Roadha Mihaaru
ކޯލިޝަން ލީޑަރުންނާ މޯދީ ބައްދަލުކުރައްވައިފި

ނައިބު ރައީސާއި ކޯލިޝަން ލީޑަރުންނާ މޯދީ ބައްދަލުކުރައްވައިފި

08 ޖޫން 2019

ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ބައްދަލުކުރައްވައިފި އެވެ.

ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، އަދާލާތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓް އިމްރާން އަބްދުﷲ އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާ ބައްދަލު ކުރެއްވީ މިއަދު ހަވީރު ރައީސް އޮފީހުގަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރައްވަނީ

ނައިބު ރައީސް ފައިސަލް ނަސީމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރައްވަނީ

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މޯދީ ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ވަޑައިގެން އެ މަޖިލީހުގަ އެވެ.

ޕާޓީތަކުގެ ލީޑަރުންނާ މޯދީ މަޝްކުރެއްވީ ކޮން ކަންތައްތަކަކާ ކަމެއް އަދި ނޭނގެ އެވެ. ދެ ގައުމުގެ ރަސްމީ ވާހަކަތަކަށް ފަހު ރާއްޖެ އާއި އިންޑިއާއިން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި އެ ބައްދަލުވުންތައް ބޭއްވި ކަމަށް ބުނި ނަމަވެސް ތަފުސީލެއް ނުދެ އެވެ.

މޯދީ ރާއްޖެ އަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު އެވެ. މި ދަތުރުފުޅުގައި މޯދީ ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރެއް ކުރައްވާފަ އެވެ. އަދި ރާއްޖޭގައި ދޭ މަތީ ޝަރަފެއް ކަމަށްވާ ނިޝާން ޣާޒީ ހަސަން އިއްޒައްދީންގެ އިއްޒަތުގެ ލަގަބް ރާއްޖޭން ވަނީ އަރުވައިފަ އެވެ.

މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވަވަޑައިގަތުމަށް މިދިއަ އަހަރު ވެސް ރާއްޖެ ޒިޔާރަތްކުރައްވައިފަ އެވެ. އެކަމަކު އެ ދަތުރުފުޅުގައި ހޭދަކުރެއްވީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ހަމަ އެ ދުވަހު އެނބުރި އިންޑިޔާ އަށް ވަޑައިގަތީ އެވެ.