Roadha Mihaaru
ދަރުމަވަންތަ ހޮސްޕިޓަލަށް މުވައްޒަފުން ހޯދަނީ

ދަރުމަވަންތަ ހޮސްޕިޓަލަށް މުވައްޒަފުން ހޯދަނީ

28 މެއި 2019

ދަރުމަވަންތަ ހޮސްޕިޓަލަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދަރުމަވަންތަ ހޮސްޕިޓަލަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރި 25 ބުރީގެ މި ހޮސްޕިޓަލަށް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެން ޑިޕާޓްމެންޓުތަކަށް މުވައްޒަފުން ބޭނުން ވެގެން އިއުލާންކޮށްފައި ވެ އެވެ.

އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނުގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލަށް، 24 ދާއިރާއަކުން 84 މުވައްޒަފުން ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި 35 ރެޖިސްޓާޑް ނަރުހުންނާއި 16 މެޑިކަލް އޮފިސަރުން ހިމެނެ އެވެ. އަދި ރޭޑިއޯގްރާފަރުންނާއި ފްލެބޮޓޮމިސްޓާއި މީޑިއާ އޮފިސަރުން ވެސް ހޯދަން އިއުލާނުގައި ވެ އެވެ. އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމް ކުރިން "މިހާރު"އަށް ވިދާޅުވެފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުން ވަޒީފާ ދޭނީ ހަމައެކަނި ދިވެހިންނަށެވެ. މިހާރު ހިދުމަތް ދެމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލަށް، އައިޖީއެމްއެޗުގެ ބައެއް ޑިޕާޓްމެންޓްތައް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރެޕީގެ އިތުރުން ކުޑަކުދިންގެ އޯޕީޑީ އާއި ތެރެހަށީގެ ހާއްސަ ބަލިތަކަށް ފަރުވާ ދިނުން ވެސް ވަނީ އެތަނަށް ބަދަލުކޮށްފަ އެވެ. މި މަހުގެ ތެެރޭގައި އޯޕީޑީގެ ހިދުމަތް ފަށަން ނިންމާފައިވާއިރު، ރޯދަ މަސް ނިމުމުން އެކްސްރޭ އާއި އެހެން ބައެއް ހިދުމަތްތައް ވެސް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ސަލީމް ވިދާޅުވެފައިވެ އެވެ. އޭގެތެރޭގައި، ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓް ވެސް ހިމެނެ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަންނަ ޖުލައި މަހުގެ ތެރޭގައި އެ އިމާރާތުގެ ހުރިހާ ފްލޯއެއް ބޭނުން ކުރަން ފަށާނެ އެވެ. އާ އިމާރާތް ޑިޒައިން ކޮށްފައި ވަނީ، އައިޖީއެމްއެޗުގައި އިމަޖެންސީ ފަރުވާދޭ ޑިޕާމްޓްމަންޓުން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ.