Roadha Mihaaru
"ނަޗް ބަލިޔޭ 9" ފަށާނީ ރަންވީރާއި ދީޕިކާއާ އެކު

"ނަޗް ބަލިޔޭ 9" ފަށާނީ ރަންވީރް ސިންގާއި ދީޕިކާ ޕަދްކޯންއާ އެކު

30 ޖޫން 2019

ސްޓާ ޕްލަސްގެ މަގުބޫލު ޑާންސް ޝޯ "ނަޗް ބަލިޔޭ" ގެ 9 ވަނަ ސީޒަން ވަރަށް ގްރޭންޑްކޮށް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ފަހަރު މި ޝޯ ޕްރޮޑިއުސްކުރަނީ ސަލްމާން ހާން ކަމަށްވާތީ، ޝޯގެ ހާއްސަކަން އެތައް ގުނައަކަށް އިތުރު ވެސް ވެގެން ދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސްގެ މަގުބޫލު ޑާންސް ޝޯ "ނަޗް ބަލިޔޭ" ގެ 9 ވަނަ ސީޒަން ވަރަށް ގްރޭންޑްކޮށް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ފަހަރު މި ޝޯ ޕްރޮޑިއުސްކުރަނީ ސަލްމާން ހާން ކަމަށްވާތީ، ޝޯގެ ހާއްސަކަން އެތައް ގުނައަކަށް އިތުރު ވެސް ވެގެން ދާނެ އެވެ.

އެގޮތުން އަންނަ މަހުގެ މެދު ތެރޭގައި "ނަޗް ބަލިޔޭ" ސީޒަން 9 ޕްރިމިއާ ކުރާ އިރު، ފުރަތަމަ އެޕިސޯޑްގެ ހާއްސަ މެހުމާނުންގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ބައިވެރި ވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ނަޗް ބަލިޔޭ" އަކީ ކޮންމެ ފަހަރަކު ވެސް ސެލެބްރިޓީންގެ ޖޯޑުތައް ތަފާތު ތީމްތަކަށް ގެނެސް ދެމުން އަންނަ ޝޯއެކެވެ. އެގޮތުން މި ފަހަރުގެ ސީޒަން ހާއްސަކޮށްފައި ވަނީ ލޯބީގެ ގޮތުން ކުރިން ގުޅިގެން އުޅުނު ޖޯޑުތަކަށެވެ. އެހެންވެ މި ފަހަރު "ނަޗް ބަލިޔޭ" މާ ބޮޑަށް ވެސް ޝައުގުވެރި ވާނެ އެވެ.

އެކަމަކު މި ފަހަރު ޝޯ އިން ފެންނާނެ ބައިވެރިން އަދި މުޅިން ކަށަވަރެއް ނުވެ އެވެ. ޝޯގެ ދެ ޕްރޮމޯއެއް ދައްކައިލި އިރު، އޭގެ ތެރޭގައި ކުރީގެ ސިލްސިލާ "ކަސޯޓީ" ގައި ކޮމަލިކާގެ ރޯލް ކުޅުނު އުރުވަޝީ ދޮލާކިއާ އާއި ސްޓާ ޕްލަސް އިން މިހާރު ދައްކާ ސިލްސިލާ "ކުލްފީ ކުމާރު ބަޖެވާލާ" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ވިޝާލް އަދިތިޔާ ސިންގް ހިމެނެ އެވެ.

ޔަގީނުން ވެސް ބެލުންތެރިން ހައިރާންކޮށްލާވަރުގެ ޖޯޑުތަކެއް މި ފަހަރު ފެންނާނެ އެވެ.

"ނަޗް ބަލިޔޭ" ސީޒަން 9 ގެ ފުރަތަމަ އެޕިސޯޑް ހޯސްޓް ކުރާނީ 2017 ގައި ގެނެސް ދިން މި ޝޯގެ 8 ވަނަ ސީޒަން ކާމިޔާބު ކުރި ދެމަފިރިން ކަމަށްވާ އަދި މަޝްހޫރު ޓީވީ ޖޯޑު ދިވްޔަންކާ ތުރިޕަތީ އާއި ވިވެކް ދަހިޔާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝޯގެ މި ފަހަރުގެ ރަސްމީ ހޯސްޓުންނަކީ ސަލްމާނާ އެކު "ބާރަތު" ގެ ރޯލެއް ވެސް ކުޅުނު އެކްޓަރު/ކޮމީޑިއަން ސުނިލް ގްރޯވާ އާއި ޓީވީ ބަތަލާ ޖެނިފާ ވިންގެޓެވެ.