Roadha Mihaaru
ބިދޭސީ ކުޅުންތެރިންގެ ތަފާތެއް އަދި ނުފެނޭ: ނަޒީހު

ބިދޭސީ ކުޅުންތެރިންގެ ތަފާތެއް އަދި ނުފެނޭ: ނަޒީހު

05 ޖުލައި 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ނުވަ ޓީމުގެ ތެރެއިން ބިދޭސީ ހަތަރު ކުޅުންތެރިން ހިމަނައިގެން ކުޅޭ ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. އެކަމަކު މިހާތަނަށް އެ ޓީމުގެ ހަތަރު މެޗުގެ ކުޅުން ނިމުނުއިރު، އެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ވަރުގެ ތަފާތެއް ނުފެންނަ ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ ބުނެފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ނުވަ ޓީމުގެ ތެރެއިން ބިދޭސީ ހަތަރު ކުޅުންތެރިން ހިމަނައިގެން ކުޅޭ ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. އެކަމަކު މިހާތަނަށް އެ ޓީމުގެ ހަތަރު މެޗުގެ ކުޅުން ނިމުނުއިރު، އެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ވަރުގެ ތަފާތެއް ނުފެންނަ ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ ބުނެފަ އެވެ.

ޔުނައިޓެޑް ވިކްޓްރީން ގެނައި ބިދޭސީ ކުޅުންތެރިންނަކީ ކުރިން މާޒިޔާ އަށް ކުޅުނު މިލޯސް ކޮވަސެވިޗާއި ބެލަރޫސްގެ މިޑްފީލްޑަރު ޑިމިޓްރީ ކްލަބަސެލާއު އާއި އިންޑިއާ ލީގުގައި ކުޅެފައިވާ ކިރްގިސްތާންގެ މިޑްފީލްޑަރު ބެކްޓާ ޓަލްގަޓް އަދި ޔޫކްރޭނުގެ ސިލިޗް ކީރްލޯ އެވެ.

މިހާތަނަށް ޔުނައިޓެޑް ވިކްޓްރީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ށ. ފޯކައިދޫ، ޓީސީ އަދި ދަ ގްރާންޑޭ އަތުން ބަލިވިއިރު، މޮޅުވީ ވިކްޓްރީ އަތުން އެކަންޏެވެ. ލީގުގައި މިރޭ ފ. ނިލަންދޫއާ ދެކޮޅަށް ކުޅޭއިރު ނަޒީހު ބުނީ ބިދޭސީ ކުޅުންތެރިންގެ ކުޅުން ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ޑިފަރެންސެއް މޭކްކުރަން ބިދޭސީ ޕްލޭޔަރުން މި ގެންނަނީ. އެ މީހުން ދިވެއްސަކާ އެއްވަރަށް ނޫނީ އެވްރެޖް ދިވެއްސަކާ އެއްވަރަކަށް ޕާފޯމް ކޮށްފިއްޔާ އެއީ މައްސަަލައެއް. އެއީ މުސާރަ އަށް ބެލިޔަސް ޔުނައިޓެޑް ވިކްޓްރީގެ ލޯކަލް ޕްލޭޔަރުންގެ ދެ ގުނައިގެ ޕްލޭޔަރުން އެ އުޅެނީ. އެހެންވީމަ ތަފާތު ވެސް ނެރެންވާނެ އެވަރުގެ އެއްޗެއް. އެ ނުފެނޭ އަދި. އެ މީހުން ނަތީޖާ ނެރެންޖެހޭނީ އެއްވަރުގެ ޓީމުތަކާ ދެކޮޅަށް ނޫނީ އެ އަށް ވުރެން މޮޅު ޓީމުތަކާ ދެކޮޅަށް،" ނަޒީހު ބުންޏެވެ.

