Roadha Mihaaru
"ވެލި ބަރުކުރި ބޯޓުގެ މައްސަލާގައި ފިޔަވަޅު އަޅާނަން"

ވެލި ބަރުކުރި ބޭރުގެ ބޯޓުގެ މައްސަލައިގައި ފިޔަވަޅު އަޅާނަން: ކަސްޓަމްސް

25 މެއި 2019

ވެލި ބަރުކޮށްފައި އޮއްވައި ލ. ހިތަދޫ ކައިރިން ފެނުނު ބޯޓުން އަމަލުކުރީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ކަމަށާއި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާ އިން ރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެލި ބަރުކޮށްފައި އޮއްވައި ލ. ހިތަދޫ ކައިރިން ފެނުނު ބޯޓުން އަމަލުކުރީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ކަމަށާއި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާ އިން ރޭ ބުނެފި އެވެ.

ހިތަދޫ ކައިރީގައި ވެލި ބަރުކޮށްފައި އޮތް ބޭރުގެ ބޯޓެއް ފެނިގެން ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ބޯޓަށް ވެލި ބަރުކޮށްފައި ވަނީ ނަގަންޖެހޭ ހުއްދަތައް ނެތި އެވެ. އެއީ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެ ކޮށްފައިވާ ބޯޓެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ކަސްޓަމްސުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ އިން ބޭރުން އަންނަ އުޅަނދުތައް ތަންތަނަށް ދިއުމާއި ކަސްޓަމްސްގެ ހުއްދަ ނެތި ތަންތަނުގައި ބަނދަރު ކުރުމާއި މުދާ އަރުވައި، ބޭލުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ސީސީސީސީގެ އުޅަނދު ދަތުރުކުރީ ވެސް އެ ހުއްދަތައް ނެތި ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ވެ އެވެ.

އެ އިދާރާ އިން ބުނީ، އިގްތިސާދީ މަޝްރޫއުތަކަށް އެތެރެކުރާ އުޅަނދުތަކަކީ ކަސްޓަމްސްގެ ހުއްދަ ނެތި އެހެން ބޭނުމެއްގައި ބޭނުން ކުރުން މަނާ އުޅަނދުތަކެއް ކަމަށާއި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"މި މައްސަލަ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށާއި މިކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ،" ކަސްޓަމްސްގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ވެލި ބަރުކޮށްގެން ޗައިނާގެ ބޯޓު ދަތުރު ކުރަމުން ދިޔައީ ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށެވެ. އަދި ހިތަދޫ ކައިރީގައި އެ ބޯޓު މަޑުކުރީ މޫސުން ގޯސްވުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމާ ގުޅިގެން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން ބުނެފައިވަނީ ވެލި ނެގުމުގެ ހުއްދަ އެ ބޯޓަށް ދީފައި ނޯންނާނެ ކަމަށެވެ.