Roadha Mihaaru
އޯއައިސީ ސަމިޓަށް ރައީސް ފުރާވަޑައިގެންފި

އޯއައިސީ ސަމިޓަށް ރައީސް ފުރާވަޑައިގެންފި

29 މެއި 2019

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓު އޮންނާނީ އަންނަ ހުކުރު ދުވަހު މައްކާގަ އެވެ. އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.

އޯއިސީ ސަމިޓުގައި ރައީސް ތަގުރީރު ކުރައްވާނެ އެވެ. އަދި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވި އެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިސްލާމީ ގައުމުތަކުގެ ވެރިން އެއްތަންވެ، މި އަހަރު ބާއްވާ ބައްދަލުވުމުގައި ވެސް އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ހިޔާލުތަފާތުވުން އުފެދޭ މުހިއްމު މައްސަލަތަކުގައި، ގައުމުތަކުން ވާހަކަ ދައްކާނެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އޯއައިސީ ސަމިޓަކީ ސައޫދީ އަރަބިއްޔާއާ އެކު ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެ އަށް މަގުފަހިވެގެންދާ ފުރުސަތެކެވެ.