Roadha Mihaaru
ދިވެހި ސްކައުޓުން ތިބި ކޮރެއާގެ ކޭމްޕްސައިޓް ހުސްކުރަނީ

ތޫފާނެއްގެ އިންޒާރާ އެކު، ދިވެހި ސްކައުޓުން ތިބި ކޮރެއާގެ ކޭމްޕް ހުސްކުރަނީ

07 އޯގަސްޓް 2023

ސައުތު ކޮރެއާގައި މިހާރު ކުރިއަށް ގެންދާ ސްކައުޓް ޖަމްބޮރީގެ ކޭމްޕު ސައިޓާ ކައިރިއަށް ބާރުގަދަ ތޫފާނެއް އަރަން އުޅޭ ކަމުގެ އިންޒާރު އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ދިނުމުން އެތަނުން މީހުން ހުސްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސައުތު ކޮރެއާގައި މިހާރު ކުރިއަށް ގެންދާ ސްކައުޓް ޖަމްބޮރީގެ ކޭމްޕު ސައިޓާ ކައިރިއަށް ބާރުގަދަ ތޫފާނެއް އަރަން އުޅޭ ކަމުގެ އިންޒާރު އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ދިނުމުން އެތަނުން މީހުން ހުސްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ ދުނިޔޭގެ ސްކައުޓުންގެ އެންމެ ބޮޑު މި ކޭމްޕުގައި ސްކައުޓުންނާއި ގާލް ގައިޑުން ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު މާއިދު މުހައްމަދު ޒާހިރު "މިހާރު" އަށް ވިދާޅުވީ އެ ކޭމްޕުގައި ބައިވެރިވާ ދިވެހި ކުދިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ކުދިން ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާ ކަމުގެ ޔަގީން ކަން ވެސް އޭނާ ދެއްވި އެވެ.

"އިރާދަކުރެއްވިޔާ ހުރިހާ ކުދިންގެ ހާލު ރަނގަޅު، ކުދިންނަށް ނުރައްކަލެއް ކުރިމަތިނުވާނެ،" އޭނާ ވިދާޅުވި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ފެށި އެ ކެމްޕަކީ ސައުތު ކޮރެއާގެ ޖޮއޭލާ ޕްރޮވިންސްގެ ސަރަހައްދެއް ކަމަށްވާ ސެމަންގަމްގައި 12 ދުވަހަށް ކުރިއަށް ގެންދަން ރާވާފައި އޮތް ކޭމްޕެކެވެ.

ސައުތު ކޮރެއާގައި މިހާރު ކުރިއަށް ގެންދާ ސްކައުޓް ޖަމްބޮރީގެ ކޭމްޕުގައި ދިވެހި ސްކައުޓުން ބައިވެރިވަނީ.-- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން

ސައުތު ކޮރެއާގައި މިހާރު ކުރިއަށް ގެންދާ ސްކައުޓް ޖަމްބޮރީގެ ކޭމްޕުގައި ދިވެހި ސްކައުޓުން ބައިވެރިވަނީ.-- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން

ކޭމްޕްގައި ތިބި ކުދިން ވެރިރަށް ސޯލްއަށް ގެންދިއުމުގެ މަސައްކަތް ސައުތު ކޮރެއާގެ ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.

އެ ކޭމްޕުގައި އެކި ގައުމުތަކުން 40،000 ދަރިވަރުން ބައިވެރިވެ އެވެ.

ބީބީސީން މިއަދު ރިޕޯޓްކުރި ގޮތުގައި ސްކައުޓް ޖަމްބޮރީގެ ކޭމްޕްގެ އިންތިޒާމުތައް މިފަހަރު ވަރަށް ސަކަރާތެވެ. އެ ސަރަހައްދުގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން އެތައް ސަތޭކަ ކުދިންނެއް އުޅެނީ ބަލިވެ އެވެ.

ސައުތު ކޮރެއާގައި މިހާރު ކުރިއަށް ގެންދާ ސްކައުޓް ޖަމްބޮރީގެ ކޭމްޕުގައި ދިވެހި ސްކައުޓުން ބައިވެރިވަނީ.-- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން

ސައުތު ކޮރެއާގައި މިހާރު ކުރިއަށް ގެންދާ ސްކައުޓް ޖަމްބޮރީގެ ކޭމްޕުގައި ދިވެހި ސްކައުޓުން ބައިވެރިވަނީ.-- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން

އެ މައްސަލަތައް ބޮޑުވެ، އިނގިރޭސިވިލާތާއި އެހެން ބައެއް ގައުމުތަކުގެ ސްކައުޓް ދަރިވަރުން ވެސް މިހާރު ކޭމްޕް ސައިޓް ދޫކޮށް ގޮސްފައިވާ ކަމަށް ބީބީސީން ބުންޏެވެ.

ސައުތު ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މިދިޔަ ހަފުތާއިން ފެށިގެން އެ ސަރަހައްދުގެ ހޫނުމިން 35 ޑިގްރީ ސެލްސިއަސް (95 ފެރަންހައިޓް) އަށް މައްޗަށް ދިޔަ ކަމަށެވެ. އަދި ގަދަ ހޫނަށް ފަހު އެ ސަރަހައްދަށް މިހާރު ބާރުގަދަ ތޫފާނެއް (ޓައިފޫން ހަނުން) ދަތުރުކުރަމުން ދާ ކަމަށާއި އަދި އެ ތޫފާން އެ ސަރަހައްދަށް އަރާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އެ އިދާރާއިން ބުންޏެވެ.