Roadha Mihaaru
މަރުގެ ހުކުމް ތަންފީޒް ކުރަން ވަރަށް އަވަހަށް ފަށާނަން

މަރުގެ ހުކުމް ތަންފީޒް ކުރަން ވަރަށް އަވަހަށް ފަށާނަން: ސިރިސޭނާ

25 އޯގަސްޓް 2018

ކޮލަމްބޯ (އޮގަސްޓް 24) - ސާޅީސް ދެ އަހަރަށް ފަހު ސްރީ ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮގަސްޓް 24) - ސާޅީސް ދެ އަހަރަށް ފަހު ސްރީ ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ނަމަވެސް މަރުގެ ހުކުމް ތަންފީޒް ކުރަން ފަށާނެ ދުވަހެއް ސިރިސޭނާ ވިދާޅެއް ނުވެ އެވެ.

ލަންކާ އަށް ޑްރަގު އެތެރެ ކުރުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ޕާކިސްތާނުގެ ފަސް މީހުން ވަރަށް އަވަހަށް އެ ގައުމާ ހަވާލު ކުރާނެ ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ. އެ ފަސް މީހުންނަކީ ޑްރަގުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ 18 މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.

"މަރުގެ ހުކުމް ތަންފީޒް ކުރުމުގެ އަޒުމުގައި އަޅުގަނޑު މި ހުރީ. މަރުގެ ހުކުމް އިއްވާފައިވާ 18 މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ އަދަބު ތަންފީޒް ކުރަން ވަރަށް އަވަހަށް ފަށާނަން،" ސިރިސޭނާ ވިދާޅުވި އެވެ.

ޕްރިޒަން އޮފިޝަލުން ބުނީ މަރަން ހުކުމްކޮށްފައިވާ 373 މީހުން ލަންކާގެ ޖަލުތަކުގައި އެބަތިބި ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ ޕާކިސްތާނުގެ ފަސް މީހުން އެ ގައުމުގައި ހުކުމް ތަންފީޒް ކުރުމާ ގުޅޭ ގޮތުން އާ ބޮޑު ވަޒީރު އިމްރާން ޚާންއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ލަންކާގައި މަރުގެ ހުކުމް ތަންފީޒް ނުކުރަން ޔޫރަޕިއަން ޔޫނިއަން އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ގޮވާލަމުންނެވެ. ޔޫރަޕިއަން ޔޫނިއަން އިން ވަނީ ލަންކާގައި މަރުގެ އަދަބު ތަންފީޒް ކުރާ ނަމަ ވިޔަފާރީގައި އެ ގައުމަށް ދޭ އިނާޔަތްތައް ކަނޑާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާތީ އީޔޫ އިން 2010 ވަނަ އަހަރު ވަނީ ލަންކާ އަށް ދީފައިވާ ޖީއެސްޕީ-ޕްލަސް ސްޓޭޓަސް ކަނޑާލައިފަ އެވެ. ނަމަވެސް ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު، ހުށަހެޅުމުން އެ ސްޓޭޓަސް އަލުން ވަނީ ދީފަ އެވެ. ޖީއެސްޕީ-ޕްލަސް ސިސްޓަމުގެ ދަށުން ލަންކާ އަށް އަހަރަކު 300 މިލިއަން ޔޫރޯ (350 މިލިއަން ޑޮލަރު) ގެ ލުއި ލިބޭނެ ކަމަށް ޑިޕްލޮމެޓުން ލަފާކުރެ އެވެ.

ބޮޑެތި ކުށްތަކުގައި ލަންކާގައި މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް 1976 ވަނަ އަހަރުގެ ފަހުން މަރުގެ ހުކުމް ތަންފީޒް ކޮށްފައެއް ނުވެ އެވެ.