07 ޖޫން 2019
ލިޒްބަން (ޖޫން 7) - ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ސެމީ ފައިނަލުގައި ރޭ އިންގްލެންޑް އަތުން 3-1 އިން މޮޅުވެ ނެދަލެންޑްސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ލިޒްބަން (ޖޫން 7) - ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ސެމީ ފައިނަލުގައި ރޭ އިންގްލެންޑް އަތުން 3-1 އިން މޮޅުވެ ނެދަލެންޑްސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ނެދަލެންޑްސް ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޕޯޗުގަލްއާ ދެކޮޅަށެވެ. ޕޯޗުގަލް ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ސްވިޒަލެންޑްގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ. ޔުއެފާ އިން މިދިޔަ އަހަރު މުޅިން އަލަށް ފެށި ނޭޝަންސް ލީގުގެ ފައިނަލުން ނެދަލެންޑްސް ފުރުސަތު ހޯދިއިރު، މިއީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕަށް ފަހު ނެދަލެންޑްސް ބައިނަލްއަގްވާމީ ފައިނަލެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
މިރޭގެ މެޗު ފަށައިގެން އިންގްލެންޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަހީމް ސްޓާލިން އަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީ އަކުން ލީޑުނަގައިދިނީ މާކަސް ރެޝްފޯޑް އެވެ. މިއީ ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު މަތައިސް ޑި ލީޓް އޭރިއާތެރެއިން ރެޝްފޯޑަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފްގައި އިންގްލެންޑަށް ލީޑުފުޅާކޮށްދޭން ޖޭޑަން ސަންޗޯ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. ނެދަލެންޑްސް އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 73 ވަނަ މިނިޓްގައި ޑި ލީޓް އެވެ. ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ޑި ލީޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިންގްލެންޑްގެ ޖެސޭ ލިންގާޑް ވަނީ އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު މެޗުގެ ރެފްރީ ނިންމީ އެ ލަނޑު ގަބޫލެއް ނުކުރި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިފަ އެވެ. އިންގްލެންޑްގެ ޑިފެންޑަރު ޖޯން ސްޓޯންސް ފަހަތުން ހެދި ބޮޑު ގޯހެއްގެ ފައިދާނަގައި ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ޖެހި ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގައި ޖެހިފައި ނުކުތް ވަގުތު ނެދަލެންޑްސްގެ ކުއިންސީ ޕްރޯމެސް ޖެހުމުން އެ ބޯޅަ ގޯލަށް ވަނީ އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާ ފައިގައި ޖެހިފަ އެވެ.
އިންގްލެންޑްގެ ކޭން (ވ) ފޮނުވާލާ ބޯޅަ ނެދަލެންޑްސްގެ ޑި ލީޓް ބްލޮކްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ބަދަލުތައް ގެނެސް އިންގްލެންޑުން ނަތީޖާ ހަމަހަމަކުރަން އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ވަގުތު ނެދަލެންޑްސް އިން ތިން ވަނަ ލަނޑު ޖެހީ ވެސް އިންގްލެންޑް ކުޅުންތެރިންނަށް ފަހަތުން ހެދުނު ގޯހެއްގެ ސަބަބުންނެވެ. އިންްގްލެންޑުގެ ރޮސް ބާކްލީ ފަހަތަށް ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ލިބުނީ ޑިޕާއި އަށެވެ. ޑިޕާއި އެ ބޯޅަ ހުސްކޮށްހުރި ޕްރޯމެސް އަށް ޖައްސާލުމުން އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ވެސް އިންގްލެންޑް ކެޓީ އިތުރުވަގުތުގެ ދެ ހާފްގައި ކުޅެ ކްރޮއޭޝިއާ އަތުން ބަލިވެގެންނެވެ. އިންގްލެންޑްގެ ތަރި ސްޓާލިން ބުނީ މެޗުން ބަލިވީ އަމިއްލަ އަށް ހެދުނު ގިނަ ގޯސްތަކެއްގެ ސަބަބުން ކަމަށާއި މިއީ މޮޅުވެވޭނެ މެޗެއް ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި އޮތް ނެދަލެންޑްސް އެންމެ ފަހުން އޮތް ބައިނަލްއަގްވާމީ ދެ މުބާރާތް ކަމަށްވާ ވޯލްޑް ކަޕާއި ޔޫރޯ އަށް ކޮލިފައިނުވެ އެވެ. އަލުން ޓީމު އާރާސްތުކުރުމުގެ އުއްމީދުގައި ރޮނާލްޑް ކޫމަން ނެދަލެންޑްސްއާ ހަވާލުވީ މިދިޔަ އަހަރު ފެބްރުއަރީ މަހުގަ އެވެ. ކޫމަންގެ ކޯޗުކަމުގައި ނެދަލެންޑްސް އިން ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދީ އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕްގެ ޗެމްޕިއަން ފްރާންސާއި ޖަރުމަނުގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.
ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނީ މިހާރު އޮތް ނެދަލެންޑްސް ޓީމުގެ އޮތީ ވަރަށް އެއްބައިވަންތަ ރޫހެއް ކަަމަށާއި ކާމިޔާބު ލިބުމުގެ ސިއްރަކީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތްކަމަށެވެ. އަދި ފައިނަލަށް ނުކުންނާނީ ވެސް އެ ވިސްނުމުގައި ކަމަށް ބުންޏެވެ.
އިޓަލީ އާއި ބެލްޖިއަމް ފައިނަލް ބުރާ ގާތަށް
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ވަޓްކިންސް ފަހުވަގުތު ޖެހިގޯލުން އިންގްލެންޑް ފައިނަލަށް
ދަތުރުގެ ތާށިކަން ނެދަލެންޑްސް އަށް މައްސަލައަކަށް ނުވާނެ: ކޫމަން
ނެދަލެންޑްސް ބަލިކޮށް ކްރޮއޭޝިއާ ފައިނަލަށް
ބެލްޖިއަމް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރަށް
އިންގްލެންޑް ރެލިގޭޓްވެއްޖެ، އެއް ވަނައިގައި ހަންގޭރީ
ނޭޝަންސް ލީގު ސްކޮޑަށް ލިވަޕޫލްގެ ހެންޑަސަން
ސަޕޯޓަރުން ކުރިމަތީގައި އިނގިރޭސީން ލަދުގަންނަވާލައިފި