Roadha Mihaaru
ވިއްސާރާގައި 43 ގެޔަކަށް ފެން ވަދެފައިވޭ: ޑީއެމްއޭ

ވިއްސާރާގައި 43 ގެޔަކަށް ފެން ވަދެފައިވޭ، އެކަމަކު ބޮޑު ގެއްލުމެއް ނުވޭ: ޑީއެމްއޭ

28 މެއި 2019

އިއްޔެ ކުރި ވިއްސާރާގައި ތ. އަތޮޅު ބައެއް ރަށްރަށުގައި ފެންބޮޑުވެ 43 ގެޔަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިއްޔެ ކުރި ވިއްސާރާގައި ތ. އަތޮޅު ބައެއް ރަށްރަށުގައި ފެންބޮޑުވެ 43 ގެޔަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ފެން ވަދެފައި ވަނީ ގުރައިދު އާއި ތިމަރަފުށީގެ އިތުރުން އޮމަދު އާއި ވޭމެންޑޫގެ އިތުރުން ކިނބިދޫގެ ގެތަކަށް ކަމަށް ޑިޒާސްޓާއިން ބުނެ އެވެ.

ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން މިއަދު ވިދާޅުވީ އިއްޔެ ކުރި ވިއްސާރާގައި 43 ގެއަކަށް ފެން ވަދެގެން ކައުންސިލްތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އޭގެން އެއްވެސް ގެއަކަށް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ގެއްލުންތަކުގެ ތަފްސީލު ބެލުމަށް އެސެސްމަންޓްތައް މިހާރު ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ގެއެއްގެ މީހުން އެހެން ގެޔަކަށް ބަދަލު ކުރަން ޖެހޭ ހާލަތަކަށް ނުދޭ. ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެއްޗަށް ގެއްލުން ވެފައި ވަނީ. ތަފްސީލުތައް މިދަނީ ހޯދަމުން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެން ބޮޑުވެފައިވާ ހުރިހާ ރަށަކުން ރޭ މެންދަމު ފެންގަނޑު ހިންދާފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ ސިފައިންނާއި ފުލުހުންގެ އިތުރުން ރަށު ކައުންސިލްތަކާއި އާއްމު ރައްޔިތުން ގުޅިގެންނެވެ.

ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އިއްޔެ ޔެލޯ އެލާޓް ނެރެފައިވާއިރު އެ ސަރަހައްދަށް ވަނީ ބޯކޮށް ވާރޭ ވެހިފަ އެވެ. އިއްޔެ ވިއްސާރަ ނަމަވެސް މިއަދު މޫސުން ރަނގަޅެވެ.