Roadha Mihaaru
ހިޔާގެ ކުލި 5،000ރ. އަށް ކުޑަކުރަންޖެހޭ: ސަލީމް

ސަރުކާރުން ފައިސާ ލައިގެން ވިޔަސް ހިޔާ ފްލެޓްތަކުގެ ކުލި 5،000ރ. އަށް ހަދަންޖެހޭ: ސަލީމް

22 ސެޕްޓެމްބަރ 2021

ސަރުކާރުން ފައިސާ ލައިގެން ވިޔަސް ހިޔާ ފްލެޓުތަކުގެ ކުލި 5،000ރ. އަށް ކުޑަކޮށްދޭން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ސަރުކާރުން ފައިސާ ލައިގެން ވިޔަސް ހިޔާ ފްލެޓުތަކުގެ ކުލި 5،000ރ. އަށް ކުޑަކޮށްދޭން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ބޯހިޔާވަހި ކަމުގެ އެންމެ ބިޔަ މަޝްރޫއު، ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ 5،600ރ. ކަމަށް އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެ އެވެ. ނަމަވެސް ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. އާ އެކު 8،500ރ. ނަގަން މި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލައާ ގުޅިގެން ފްލެޓުތައް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ "ހިޔާ ޔޫނިއަން" އިން ކަންބޮޑުވުން ފާޅުކޮށް ކުލި ކުޑަކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އެ ޔޫނިއަނުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި އެދިފައި ވަނީ ފްލެޓުތަކުގެ ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް އަމިއްލަ އަތުން ފިނިޝިން އަށް ހޭދަވާ ހަރަދުން އެއް ލައްކަ ރުފިޔާ ސަރުކާރުން ދިނުމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި، އެތަނުގައި ހުރި އެހެނިހެން މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ކަމާގުޅުން ހުރި އިދާރާތަކާ ބައްދަލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރު ސަލީމް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި ބޮޑުވީ މަޝްރޫއުގައި ހިޔާނާތް އޮތީމާ ކަމަށެވެ.

"5،000ރ. ވެސް ބޮޑު އިނގޭތޯ ދައްކަން. މި ކަހަލަ ކުޑަކުޑަ ކޮށްޓަކަށް ވަންނަ އިރު 5،000ރ. ދައްކަން މި ޖެހެނީ އަދި އަތުން އެތައް ހަރަދެއް ކޮށްފައި،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހުސް ފާރުތަކެއް ހުރި ތަނެއް ބޮޑު ކުލީގައި ނިކަމެތި ރައްޔިތުންނަށް ދިނުމަކީ ވަރަށް ބޮޑު އަނިޔާ އެކެވެ. އަދި ސަރުކާރުން އިތުރު ފައިސާ ލައިގެން ނަމަވެސް 5،000ރ. އަށް ވުރެ ކުލި ކުޑަކޮށްދިނުމަށް އޮތީ ކޮން ހުރަހެއްތޯ ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑަށް އެނގޭ އެ ބޭފުޅުން ޕެޓިޝަންގައި ހުށަހަޅުއްވާފައި އޮތީ 5،600ރ. ކަން. އެކަމަކު މި ދަންނަވަނީ ކީއްވެގެންތޯއޭ 5،000 ވަރަކަށް ރުފިޔާ އަށް މިކަން ނުކުރެވެންވީ،" ސަލީމް ވިދާޅުވި އެވެ.

ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރު ސަރުކާރުން ދޭންޖެހޭ ކަމަށާއި ފިނިޝިން އަށް ހޭދަވާ ހަރަދުން އެއް މިލިއަން އަނބުރާ ދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"ސަރުކާރުން ވަރަށް ގިނަ ކަންކަމުގައި އެބަ ދޭ ސަބްސިޑީ. ހަމަ ބިލިއަނަކާ ގާތަށް ސަބްސިޑީ ދެއްވާ އެކި ކަންކަމުގައި އަގު ހެޔޮކޮށްދިނުމަށްޓަކައި. އެހެންވީމާ މި ކަމުގައި އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައި ދޭން ޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން ކޮށްފައި އޮތް ކަންކަން ބާއްވަވާ. ތަހުގީގީ އިދާރާތައް ތިބީ ނުކުޅެދީފައި، ފެއިލްވެފައި."

ސަލީމްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހުރިހާ ހަރަދަކާ ލައިގެން ހިޔާ ފްލެޓުތަކުގެ އަސްލު ކުލި 10،000ރ. އިން މައްޗަށް އަރާ ކަމަށެވެ. އަދި ކުލި 7،500ރ. އަށް ކުޑަކޮށްފައި ވަނީ ވެސް ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްދީގެން ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުން އިތުރަށް ފައިސާ ލައިގެން ކުލި ކުޑަކޮށް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގަން ކަނޑައަޅާފައިވާއިރު، ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން މީގެ ކުރިން ވެސް ބުންޏެވެ. އެކަމަކު ފްލެޓްގެ އެތެރޭގެ މަސައްކަތް ވެސް ފްލެޓް ލިބޭ މީހުން އަމިއްލަ ހަރަދުގައި ކުރަން ޖެހޭއިރު އެކަމަށް ލައްކައެއްހާ ރުފިޔާ ހަރަދުވެ އެވެ.