Roadha Mihaaru
ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު 334 އަށް

ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު 334 އަށް

04 ޖުލައި 2019

މި ސަރުކާރުގެ އަށް މަސް ތެރޭގައި އުފައްދަވާފައި ވަނީ 334 ސިޔާސީ މަގާމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ އަށް މަސް ތެރޭގައި އުފައްދަވާފައި ވަނީ 334 ސިޔާސީ މަގާމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު ކުރީގެ ސަރުކާރަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށެވެ. މިހާތަނަށް އުފެއްދެވީ 334 މަގާމް ކަމަށް ވިދާޅުވެ، އެ އަދަދު ކުރީގެ ސަރުކާރަށް ވުރެން އަދިވެސް މަދު ނޫންތޯ އެއްސެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 465 ސިޔާސީ މަގާމް އުފައްދަވާފައިވެ އެވެ. އެއީ ރައީސް އޮފީހާއި ސަރުކާރުގެ އެހެން މިނިސްޓްރީތައް ހިމަނައިގެންނެވެ.

"އަޅުގަނޑުގެ މި އުޅެނީ 334، އަދި އެބަ ހިފެހެއްޓެއެއް ނޫންތޯ،" ސިޔާސީ މަގާމްތަކުގެ ވާހަކަ ނޫސްވެރިން އައްސަވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޖަވާބު ދެއްވެވި އެވެ.

ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި މިހާރު ސަރުކާރު ހިންގާ ޕާޓީތަކުން ވަރަށް ބޮޑަށް ފާޑުކިއެވެ. މި ސަރުކާރުގެ ވައުދަކަށް ވީ ސިޔާސީ މަގާމްތަކުގެ އަދަދު އިތުރު ނުކުރުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކުން ކަމަށް ވާތީ ސަރުކާރުގައި ކޮންމެ ޕާޓީއެއް ވެސް ހިއްސާވާނެ ނިސްބަތް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް ކަނޑައަޅާފައި ވަނީ 15 ޕަސެންޓެވެ.

މި ސަރުކާރުގައި މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ކަނޑައެޅުމުގައި ބަލާފައި ވަނީ މި ނިސްބަތަށެވެ.