Roadha Mihaaru

ކޮރަޕްޝަން ބަލާ ކޮމިޝަނަށް ވީ އެއްވެސް ކަމެއް ނެތް: ޖާބިރު

ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދެވި ރިޔާސީ ކޮމިޝަނަށްވި އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔާފާރިވެރިޔާ އަބްދުﷲ ޖާބިރު އެ ކޮމިޝަނަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

"ކޮރަޕްޝަން ބަލާ ކޮމިޝަނަށް ވީ އެއްވެސް ކަމެއް ނެތް"
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

26 ޖޫން 2019

ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދެވި ރިޔާސީ ކޮމިޝަނަށްވި އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔާފާރިވެރިޔާ އަބްދުﷲ ޖާބިރު އެ ކޮމިޝަނަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޮޑެތި ގޯސްތަކާއި ޖަރީމާތަކެއް ހިންގި ކަމަށް ބުނެ އެ މައްސަލަތަކުގެ ތަހުގީގުތައް އަވަސްކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނު އެކަކަކީ އޭނާ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން އޭނާގެ މުދާތައް ފޭރިގެންފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"މިއަދު ކޮބައިތޯ ރިޔާސީ ކޮމިޝަން އުފައްދައިގެން ކިތައް ދުވަސްތޯ މިވަނީ؟ ފުރަތަމަ ރިޔާސީ ކޮމިޝަންގައި ތިއްބެވި ބޭފުޅުން މިތަނަށް ހާޒިރުކޮށްގެން ބަލަން ބޭނުން އެބޭފުޅުންގެ ނަޒާހަތްތެރިކަން. މިއަދުގެ ރިޔާސީ ކޮމިޝަންތަކުގައި އެބަތިބި އަޅުގަނޑުމެން މުޖުތަމައު ގަބޫލު ނުކުރާ ކަންކަން ކޮށްފައި ތިބި މީހުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީކަން ކުރެއްވި ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުތަކާއި މުދާތައް އިއާދަކޮށްދޭނެ ކަމަށް ބުނެ، މި ސަރުކާރުން ވައުދުވި ނަމަވެސް، މިހާތަނަށް އައިއިރު އެއްވެސް ކަމެއް ވެފައެއް ނެތެވެ. އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، ރިޔާސީ ކޮމިޝަންތަކަށް ޖާބިރު ފާޑު ވިދާޅުވި އެވެ.

"މުދާ ދިނުމުގެ ބަދަލުގައި ސަރުކާރުން އަބަދުވެސް ދައްކަނީ މައްސަލަ ބަލާ ވާހަކަ. ސަރުކާރަކީ ހިންގާ ބާރު. ކީއްވެތޯ ޔާމީނަށް އެތަނުގައި އިނދެވެންވީ؟ މި ހުރިހާ އެންމެންނަށް އަނިޔާއެއްކޮށްފައި، މުދަލެއް ފޭރިގެންފައި ރިސޯޓުތައް ބަންދުކޮށް ކޮންޓެއިނަރުތައް ހިފެހެއްޓި އިރު، ސަރުކާރަށް ދަރާ އޮތީ އަޅުގަނޑު ކަމަށް ނޫސްތަކުން ރިޕޯޓު ކުރަނީ. އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް،" ޖާބިރު ވިދާޅުވި އެވެ.

ސަރުކާރު ހިންގުމަށް ބޭނުންވާ ހުރިހާ ބާރުތަކެއް ލިބިފައި އޮތަސް، ވޭތުވެދިޔަ ހަތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލަތައް ބެލިފައި ނުވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވަނީ ސަރުކާރަށް ހުށަހެޅި މައްސަލަތައް ބަލައި، އެކަމާ ގުޅުން ހުރި ބޭފުޅުން ބަންދުކުރަން ގޮވާލައްވައިފަ އެވެ.

"ޖުޑިޝަރީއަކު ނޫން މައްސަލަ އޮތީ. ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން މިކަމަށް ފިޔަވަޅު އަޅަން ވާނެ. ގެއްލިފައިވާ ހައްގުތައް އަލުން އިއާދަކުރާށޭ. އިންޑަސްޓްރީތައް އިއާދަކުރާށޭ. ޔާމީން، މިހާރުން މިހާރަށް ހައްޔަރު ކުރާށޭ. އޭނާ ދޫކޮށްލައިގެން އެންމެ މިނިޓަކު ވެސް ބަހައްޓައިގެން ނުވާނެ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ ވާހަކަތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ޔާމީނާ ދެކޮޅަށް ފިޔަވަޅު ނޭޅިގެން އުޅެނީ ތަހުގީގުކުރާ މުއައްސަސާތަކުގައި އެމަނިކުފާނު އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުން އަދިވެސް ތިއްބެވީމަ ކަމަށެވެ. ކުރީގެ ސަރުކާރުގައި ޖަރީމާތައް ހިންގި މީހުންނާ މެދު ފިޔަވަޅު އެޅޭނީ އެތަންތަން އިސްލާހުކޮށްގެން ކަމަށް މީކާއިލް ވިދާޅުވި އެވެ.

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާލި އެވެ. މައްސަލަތައް ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވީ އިރު، އެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ނުދެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުގެންދާތީ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.