ނިލަންދޫން ކުޅުނު މެޗުތަކުގައި ތަފާތު ބޮޑުކޮށް ބަލިވިޔަސް އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު ކުރިއެރުން ހޯދިކަން ނަޒީހު ފާހަގަކުރި އެވެ. އެކަމަކު މެޗަށް ތައްޔާރުވުމުގައި އޭނާގެ އުސޫލަކީ އަމިއްލަ ޓީމަށް އިސްކަންދިނުން ކަމަށެވެ.

"އަޅުގަނޑު އެހާ ބޮޑަށް އެއްވެސް އިރަކު އިދިކޮޅު ޓީމަކާ މެދު ނުވިސްނަން. އެއީ ތައްޔާރުވާއިރު އެ ލާ ކުޅުންތެރިން ނުލައި ވެސް މެޗު ފަށާފާނެ. ބޮޑަށް ފޯކަސްކުރަނީ ޔުނައިޓެޑް ވިކްޓްރީ ރަނގަޅުކޮށް ޕޮއިންޓްތަކެއް ހޯދޭތޯ. ގޯލުތަކެއް ޖެހުމެއް ވެސް ނޫން ބޭނުންވަނީ. ތިން ޕޮއިންޓް ބޭނުމީ،" ނަޒީހު ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ އެއް ވަނަ ގޯލްކީޕަރު ތޮލާލް ހަސަން (ތޮލާ)ގެ ފަރާތުން ގޯސްތަކެއް ފެނުމުން އޭނާ އަށް މިރޭގެ މެޗުގައި ޓީމުން ފުރުސަތު ނުދޭނެ އެވެ. ބަދަލުގައި އަރާނީ ޒުވާން ކީޕަރު ޖިނާހު ހާރޫން އެވެ. ނަޒީހު ބުނީ ތޮލާލަށް ދެވުނު ހަތަރު ފުރުސަތު ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެހެންވެ ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ.

"އޮންނާނެ ލަވައެއް ވެސް އިސްލާހުވާން އެދޭ ނަމަ ފުރުސަތު ނަގާނުލާށޭ. އެ ފުރުސަތު ދެވިއްޖެ. ދެން އިސްލާހެއްނުވި. ދެން ޖެހޭނީ އެހެން ގޮތެއް ހޯދަން. އެއީ ހަތަރު ފުރުސަތުން ތިނެއް މިދިޔައީ ތަންކޮޅެއް ގޯސްކޮށް. ތޮލާގެ ޕާފޯމަންސް އެކަންޏެއް ނޫން، އެބައުޅޭ އަނިޔާއެއް ވެސް. ކުރިން ދުވަހު ވެސް އެ ވާހަކަ ދެއްކިން. ތޮލާ އެބަބުނޭ އޭނަގެ އެބަހުއްޓޭ ފިޓްނަސްއާ އަނިޔާގެ ކަންތައްތަކެއް. އަޅުގަނޑު ގޮތެއް ނިންމަނީއެއް ނޫން. ރަނގަޅު ގޯލްކީޕަރު ޓްރެއިނަރެއް އެބަހުރި. އޭނައާ ވެސް މަޝްވަރާކޮށްފައި މި ނިންމަނީ،" ނަޒީހު ބުންޏެވެ.

ތޮލާ އަށް ހުރިހާ ފުރުސަތެއް ނުގެއްލޭ ކަމަށާއި ކުރިއަށް އޮތް ބްރޭކުގެ ތެރޭގައި މަސައްކަތްކޮށް އަލުން ފޯމަކަށް އައިސް ތަފާތު ދައްކައިފިނަަމަ އަދި ޓީމުން އޭނާ އަށް ޖާގަ ހައްގުވާކަން ސާބިތުކޮށްދީފިނަމަ އަލުން ފުރުސަތު ދޭނެކަމަށް ނަޒީހު ބުންޏެވެ.

