑާ އޯކިޑަށް ދެއްވި ނަމަކީ "އިބްރާހިމް މުހައްމަދު ސޯލިހް-ފަޒްނާ އަހްމަދު" އެވެ.

އޯކިޑް ގާޑްންގައި ރައީސްގެ ދެކަނބަލުން: މިތަނަށް ވަޑައިގެން އޯކިޑަކަށް ނަން ދެއްވުމަކީ ސިންގަޕޫރުގެ ސަރުކާރުން އަރުވާ ޝަރަފެއް. --ފޮޓޯ: ރައީސް އޮފީސް

އޯކިޑް ގާޑްންގައި ރައީސްގެ ދެކަނބަލުން: މިތަނަށް ވަޑައިގެން އޯކިޑަކަށް ނަން ދެއްވުމަކީ ސިންގަޕޫރުގެ ސަރުކާރުން އަރުވާ ޝަރަފެއް. --ފޮޓޯ: ރައީސް އޮފީސް

އެންމެ ގިނަ ވައްތަރުތަކުގެ އޯކިޑް އެއް ތަނަކުން ފެންނަ މި ބަގީޗާގެ ހިތްގައިމު މާހައުލުން ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަތީ ސިންގަޕޫރު ސަރުކާރުން ހަދިޔާކުރެއްވި، އެ ދެކަނބަލުންގެ ނަން ދިން ވައްތަރުގެ އޯކިޑް ގަހެއް ހިއްޕަވައިގެންނެވެ. އަދި އޭގެ އޯކިޑް ރާއްޖޭގައި ހެއްދުމުގެ ޚިޔާލުފުޅާ އެކު އެ ގަސް މިހާރު ވަނީ ބަގީޗާ ހެއްދުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ އަދި ރާއްޖޭގައި އޯކިޑް ހައްދާ، ޑރ. މުހައްމަދު ޒާހިރު ހުސައިނާ ހަވާލުކުރައްވައިފަ އެވެ.

ސިންގަޕޫރުގެ ނެޝަނަލް އޯކިޑް ގާޑްން އަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގެ ނެޝަނަލް އޯކިޑް ގާޑްން އަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސްގެ ދެކަނބަލުން އޯކިޑް ގާޑްން އަށް ވަޑައިގަތުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ އޯކިޑަށް ނަމެއް ދެއްވުމަކީ އެތަނަށް ވަޑައިގަންނަވާ ވެރިން ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަކަށް ވާތީ އެމަނިކުފާނު ވެސް އެކަން ކުރެއްވި ކަމަށެވެ.

ރައީސްގެ ދެކަނބަލުންގެ ނަން ދެއްވި އޯކިޑް ރާއްޖޭގައި ހައްދަން ވަނީ ނިންމާފައި.--ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުންގެ ނަން ދެއްވި އޯކިޑް ރާއްޖޭގައި ހައްދަން ވަނީ ނިންމާފައި.--ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެ ކަނބަލުން އެ އޯކިޑަށް ނަން ދެއްވަން ބޭނުންފުޅުވީ ދަރިކަނބަލުން ސާރާ އާއި ދަރިކަލުން ޔަމާންގެ ނަންފުޅުންނެވެ.

"އަޅުގަނޑުމެން ކިޔަން ބޭނުންވި ނަމެއް ނޫން ސިންގަޕޯ ސަރުކާރުން ބަލައިގަތީ. އެހެންވެ އެ އޯކިޑަށް ކީ އަޅުގަނޑުމެން ދެ މީހުންގެ ނަމުން،" ހިނިތުންވެ ހުންނަވައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަދިޔާ ކުރި އޯކިޑް ހަވާލުކޮށްފިން ޒާހިރު ހުސެއިންއާ. އެހެންވީމަ ޒާހިރު އޯކިޑް ހައްދާ ތަނުގައި އެކަން ކުރިއަށް ގެންދަވާނެ. އިރާދަކުރެއްވިއްޔާ ރާއްޖެ އިން އެ ފެންނަ ވަރު ކުރެވޭތޯ މި އުޅެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ދެކަނބަލުން އޯކިޑްތައް ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން އޯކިޑްތައް ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އެ އޯކިޑް ހައްދަނީ ސިންގަޕޫރުގެ ބަގީޗާ އިން ދިވެހިންނަށް ރައީސްގެ ދެކަނބަލުން ދެއްވާ ހަދިޔާއެއްގެ ގޮތުގަ އެވެ.

ކޮންމެ އަހަރަކު ވެސް އެތައް މިލިއަން މީހުން ޒިޔާރަތްކުރާ އޯކިޑް ގާޑްންގައި 180 އަށް ވުރެ ގިނަ އޯކިޑަށް ވަނީ ގައުމުތަކުގެ އިސްވެރިންނާއި އަނބިކަނބަލުންގެ ނަން ދީފަ އެވެ. އޭގެތެރޭގައި ރާއްޖޭގެ ކުރީގެ ބައެއް ރައީސުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.