Roadha Mihaaru
އައިސް އޭޖްގެ މޫދު ލޮނު ރާއްޖެ ސަރަހައްދުން ފެނިއްޖެ

20،000 އަހަރު ކުރީގެ މޫދު ލޮނު ރާއްޖެ ސަރަހައްދުން ފެނިއްޖެ

26 މެއި 2019

މީގެ 20،000 އަހަރު ކުރިން ދުނިޔެ ތަޖުރިބާކުރި އެންމެ ފަހުގެ އައިސް އޭޖް ދުވަސްވަރުގެ މޫދު ލޮނު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މީގެ 20،000 އަހަރު ކުރިން ދުނިޔެ ތަޖުރިބާކުރި އެންމެ ފަހުގެ އައިސް އޭޖް ދުވަސްވަރުގެ މޫދު ލޮނު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެ އެވެ.

ޔުނިވަސިޓީ އޮފް ޝިކާގޯގެ ސައިންސްވެރިންގެ ޓީމަކުން ބުނީ މި ލޮނު ފެން ފެނުނީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ "ލައިމްސްޓޯން ޑިޕޮސިޓް" ގެ ތެރެއިން ކަމަށެވެ. މިއީ 100،000 އަހަރަށް ދިގު ދެމިގެން ދިޔަ އައިސް އޭޖް ނިމުނު ދުވަސްވަރުގެ ލޮނު ކަމަށް ވެސް މި ޓީމުން ވަނީ ބުނެފަ އެވެ.

ދިރާސާ ރިޕޯޓެއްގެ މަސައްކަތުގައި ކުރި ތަހުލީލަކުން ލިބުނު މި ލޮނު ފެނަކީ އެންމެ ފަހުގެ އައިސް އޭޖާ ގުޅޭ ގޮތުން މިހާތަނަށް ކަނޑުން ލިބުނު މިފަދަ ހަމައެކަނި ސާމްޕަލްގެ ގޮތުގައި ސައިންސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.

ސައިންސްވެރިން ބުނި ގޮތުގައި މި ސާމްޕަލް ލިބުނީ މާކަނޑުގެ ފުނުގައި ހުރި ލައިމްސްޓޯނާއި އެފަދަ އެއްޗެހި ތޮރުފައިގެން ނެގި ބައިތަކުގެ ތެރެއިންނެވެ. އެގޮތުން، އިންޑިއާ ކަނޑުގައި ރާއްޖޭގެ ރަށްތައް އުފެދިފައިވާ ލައިމްސްޓޯން ޑިޕޮސިޓުން ނެގި ބައިތަކެއް ހައިޑްރޯލިކް ބޭނުންކޮށްގެން ފިއްތައިގެން އޭގެ ތެރޭގައި ހުރި ލޮނު ވަނީ ނެރެފަ އެވެ.

މި ލިބުނު ލޮނު ފޮދު، ސައިންސްވެރިންގެ ދިރާސާ ބޯޓުގައި ޓެސްޓްކުރި އިރު އިންޑިއާ ކަނޑުގައި މިހާރު ހުރި ލޮނަށް ވުރެ ލޮނުކަން ގަދަ އެވެ. އަދި އެހެން ކަނޑުތަކުގެ ލޮނާ ވެސް ތަފާތެވެ. އަދި އިތުރު ޓެސްޓްތައް ކުރުމުން އެނގުނީ މިއީ ކަނޑުގެ ލޮނު މިހާރަށްވުރެ މާ ލޮނު، ފިނި އަދި މާބޮޑަށް ކްލޮރިނޭޓް ވެފައިވާ ދުވަސްވަރެއްގެ ލޮނު ކަމެވެ.

"މި ސާމްޕަލުން ފާހަގަވި ހުރިހާ ކަމަކަށް ބަލާއިރު ވެސް މިއީ އައިސް އޭޖްގެ ލޮނުކަން އެނގޭ. އަދި މިއީ 20،000 އަހަރު ކުރީގެ ލޮނު،" ދިރާސާގައި އިސްކޮށް ހުންނެވި ކްލާރާ ބްލެޓްލާ، ޝިކާޔޯ ޔުނިވަސިޓީގެ ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

މި ދިރާސާއާ ބެހޭ ތަފްސީލް ރިޕޯޓް އަންނަ ޖުލައި މަހު ޝާއިއުކުރާނެ އެވެ.