Roadha Mihaaru
"ބީޖޭޕީ މޮޅުވާނެ ކަމަށް ބުނާ އެގްޒިޓް ޕޯލަކީ ފޭކެއް"

ބީޖޭޕީ މޮޅުވާނެ ކަމަށް ބުނާ އެގްޒިޓް ޕޯލަކީ ފޭކެއް: ރާހުލް

22 މެއި 2019

ނިއު ދިއްލީ (މެއި 22) - އިންޑިއާގައި ނިމިގެން ދިޔަ އާއްމު އިންތިޚާބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) މޮޅުވާނެ ކަމަށް ދެއްކި އެގްޒިޓް ޕޯލަކީ މުޅިން ވެސް "ފޭކް" ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (މެއި 22) - އިންޑިއާގައި ނިމިގެން ދިޔަ އާއްމު އިންތިޚާބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) މޮޅުވާނެ ކަމަށް ދެއްކި އެގްޒިޓް ޕޯލަކީ މުޅިން ވެސް "ފޭކް" ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވެއްޖެ އެވެ.

އެޕްރީލް 11 އިން މެއި 19 އަށް ބޭއްވި އިންތިޚާބުން ޕާލަމެންޓުގެ 543 ގޮނޑީގެ ތެރޭން ބީޖޭޕީ އަށް 282-313 އާ ދެމެދުގެ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކާފައިވެ އެވެ.

"އަޅުގަނޑުގެ ގާތް ކޮންގްރެސްގެ މެންބަރުން. ކުރިއަށް އޮތީ މުހިންމު ވަގުތުކޮޅެއް. ވަރަށް ހުޝިޔާރުވެ ތިއްބަވާ. އެއްގޮތަކަށް ވެސް ބިރުގަންނާނެ ކަމެއް ނެތް. ތިޔަ ގެންދަވަނީ ތެދު ހޯދުމަށް މަސައްކަތް ކުރަމުން،" ރާހުލް ގާނދީ ދެއްވި ޓްވިޓާ މެސެޖެއްގައި ވިދާޅުވި އެވެ. "ފޭކް އެގްޒިޓް ޕޯލްތަކުގެ ނަތީޖާ އިން މާޔޫސްވާނެ ކަމެއް ނެތް. ތިޔަ ބޭފުޅުންގެ ބުރަ މަސައްކަތް ބޭކާރުވެގެން ނުވާނެ. އިތުބާރު ކުރައްވާ!"

އެގްޒިޓް ޕޯލްގެ ނަތީޖާ އަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްގެ ނަތީޖާ ދައްކާފައި ވަނީ އަތަލް ބިހާރީ ވަޖްޕާއީގެ ބީޖޭޕީ ސަރުކާރުން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ. އެކަމަކު އެފަހަރު ނަތީޖާ ދެއްކީ މުޅިން ތަފާތުކޮށެވެ. ކޮންގްރެސް އިންތިޚާބު ކާމިޔާބުކޮށް މަންމޯހަން ސިންގުގެ ބޮޑު ވަޒީރުކަމުގައި ސަރުކާރެއް ގާއިމްކުރި އެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ބީޖޭޕީން ކާމިޔާބު ކުރީ 282 ގޮނޑިއާ އެކު އެވެ. އެއީ 30 އަހަރު ދުވަހު ތެރޭ ޕާޓީއަކުން އަމިއްލަ އަށް ޕާލަމެންޓުގެ މެޖޯރިޓީ ހޯދި ފުރަތަމަ ފަހަރެވެ. ކޯލިޝަން ޕާޓްނަރުންގެ ތާއީދާ އެކު ބީޖޭޕީން ވަނީ 334 ގޮނޑި ހޯދައިފަ އެވެ.

އިންޑިއާގެ އާއްމު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 900 މިލިއަން މީހުންގެ ތެރޭން ވޯޓުލީ ގާތްގަނޑަކަށް 600 މިލިއަން މީހުންގެ ވޯޓު ގުނަން ފަށާނީ ބުރާސްފަތި ދުވަހު ހެނދު އަށެއް ޖަހާއިރު އެވެ.