Roadha Mihaaru
އިސްރަށްވެހިންނަށް ހާއްސަ ޕްރޮގްރާމެއް ފަށަނީ

އިސްރަށްވެހިން ހަރަކާތްތެރިކުރަން ހާއްސަ ޕްރޮގްރާމެއް ފަށަނީ

10 ޖޫން 2019

އިސްރަށްވެހިން ހަރަކާތްތެރިކުރަން ހާއްސަ ޕްރޮގްރާމެއް، އިސްރަށްވެހިންގެ ޖަމިއްޔާ އާއި ޔޫތު މިނިސްޓްރީ އަދި ސްކައުންޓާއި ގާލްގައިޑުން ގުޅިގެން ހިންގަން މިއަދު ނިންމައިފި އެވެ.

އިސްރަށްވެހިން ހަރަކާތްތެރިކުރަން ހާއްސަ ޕްރޮގްރާމެއް، އިސްރަށްވެހިންގެ ޖަމިއްޔާ އާއި ޔޫތު މިނިސްޓްރީ އަދި ސްކައުންޓާއި ގާލްގައިޑުން ގުޅިގެން ހިންގަން މިއަދު ނިންމައިފި އެވެ.

މި ޕރޮގްރާމްގެ ފުރަތަމަ ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ވިލިމާލެ ސޯޝަލް ސެންޓަރުގަ އެވެ.

އިސްރަށްވެހިންގެ އަގުވަޒަން ކުރުމަށް ހިންގާ މި ޕްރޮގްރާމުގައި ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ދަމަހައްޓަން ކުރަން ޖެހޭ ކަންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމާއި އިޖްތިމާއީ ކުޅިވަރުތައް އޮންނާނެ އެވެ. އޭގެ އިތުރުން އީދު ހަދިޔާ ބަދަލުކުރުން ވެސް ހިމެނެ އެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވީ މިއީ އިސްރަށްވެހިންނާ އެކު ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލަން ފަށާ ޕްރޮގްރާމެއް ކަމަށެވެ.

"ޖުމްލަކޮށް މިއީ އަޅުގަނޑުމެން އުމުރުން ދުވަސްވީ މީހުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލާ، އެ މީހުންނަށް އުފާވެރި، ހިތްގައިމު މާހައުލެއްގައި ހަރަކާތްތަކެއް ހިންގަން، މި ޕްރޮގްރާމުގެ މަގްސަދަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ ކޮމިއުނިޓީ އެމްޕަވަމެންޓް ކޮންސަލްޓަންޓް ފާތިމަތު ޝެހިޒިނީ ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވާނެ ދުވަސްވީ މީހުން ހޯދައިދިނުމަށާއި އެ މީހުން ވިލިމާލެއަށް ގެންދަން މާލޭ ސިޓީ ކައުންސިލްގެ ވުމަންސް ޑިވެލޮޕްމެންޓް ކޮމިޓީން ވަރަށް ބޮޑަށް އެހީ ވަމުން އަންނަ ކަމަށެވެ.

މި ޕްރޮގްރާމްގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

އިސްރަށްވެހިންގެ އަގު ވަޒަންކުރަން ސަރުކާރުން މަސައްކަތްކުރާތީ އުފާ ކުރައްވާ ކަމަށް އިސްރަށްވެހިންގެ ޖަމިއްޔާގެ ބަދުރުއް ނަސީރު ވިދާޅުވި އެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު ވަނީ މިނިސްޓްރީގެ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިސްރަށްވެހިންނަށް ހާއްސަ ހަރަކާތްތަކެއް 2017 އިން ފެށިގެން އިސްރަށްވެހިންގެ ޖަމިއްޔާ އާއި އެމްޖީއެސްއެފުން އަންނަނީ ހިންގަމުންނެވެ. ނަމަވެސް މި ހަރަކާތްތައް ދެން ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީގެ ވެސް އެއްބާރުލުމާ އެކީ އެވެ.