Roadha Mihaaru
ތިން ކޮޓަރީގެ ފްލެޓްތައް ހެދުމާ މެދު ގޮތެއް ނުނިމޭ

ތިން ކޮޓަރީގެ ފްލެޓްތައް ހެދުމާ މެދު ގޮތެއް ނުނިމޭ: އެޗްޑީސީ

27 ޖޫން 2019

ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން، ތަނުގެ ޑިޒައިނަށް ބަދަލުގެނެސް ތިން ކޮޓަރީގެ ފްލެޓްތައް ހެދުމާ މެދު ވަކި ގޮތެއް ނިމިފައި ނުވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން، ތަނުގެ ޑިޒައިނަށް ބަދަލުގެނެސް ތިން ކޮޓަރީގެ ފްލެޓްތައް ހެދުމާ މެދު ވަކި ގޮތެއް ނިމިފައި ނުވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އާ ސަރުކާރުން ފުރަތަމަ ގެންގުޅުނު އެއް ވިސްނުމަކީ 7،000 ފްލެޓްގެ ތެރެއިން ބައެއް ތަންތަން ތިން ކޮޓަރީގެ ފްލެޓްތަކަށް ބަދަލުކުރާށެވެ. އެ ބަދަލު ގެންނަ ނަމަ ފްލެޓްތަކުގެ އަދަދު 3،588 އަށް މަދުވާނެ ކަމަށް، ރައްޔިތުންގެ މަޖިލިހުގައި، މިހާރުގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އޮތީ ވިދާޅުވެފަ އެވެ.

ހިޔާ މަޝްރޫއުގައި ހިމެނެނީ 7،000 ފްލެޓޭ ކިޔަސް އެތަނުގައި ހަދަނީ އަސްލު 6،860 ފްލެޓެވެ. ބާކީ ހުރި ތަންތަން ބޭނުންކުރަނީ ވިޔަފާރި އާއި އެހެން ހިދުމަތްތަކާ ބެހޭ ކަންކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ވިދާޅުވީ ތިން ކޮޓަރީގެ ފްލެޓްތައް ހެދުމާ މެދު މަޝްވަރާތައް ކޮށްފައިވިޔަސް ވަކި ގޮތެއް ނުނިމޭ ކަމަށެވެ. ފްލެޓްތަކުގެ ސްޓްރަކްޗާ އަށް ބަދަލު ގެންނަން ކުރަން ހުރި މަސައްކަތްތައް އެޗްޑީސީން ބަލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން [ތިން ކޮޓަރީ އަށް ބަދަލުކުރުން] ދޫކޮށްލީއެއް ނޫން. ތިން ކޮޓަރި އަށް ހަދާ ނަމަ ފްލެޓުގެ އަދަދު 3،900 އަށް އެބަ މަދުވޭ. އެކަމުގައި މުޅިން ގޮތެއް ނުނިމޭ،" ސުހައިލް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.

މިހާރު ލަފާކޮށްފައި އޮތް ގޮތުން އަންނަ އަހަރުގެ އެޕްރީލް މަހަށް އެ މަޝްރޫއު ނިމޭނެ އެވެ. އެކަމަކު ތިން ކޮޓަރި އަށް ބަދަލުކުރާ ނަމަ، ކޮންޓްރެކްޓަރަށް އިތުރު މުއްދަތެއް ދޭން ޖެހޭ ކަން ސުހެއިލް ފާހަގަކުރެއްވި އެވެ.

ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ކުރީގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެ ކޮމިޓީން އެ މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް ގޮތެއް ނުނިންމަ އެވެ.