Roadha Mihaaru
ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ޕެޓިޝަނެއް

ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ޕެޓިޝަނެއް

30 ޖޫން 2019

ކޮލަމްބޯ (ޖޫން 30) - ޑްރަގުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ހަތަރު މީހެއްގެ އަދަބު ތަންފީޒް ކުރުމުގެ އަމުރުގައި ރައީސް މައިތުރިޕާލާ ސިރިސޭނާ ބުދަ ދުވަހު ސޮއިކުރެއްވި ނަމަވެސް އަދަބު ތަންފީޒް ކުރުމާ ދެކޮޅަށް ކޯޓް އޮފް އެޕީލް އަށް ދެ ޕެޓިޝަނެއް އިއްޔެ ހުށަހަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މަރުގެ އަދަބު ހުއްޓުވަން ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން މި ހަފުތާގައި އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުގެ އަމުރުގައި ސިރިސޭނާ ސޮއިކުރެއްވި ނަމަވެސް އަދަބު ތަންފީޒް ކުރާނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ. މަރުގެ އަދަބު ތަންފީޒް ކުރާނެ ޖައްލާދުގެ މަގާމަށް އެތައް ބަޔަކު ކުރިމަތިލާފައިވާ އިރު އެ މަގާމަށް ދެ މީހަކު ހަމަޖައްސާފައިވާ ކަމަށް ޖަސްޓިސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް އިދާރީ ގޮތުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް ޖަސްޓިސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ މީގެ 43 އަހަރު ކުރިންނެވެ.

ވެލިކަޑަ ޖަލުގެ ބޭރުގައި އިއްޔެ މުޒާހަރާ ކުރަނީ. --ފޮޓޯ:ރޮއިޓާސް

ވެލިކަޑަ ޖަލުގެ ބޭރުގައި އިއްޔެ މުޒާހަރާ ކުރަނީ. --ފޮޓޯ:ރޮއިޓާސް

ލަންކާގައި މަރުގެ އަދަބު ދިނުން އަލުން ފެށުމާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މަރުގެ އަދަބު ދޭނެ ހަތަރު މީހުންގެ ނަން ސިރިސޭނާ ހާމަކުރައްވައިފައެއް ނުވެ އެވެ. އެއީ ޖަލުގައި ހަމަނުޖެހުމެއް ހިންގަފާނެތީ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

ސިރިސޭނާގެ އޮފީހުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒް ކުރަން ސިރިސޭނާ ބޭނުންފުޅުވީ ޑްރަގު ވިޔަފާރި ކުރާ މީހުންނަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ 200،000 މީހުން ލަންކާގައި އެބަތިބި ކަމަށާއި ލަންކާގެ ޖަލުތަކުގައި އާބާދީގެ 60 ޕަސެންޓަކީ ޑްރަގާ ގުޅޭ ކުށްވެރިން ކަމަށެވެ.

ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ 1976 ވަނަ އަހަރު އެވެ.

ކޮލަމްބޯގެ މައި ޖަލުގައި ހުރި ޖައްލާދު އިސްތިއުފާ ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން ޖައްލާދުގެ މަގާމުގައި މީހަކު ހަރުލާ ގޮތެއް ނުވެ އެވެ. ފަހުން ވެއްދި ތިން މީހުން ވެސް އަމިއްލަ އަށް ވަޒީފާ ދޫކޮށްލާފައި ވަނީ ކުރާނެ މަސައްކަތެއް ނެތިގެންނެވެ.