"މި ވަގުތު ޗޭންޖަކަށް މިދަނީ. އަނެއްކާ ވެސް ޒުވާން ދިވެހި ކީޕަރަކަށް މި ފުރުސަތު ދެނީ. އަޅުގަނޑު މި ބަލަނީ ބިދޭސީ ކީޕަރެއް ނުގެނެސް ހުރިހާ ދޮރެއް އެ އަށް ބަންދުކޮށްގެން އިދެގެން ނުހުޅުވާވޭތޯ. ދެން ހުޅުވަން ޖެހިއްޖިއްޔާ ނީންނާނެ ކުރާނެ ކަމެއް،" ނަޒީހު ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފެސްކޯ ވާހަކަދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފެސްކޯ ވާހަކަދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިލަންދޫ އަކީ މި ފަހަރުގެ ސީޒަނަށް އެންމެ އުނދަގޫ ހާލަތުގައިި ނުކުތް ޓީމެވެ. ކުޅުނު ތިން މެޗަށް ބަލާއިރު ނިލަންދޫ ކޮޅަށް ގިނަ ގޯލުތަކެއް ވަން ނަމަވެސް އެ ޓީމުން ވަނީ މެޗުތަކަށް ބަލާއިރު ކުޅުން ރަނގަޅުކޮށްފަ އެވެ. އެ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ސީޒަނަށް ތައްޔާރުވާން އޭނާ އަށް ނިލަންދޫއާ އެކު ޕްރީ ސީޒަނެއް ހަދަން ވަގުތު ނުލިބޭ ކަމަށެވެ. އަދި ސީޒަނުގެ ތެރޭގައި ވެސް އެންމެ ރަނގަޅަށް ޓީމުގެ ޕްރެކްޓިހުގެ ކަންތައްތައް ނުދާކަމަށާއި އެކަމަކު ބައެއް ރަނގަޅު ކަންތައްތަކެއްވެސް ފާހަަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑަކަށް ހަގީގަތުގައި ޕްރީ ސީޒަނުގެ އެއްވެސް ކަމެއް ކުރާކަށެއް ފުރުސަތު ނުލިބުނު. އަދި ސީޒަނުގެ ތެރޭގައި ވެސް މި ދަނީ އެންމެ ރަނގަޅަކަށެއް ނޫން. އެހެން ހުރިޔަސް ކުޅުމަށް ބަލާއިރު އެބަފެނޭ ޕޮޒިޓިވް ކަންތައްތަކެއް. މާޒިޔާ މެޗުން ހާއްސަކޮށް ދަސްވި. އެހެންވެ ތިން ވަނަ މެޗުން ވެސް ރަނގަޅުވި ތަން ފެނުނު،" ފެސްކޯ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ފެސްކޯ ބުނީ މެޗެއްގެ ހާލަތު ކޮންމެ ގޮތަކަށް ވެސް ބަދަލުވާނެ ކަމަށާއި ނެގެން އޮތް ފައިދާއެއް މެޗުގެ ތެރެއިން ނެގޭނީ އެކަމަށް މަސައްކަތްކުރާ ޓީމަކަށް ކަމަށެވެ.

"ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް. ކޮންމެ މެޗެއްގެ ވެސް އޮއޮވަރު ތަފާތު ވެގެންދާނެ. އެއީ ގުދުރަތީ ގޮތުން އެކަން އޮންނަ ގޮތް. ކޮންމެ ދުވަހަކު އެއްގޮތަކަށް ނުވެސް ކުޅެވޭނެ. ކުރިއަށް އޮތް މެޗަކީ ނަތީޖާ ނެރޭނެ މެޗެކޭ އެގޮތަށް ނުބުނެވޭނެ. އެކަމަކު އޮންނާނީ މަސައްކަތްކުރުން." ފެސްކޯ ބުންޏެވެ.

އޭނާ ބުނީ އެއްވެސް އިރެއްގައި ބޭރުގެ ތެރެއިން އަންނަ ނުރަނގަޅު ކަންތައްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި ޓީމުގެ ތެރެއިން ވެސް އެ ފަދަ ކަންތައްތަކެއް ފާހަގަނުކުރެވޭ ކަަމަށެވެ. އަދި ޓީމުގެ ވެސް ރޫހަކީ އެއީ ކަމުގައި ފެސްކޯ ބުންޏެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ނިލަންދޫ އާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.