Roadha Mihaaru
އަމުރާ ޚިލާފު ހުރިހާ ކަމެއް ބާތިލް: ސުޕްރީމް ކޯޓު

ޑީޑީގެ މައްސަލާގައި އަމުރާ ޚިލާފު ހުރިހާ ކަމެއް ބާތިލް: ސުޕްރީމް ކޯޓު

17 ޖޫން 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ މައްސަލާގައި އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ މައްސަލާގައި އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ ސަސްޕެންޝަން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ޖޭއެސްސީގެ އެ ނިންމުން ސައްހަ ކަމަށް ކަނޑައަޅަން މަޖިލީހުގެ ތަޅުމަށް ފޮނުުވައިފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި ކޯޓުތަކުގެ ނިންމުންތަކުގެ ސައްހަކަމާ މެދު ގޮތް ނިންމުމުގެ ބާރު ޖޭއެސްސީއަށް ގާނޫނީ ގޮތުން ލިބިގެންނުވާ ކަމަށެވެ. އަދި ކޯޓުތަކުގެ ނިންމުންތަކަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ ނިިންމުންތަކެއް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނާކަން ފާހަގަކޮށް، އެ އަމުރުގައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރު

ޖޭއެސްސީގެ އެ އަމަލަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކޮށްފައިވާ ދުސްތޫރާ ޚިލާފް އަމަލެއް ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެ ކޮމިޝަންގެ އެ ނިންމުމުގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ނިންމާ އެހެން ހުރިހާ ނިންމުންތަކެއް ވެސް ބާތިލްވާނެ ކަމަށާއި އެއީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާނެ ނިންމުންތަކެއް ކަމަށް ވެސް ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރުގައި ވެ އެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ޖޭއެސްސީން ހިންގާ ކޮންމެ އިޖްރާއާތެއް ވެސް ބާތިލްވާނެ ކަމަށާއި އެ ކޮމިޝަންގެ ނިންމުމުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ނިންމާ ނިންމުންތައް ވެސް ބާތިލްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"އިސްވެ އިޝާރާތް ކުރެވުނު އަމުރާ ޚިލާފަށް އެ ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އަދި އެ މަޖިލީހުގެ ކޮމެޓީއަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުން ވިޔަސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، މިކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށާއި އިދާރާތަކަށް އަންގަމެވެ." އަމުރުގައި ވެ އެވެ.

ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުން އަމުރުކުރީ ޖޭއެސްސީގެ އެ ނިންމުން ބާތިލްކުރަން ފަނޑިޔާރު ޑީޑީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމުންނެވެ. އެކަމަކު އެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމިޔަސް، ފަނޑިޔާރު ޑީޑީ މިހާރު ގެންދަވަނީ ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވަމުންނެވެ. އެކަމުގައި ޖޭއެސްސީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.