Roadha Mihaaru
ނަފުސާނީ މައްސަލަތަކަށް ޝާހީ އާއިލާގެ ހިދުމަތެއް

ނަފުސާނީ މައްސަލަތަކާ ދެކޮޅަށް ޝާހީ އާއިލާ އިން "ޝައުޓް" ކިޔާ ހިދުމަތެއް ތައާރަފުކޮށްފި

11 މެއި 2019

ނަފުސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އިނގިރޭސި ޝާހީ އާއިލާ އިން "ޝައުޓް" ގެ ނަމުގައި މެސެޖް ކުރެވޭ އާ ހިދުމަތެއް ހުކުރު ދުވަހު ތައާރަފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަފުސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އިނގިރޭސި ޝާހީ އާއިލާ އިން "ޝައުޓް" ގެ ނަމުގައި މެސެޖް ކުރެވޭ އާ ހިދުމަތެއް ހުކުރު ދުވަހު ތައާރަފުކޮށްފި އެވެ.

އެ ހިދުމަތް ލޯންޗްކޮށް ދެއްވީ ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން އާއި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް އެވެ.

ޕްރިންސް ވިލިއަމާއި ކޮއްކޯފުޅު ހެރީ އަކީ ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިކަން އުފައްދައި، އެފަދަ މައްސަލަތަކުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް "ހެޑްސް ޓްގެދާ" ނަމުގައި ޗެރިޓީއެއް ވެސް ލޯންޗްކޮށް، އެ މަސައްކަތުގައި ވަރަށް އިސް ރޯލެއް އަދާ ކުރައްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ.

ކާރު އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް މަންމާފުޅު ޕްރިންސެސް ޑަޔާނާ 1997 ގައި އަވަހާރަވުމާ ގުޅިގެން، ވިލިއަމާއި ހެރީ ވަނީ ދުވަސްތަކެއް ވަންދެން ނަފުސާނީ މައްސަލަތައް ތަޖުރިބާ ވެސް ކުރައްވައިފަ އެވެ.

ޝާހީ އާއިލާ އިން ބުނީ ޓެކްސްޓް މެސެޖް ހިދުމަތެއްގެ ގޮތުގައި ތައާރަފު ކުރި "ޝައުޓް" އަކީ ހަފުތާއެއްގެ ހުރިހާ ވަގުތެއްގައި ވެސް ލިބޭނެ ހިދުމަތެއް ކަމަށެވެ. އެގޮތުން އެކި ކަހަލަ ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

ޝާހީ އާއިލާ އިން އަންނަނީ ނަފުސާނީ މައްސަލަތަކުގެ ވާހަކަ ސިއްރު ނުކޮށް، އެފަދަ ވާހަކަތައް ހިއްސާކޮށް އެކަމުން އަރައިގަންނަން މަސައްކަތް ކުރުމަށް ގިނަ ބަޔަކަށް ހިތްވަރު ދެމުންނެވެ.

ދާދި ފަހުން ޕްރިންސް ހެރީ އާއި އެމެރިކާގެ މަޝްހޫރު ޓީވީ ޝަހުސިއްޔަތު އޯޕްރާ ވިންފްރީ ވަނީ ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން އެޕަލްއާ ގުޅިގެން ޑޮކިއުމަންޓްރީއެއް ގެނެސް ދޭން ނިންމާފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.

މަސައްކަތުގެ މާހައުލުގައި ދިމާވާ ނަފުސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގެ ގޮތުން ވިލިއަމް ވަނީ ޗެރިޓީ "މައިންޑް" އާ ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅު "މެންޓަލް ހެލްތު އެޓް ވޯކްޕްލޭސް ޕްރޮޖެކްޓް" ގެ ނަމުގައި ވެބްސައިޓެއް ވެސް ލޯންޗްކުރައްވައިފަ އެވެ.

"ޝައުޓް" ލޯންޗްކޮށް ދެއްވުމަށް ފަހު، ވިލިއަމް ވަނީ އެ ޕްލެޓްފޯމް މެދުވެރިކޮށް ނަފުސާނީ މައްސަލަތަކަށް ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ މީހުންގެ އަދަދު 4،000 އިތުރު ކުރެއްވުމަކީ އުންމީދެއް ކަމަށް ވިދާޅުވެފަ އެވެ.